ވިޔަފާރި

ލޯން ފަސްކުރަން އެދިފައިވާ ފަރާތްތަކުގެ ލިޔެކިޔުން ފުރިހަމަކުރުމަށް ބީއެމްއެލްއިން މުއްދަތެއް ދީފި


ލޯން ފަސްކުރަން އެދިފައިވާ ފަރާތްތަކުގެ ތެރެއިން ލިޔެކިޔުން ފުރިހަމަ ނުކުރައްވާ ފަރާތްތަކުގެ ލިޔެކިޔުން ފުރިހަމަކުރުމަށް ފުރިހަމަކުރުމަށް ބީއެމްއެލްއިން މުއްދަތެއް ދީފިއެވެ.

ބީއެމްއެލްއިން ބުނީ ލޯނު ފަސްކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ކަސްޓަމަރުންގެ ތެރެއިން މިހާތަނަށް ލިޔެކިޔުން ފުރިހަމަ ނުކުރައްވާ ކަސްޓަމަރުން، ލިޔެކިޔުން ފުރިހަމަކުރުމަށްފަހު 22 ޖޫން 2020 ވަނަ ދުވަހުގެކުރިން ބެންކަށް ހުށަހަޅަންވާނޭކަމަށެވެ.

ކޯވިޑް-19ގެ ސަބަބުން ލިބޭ މާލީ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ވިޔަފާރިތަކަށާއި ވަކިވަކި އާންމުންނަށް ދޫކޮށްފައިވާ ލޯނުތައް ދެއްކުން 6 މަސްދުވަހަށް ފަސްކޮށްދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން ޕާސަނަލް ލޯނުތަކާއި، ވިޔަފާރީގެ ލޯނުތަކާއި، ގެދޮރު ހެދުމަށް ނަގާފައިވާ ލޯނުތައްވެސް މީގެ ތެރޭގައި ހިމެނެއެވެ.

ލޯން ފަސްކުރުމުން ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ބޭންކަށް އެއްވެސް ފައިސާއެއް ދައްކާކަށް ނުޖެހޭނެއެވެ. މި މުއްދަތުގައި އިންޓަރެސްޓް މައްޗަށް ބޭންކުން އިތުރު އިންޓަރެސްޓެއް ނުނަގާނެ ކަމަށާއި، ޖެހިގެން އަންނަ 6 މަސްދުވަހު ކޮންމެ މަހަކަށް ދައްކަން ޖެހޭނީ މިހާރު ލޯނަށް ދައްކަމުންދާ އަދަދަށްވުރެ 20 އިންސައްތަ މަދު އަދަދެއް ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން މަޢުލޫމާތުދެއްވައެވެ.

ލޯނުދެއްކުން ފަސްކުރި ފުރަތަމަ 6 މަސްދުވަހުގެ އިންޓަރެސްޓް، ލޯނަށް ދައްކަންޖެހޭ ފައިސާގެ ތެރޭގައި ހިމެނުމަށްފަހު ލޯނަށް ދައްކަންޖެހޭ ޖުމްލަ ފައިސާ ބާކީ މުއްދަތަށް ބަހާލުމަށް ވަނީ ހަމަޖައްސާފައެވެ. އަދި ލޯނު އަނބުރާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތަށް ވަނީ 6 މަސް ދުވަސް އިތުރުކޮށްފައެވެ.

ލޯނު ފަސްކޮށްދިނުމަށް ބޭނުންވާ ކަސްޓަމަރުންނަށް ސެޕްޓެމްބަރ 2020 ގެ ނިޔަލަށް މިފުރުސަތު ލިބޭނެއެވެ. މިމުއްދަތު ތެރޭގައި ކަސްޓަމަރު ބޭނުން ވަގުތަކު ލޯނު ދެއްކުން ފަސްކޮށްދިނުމަށް އެދެވިދާނެ ކަމަށާއި، ލޯނު އަނބުރާދެއްކުން ފަސްކޮށްދިނުމުގެ މުއްދަތު ގުނަން ފަށާނީ މިކަމަށް އެދި ހުށަހަޅާ މަހުން ފެށިގެނެވެ.