ޚަބަރު

ފޮރުވާފައިހުރި ރަނާއި ޖަވާހިރު އަޅާފައިވާ ފޮށްޓެއް މީހަކު ހޯދައިފި


ބޮޑެތި ހަޒާނާ ފޮށިތައް ނުވަތަ ޓެރަޝަރ ބޮކްސް ހޯދުމަކީ އާއްމު ގޮތެއްގައި ޚިޔާލީ ވާހަކަތަކުން އަޅުގަނޑުމެންނަށް އިވޭ ވާހަކަތަކެކެވެ. ހަޒާނާތައް ހޯދަން އެކި ޗާޓުތައް ބޭނުންކޮށްގެން ކުރާ މަސައްކަތަކީވެސް އާއްމު ގޮތެއްގައި ފިލްމުތަކުން ފެންނަ މަންޒަރުތަކެކެވެ. ނަމަވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރަނާއި ޖަވާހިރުގެ އެތައް ހަޒާނާއެއް ގެއްލިފައި އެބަހުއްޓެވެ. އަދި އެހޯދުމަށް މަސައްކަތްކުރާ މީހުންވެސް އުޅެއެވެ. މީގެއިތުރުން ބައެއް މީހުން އަމިއްލައަށް ބޮޑެތި ހަޒާނާތައް ފޮރުވުމަށްފަހު، އެ ހޯދުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލާފައިވެސް އެބަހުއްޓެވެ. މިފަހަރު ފެނިގެން މިއުޅެނީ އެފަދަ ޖަވާހިރު ފޮއްޓެކެވެ.

އެމެރިކާގެ ނިއުމެކްސިކޯއަށް ނިސްބަތްވާ 89 އަހަރުގެ މިލިއަނަރެއްކަމަށްވާ، ފޮރެސްޓް ފެން ބުނާގޮތުން އެމެރިކާގެ ރޮކީ މައުންޓަންސް ސަރަޙައްދުގައި އޭނާ ރަނާއި ޖަވާހިރު އަޅާފައިވާ ފޮށި ފޮރުވީ މީގެ 10 އަހަރު ކުރިން 2010 ވަނަ އަހަރުއެވެ. އަދި އޭނާ ވަޅުލި ބްރައުންޒް ފޮށީގައި 5 މިލިއަނެއްހާ ޑޮލަރުގެ އަގުހުރި ޖަވާހިރާއި ރަނާއި ފައިސާ ފޮތި ހިމެނޭނެކަމަށް އޭނާ ބީބީސީއަށް މަޢުލޫމާތުދެމުން ބުނެފައިވެއެވެ.

އަސްކަރިއްޔާގައި ކުރިން ހަރަކާތްތެރިވި ފެން ބުނާގޮތުން، އޭނާ މިތަކެތި ހޯދާފައިވަނީ އެމެރިކާގެ ހުޅަނގު ދެކުނުގެ ސަރަޙައްދަކުންނެވެ. އަދި އޭނާއަށް ކެންސަރު ޖެހުމުން، މަރުވަންދެން ހަޒާނާއާ އެއްކޮށް ފަރުބަދަތަކުގައި ތެރޭގައި އުޅުމަށް ނިންމިކަމަށާއި، ނަމަވެސް އެވިސްނުން ދޫކޮށްލީ އެބަލިން ރަނގަޅުވުމުންކަމަށް ފެން ބުންޏެވެ. އަދި އެއަށްފަހު އެފޮށި ފޮރުވުމަށްފަހު އެ ހޯދުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލިކަމަށް ފެން ބުންނެވެ. އާޓް ޑީލަރެއްކަމަށްވާ ފެން ބުނި ގޮތުގައި ޖަވާހިރު ފޮށި ހޯދުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލީ، އެދުވަސްވަރު ދުނިޔެއަށް ދިމާވެފައިވާ އިޤްތިޞާދީ ދަތި ހާލަތުގެ ސަބަބުން އާއްމު ރައްޔިތުންނަށް އުއްމީދެއް ދިނުމަށްކަމަށެވެ.

ޓްރެޝަރ ބޮކްސް ފޮރުވުމަށްފަހު އެ ހޯދާ މީހުންނަށް އެހީތެރިކަމަށް ދީފައިވާ "ހިންޓް"އަކީ "ދަ ތްރިލް އޮފް ދަ ޗޭސް" ނަމަކަށް ކިޔާ 24 ފޮޅުވަތުގެ ޅެމެކެވެ. މިދިޔަ 10 ވަރަކަށް އަހަރުތެރޭ ގާތްގަނޑަކަށް 350000 އެއްހާ މީހުން އެ ހަޒާނާ ހޯދުމުގެ މަސައްކަތްކޮށްފައިވާއިރު، ފޮރުވާފައިވާ ހަޒާނާ މީހަކު ހޯދިކަން ފެން އިޢުލާންކުރީ މިމަހުގެ 8 ވަނަ ދުވަހުއެވެ. ނަމަވެސް އެހޯދި މީހާގެ އެއްވެސް ތަފްސީލެއް އޭނާއެއް ނުދެއެވެ. ފެން ބުނީ އެމެރިކާގެ އިރުމައްޗަށް ނިސްބަތްވާ މީހާ ހަޒާނާ ހޯދިކަން ޔަޤީންކޮށްދިނީ ފޮޓޯއަކުންކަމަށެވެ.

"އަހަންނަކަށް ނޭނގޭ ކޮންކަހަލަ އިހްސާސެއްކަމެއް ކުރެވެނީ. އުފާވެސްވޭ. ދެރަވެސްވޭ. ދެރަވަނީ ހަޒާނާ ހޯދުމަށް ކުރިއަށްދިޔަ "ޗޭސް" ނިމުނީމަ" ޖަވާހިރު ފޮށި ހޯދިކަން އިޢުލާންކުރުމަށްފަހު ދިން ބަޔާނުގައި ބުންޏެވެ.

ފެންގެ ޖަވާހިރު ފޮށި ހޯދާފައިވާއިރު، މިގޮތަށް އެކި މީހުން ފޮރުވާފައިވާ ވަރަށް ގިނަ ހަޒާނާ ދުނިޔޭގައި އެބަހުއްޓެވެ. އަދި މިފަދަ ބައެއް ހަޒާނާތަކުގެ އަގު 200 މިލިއަން ޑޮލަރާ ގާތްކުރާއިރު، އެ ހަޒާނާތައް ހޯދުމުގެ މަސައްކަތުގައި އެތައް ސަތޭކަ "ޓްރެޝަރ ހަންޓަރސް" ދަނީ ހަރަކާތްތެރިވަމުންނެވެ.