ޚަބަރު

ކޯވިޑް-19: ބަންގްލަދޭޝްގެ ތަޢުރީފް އައިޖީއެމްއެޗަށް


ރާއްޖޭގައި ކޯވިޑް-19 ކޮންޓްރޯލްކުރުމުގެ މަސައްކަތުގައި އައިޖީއެމްއެޗުން އަދާކުރި ރޯލަށް ބަންގްލަދޭޝްއިން ތަޢުރީފްކޮށްފިއެވެ. ރާއްޖެގައި ކޯވިޑް-19 ކޮންޓްރޯލްކުރުމަށް އެހީވުމަށް ބަންގްލަދޭޝް ސަރުކާރުން ފޮނުވި މެޑިކަލް ޓީމް ފުރުމުގެ ކުރިން އައިޖީއެމްއެޗްގެ އިސްވެރިންނާއި ވަނީ ބައްދަލުކުރައްވާފައެވެ.

އައިޖީއެމްއެޗްގެ ޓުވީޓް

މި ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހީމް ސަލީމު ހިމެނޭހެން އައިޖީއެމްއެޗްގައި ކޯވިޑް-19އަށް ފަރުވާދިނުމަށް ހަރަކާތްތެރިވި ޓީމްތަކުގެ އިސް ޑޮކްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި އައިޖީއެމްއެޗުންވަނީ، ރާއްޖޭގައި ކޯވިޑް-19 ކޮންޓްރޯލްކުރުމަށް ބަންގްލަދޭޝް ސަރުކާރުން ފޮނުވި މެޑިކަލް ޓީމުން ފޯރުކޮށްދިން އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފައެވެ. އެގޮތުން ބަލި ކޮންޓްރޯލްކުރުމަށް އެ ޓީމުން ދިން ތަމްރީންތަކަކީ ސިއްޙީ މަސައްކަތްތެރިންގެ މަސައްކަތްތައް އިތުރަށް ފުރިހަމަކޮށްދިންކަމެއްކަން އައިޖީއެމްއެޗުން ވަނީ ފާހަގަކޮށްފައެވެ.

އައިޖީއެމްއެޗްގެ ޓުވީޓް

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ބަންގްލަދޭޝްގެ މެޑިކަލް ޓީމުން ވަނީ ރާއްޖޭގައި ކޯވިޑް-19 ކޮންޓްރޯލްކުރުމުގެ މަސައްކަތުގައި އައިޖީއެމްއެޗުން އަދާކުރި ރޯލަށް ތަޢުރީފްކޮށްފައެވެ. އެގޮތުން ރާއްޖޭގައި ބަލިމަޑުކަމުން ރައްކާތެރިވުމަށް ދުރާލާ އެޅި ފިޔަވަޅުތަކަކީ މިސާލު ލިބިގަންނަންޖެހޭކަމެއްކަން އެ ޓީމުން ވަނީ ފާހަގަކޮށްފައެވެ. އަދި މި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ރާއްޖެއިން ގެންގުޅުނު ހަމަހަމަކަމުގެ ސިޔާސަތު މި ޓީމުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގެ ތެރެއިން އައިޖީމްއެޗުންވަނީ ބަންގްލަދޭޝް ސަރުކާރުން ފޮނުވި މެޑިކަލް ޓީމްގެ މަސައްކަތް ފާހަގަކޮށް އެ ހޮސްޕިޓަލުގެ ފަރާތުން ހަނދާނީ ފިލައެއްވެސް އަރުވާފައެވެ. ބަންގްލަދޭޝް ސަރުކާރުން ފޮނުވި މެޑިކަލް ޓީމްގައި ހިމެނެނީ، ބަންގްލަދޭޝް އާރމީގެ 10 ޑޮކްޓަރުންނެވެ. މި ޓީމް ފުރާ ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ބަންގްލަދޭޝް ސަރުކާރުން ވަނީ ރާއްޖެއިން ކޯވިޑް-19 ކޮންޓްރޯލްކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެކޮ ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ދިހަ ޓަނުގެ ކާބޯތަކެތީގެ އެހީ ރާއްޖެއަށް ފޯރުކޮށްދީފައިވާއިރު ނޭޕާލާއި ބަންގްލަދޭޝްގައި ރާއްޖެ ނާދެވިތިބި 71 ދިވެހިންވެސް ބަނގްލަދޭޝް ސަރުކާރުން ވަނީ ރާޢްޖެ ގެނެސްދީފައެވެ.