ވިޔަފާރި

ގެޓްސެޓް ޕްރޮގްރާމަށް ހޮވުނު ފަރާތްތައް ތަމްރީންކުރުން


ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ސަރުކާރުން ފައްޓަވާފައިވާ ގެޓްސެޓް ޕްރޮގްރާމުން ލޯނު ލިބުނު ފަރާތްތަކަށް އަމާޒުކޮށްގެން އިކޮނޯމިކް މިނިސްޓްރީން ކުރިއަށް ގެންދިޔަ "އިންކިޔުބޭޝަން" ނުވަތަ ތަމްރީން ޕްރޮގްރާމްގެ ފުރަތަމަ ބުރު ނިންމާ، ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ. ގެޓްސެޓް ޕްރޮގްރާމްގެ ދަށުން ލޯނު ލިބުނު ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ފުރަތަމަ ތަމްރީން ޕްރޮގްރާމް ފުރިހަމަ ކުރި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ، އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އިކޮނޯމިކް މިނިސްޓްރީގެ ސެޓޭޓް މިނިސްޓަރ މުހައްމަދު އާނިސްއެވެ. ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ސަރުކާރުން ތަޢާރަފުކުރި ގެޓްސެޓް ޕްރޮގްރާމުގެ ދަށުން، ލޯނު ލިބުނު 72 ފަރާތެއްގެ ތެރެއިން، "އިންކިޔުބޭޝަން"ގެ ފުރަތަމަ ބުރުގައި 16 ފަރާތަކުން ވަނީ ބައިވެރިވެ، މި ތަމްރީން ޕްރޮގްރާމް ފުރިހަމަކޮށްފައެވެ. ތަމްރީން ޕްރޮގްރާމް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން، އިކޮނޯމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ، މުހައްމަދު އާނިސް ވިދާޅުވީ، ގެޓްސެޓް ޕްރޮގްރާމުން ލޯނު ހަމަޖެހުނު ފަރާތްތައް، އެފަރާތްތަކުގެ ވިޔަފާރި އިތުރަށް ފުޅާކުރުމުގެ ވިސްނުން މިހާރުންސުރެއް ގެންގުޅުން މުހިއްމުކަމަށެވެ. އަދި މިއީ ސީރިއަސްކަމެއްގެ ގޮތުގައި ދެކިގެން، މިފަދަ ޕްރޮގްރާމްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ގެޓްސެޓްގެ ބައިވެރިންނަށް އާނިސް ގޮވާލެއްވިއެވެ. މި އިންކިޔުބޭޝަން ޕްރޮގްރާމާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން ގެޓްސެޓް ޕްރޮގްރާމްގެ މެނޭޖަރ މަހީލް އަލީ ޖަލީލް ވިދާޅުވީ، ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި ބައިވެރިން ހުށަހަޅާފައިވާ ވިޔަފާރީގެ ޕްރޮޕޯޒަލްތައް އިތުރަށް ފުޅާކޮށް، ވިޔަފާރި ރާވާ ހިންގުމުގައި ވިސްނަންޖެހޭނެ ކަންކަމާއި ގުޅޭގޮތުން ބޭނުންތެރި މައުލޫމާތުތަކެއް ފޯރުކޮށްދީފައިވާކަމަށެވެ.މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވި ފަރާތްތަކުން ބުނީ، މިފަދަ ތަމްރީން ޕްރޮގްރާމެއްގެ ސަބަބުން އެފަރާތްތަކުގެ ވިޔަފާރި އިތުރަށް ކުރިއަށްގެންދިޔުމުގައި ބޭނުންވާ ހިޔާލާ މަޝްވަރާ، ކަމާބެހޭ ތަޖުރިބާކާރުން މެދުވެރިކޮށް ލިބިގެންދިޔަކަމަށެވެ. އަދި މި ޕްރޮގްރާމުން ލިބުނު މައުލޫމާތުގެ އަލީގައި ކާމިޔާބު ވިޔަފާރިއެއް ފެއްޓިދާނެކަމުގެ އުއްމީދު އޮތްކަން ބައިވެރިން ވަނީ ފާހަގަކޮށްފައެވެ.ޒުވާން ވިޔަފާރިވެރިން އުފެއްދުމަށްޓަކައި ސަރުކާރުން ފައްޓަވާފައިވާ ގެޓްސެޓް ލޯން ޕްރޮގްރާމްގެ ދަށުން 5 އަހަރު ދުވަހުގެ ތެރޭ ކޮންމެ އަހަރަކުވެސް 40 މިލިއަން ރުފިޔާގެ ލޯން މި ޕްރޮގްރާމްގެ ދަށުން ދިނުމަށް ނިންމާފައިވާއިރު، މި ޕްރޮގްރާމްގެ ދެވަނަ ބުރު ވަރަށް ކައިރި މުސްތަޤުބަލެއްގައި އިޢުލާން ކުރާނެކަމަށް އިކޮނޯމިކް މިނިސްޓްރީން މައުލޫމާތުދެއެވެ. ގެޓްސެޓް ޕްރޮގްރާމަށް 5 އަހަރު ތެރޭ ކަނޑައަޅާފައި ވަނީ 200 މިލިއަން ރުފިޔާއެވެ.