ޚަބަރު

މިނިސްޓްރީގެ ނަން ދިރާސާކޮށް، އަސްލަމަށް ރުހުން ހޯދުގެ މައްސަލަ ކޮމިޓީއަށް


މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާންސްޓްރަކްޗަރގެ ނަމުގައި އުފައްދާފައިވާ މިނިސްޓްރީއަށް އައްޔަން ކުރައްވާފައިވާ މިނިސްޓަރު މުޙައްމަދު އަސްލަމަށް ރުހުން ހޯދުމުގެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާކޮމިޓީއަށް ފޮނުވައިފިއެވެ.

ދެ މިނިސްޓްރީއެއް އެއްކޮށްލައި، މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގް ހައުސިންގް އެންޑް އިންފްރާންސްޓްރަކްޗަރގެ ނަމުގައި އުފެއްދެވި މިނިސްޓްރީއަށް މިނިސްޓަރު މުޙައްމަދު އަސްލަމް ޢައްޔަންކުރައްވައި މަޤާމުގެ ފަތްކޮޅު ދެއްވީ އިއްޔެ ބޭއްވެވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. ހައުސިން މިނިސްޓްރީގެ ނަން މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާންސްޓްރަކްޗަރއަށް ބަދަލުކޮށް މިނިސްޓަރުގެ މަޤާމަށް އައްޔަން ކުރައްވާފައިވާ މުޙައްމަދު އަސްލަމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވި މައްސަލަވަނީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީއަށް ފޮނުވާފައެވެ.

އެމަޤާމަށް މުޙައްމަދު އަސްލަމް ރައީސުލްޖުމްހޫރިއްޔާ ހަމަޖއްސަވާފައި މިވަނީ މިދިޔަ ބުރާސްފަތި ދުވަހު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އުވާލައްވައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރގެ ނަން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ނަމަށް ރައީސުލްޖުމްހޫރިއްޔާ ބަދަލުކުރެއްވުމާ ގުޅިގެންނެވެ.

މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން ކުރިން މިނިސްޓްރީ އޮފް ހައުސިން އެންޑް އަރބަން ޑިވެލޮޕްމަންޓުން ކުރަމުންގެންދިޔަ ހުރިހާ މަސައްކަތެއް ދެން ކުރަމުންގެންދާނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިންނެވެ. އަދި އެ މަސައްކަތްތައް ކުރެއްވުމަށްޓަކައި މިނިސްޓްރީ އޮފް ހައުސިން އެންޑް އަރބަން ޑިވެލޮޕްމަންޓްގައި ތިބި މުވައްޒަފުން އާ މިނިސްޓްރީއަށް ބަދަލުކުރެއްވުމަށް ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

މިނިސްޓްރީ އޮފް ހައުސިން އެންޑް އަރބަން ޑިވެލޮޕްމަންޓް އުވާލައްވާފައިވަނީ އެމިނިސްޓްރީ ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި އާމިނަތު އާތިފާ މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެކަމަނާ މަޤާމުން އިސްތިއުފާދެއްވާފައިވަނީ ސިއްޙީ ހާލުކޮޅު ހުރިގޮތުން މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އުޒުރުވެވަޑައިގަތުމާއި ގުޅިގެންކަމަށް ސަރުކާރުންވަނީ ހާމަކުރައްވާފައެވެ.