ޚަބަރު

ރައީސް ވަހީދުގެ މައްސަލާގައި މަޖިލީހަށް ކުއްލި މައްސަލައެއް


ކުރީގެ ރައީސް ވަހީދަށް ނިސްބަތްކޮށް މީހަކު އެއްޗެހި ގޮވުމާއި ގުޅިގެން އޭނާ އާއިމެދު ތަޚުޤީޤެއް ހިންގުމަށް ފުލުސްއޮފީހަށް މައްސަލަ ހުށައަޅާފައި ވަނިކޮށް އެކަމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށަހަޅައިފިއެވެ.

މިގޮތުން ޤަރާރު މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އުގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދެވެ. ޤަރާރު މަޖިލީހަށް ބަލައިގަނެފައިވަނީ 33 މެމްބަރުންގެ ވޯޓާއިއެކުގައެވެ. މިޤަރާރަށް ވާހަކަ ދައްކަވަމުން ވަހީދު ވިދާޅުވީ 2008 ވަނަ އަހަރު ރާއްޖޭގައި ޤާއިމްކުރެވުނު ފުރަތަމަ ޑިމޮކްރަޓިކް ރައީސްގެ ވެރިކަން 7 ފެބްރުއަރީ 2012ގައި ވައްޓާލައި އެތައްބަޔަކަށް އަނިޔާކުރި މައްސަލަތަކަކީ އަދާއިހަމައަށްވެސް ބެލިފައިނުވާ މައްސަލަތަކެއްކަމަށެވެ.

ރައީސް ވަހީދަށް އެއްޗެހި ގޮވާފައިވަނީ، ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެގެން ދިޔުމާއި ގުޅިގެން 8 ފެބްރުއަރީ 2012 ގައި އެމްޑީޕީގެ ސަޕޯޓަރުންނާއި ފުލުހުންނާއި ދެމެދު ހިނގައިދިޔަ ހަމަނުޖެހުންތަކުގައި ބޮޑެތި އަނިޔާތަކެއް ލިބުނު އެމްޑީޕީގެ އެކްޓިވިސްޓެކެވެ.

އޭނާ ރައީސް ވަހީދަށް ހަމަލާދެއްވި ކަމަށް ބުނެ، ރައީސް ވަހީދު ކުރެއްވި ޓުވީޓާއި އެކު އެމްޑީޕީގެ އާއްމު މެމްބަރުންވެސް ވަނީ އޭނާގެ ދިފާއުގައި ނުކުމެ ރައްޔިތުންގެ މަޖިލީޙަށްވެސް އެމައްސަލަ ގެނެސްފައެވެ.

ޤަރާރު މަޖިލީހަށް ހުށަހަޅުއްވަމުން، ރައްޔިތުންގެ މަޖިލީހުގެ އުގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވީ، ކުރީގެ ރައީސް ވަހީދަށް ފުރައްސާރަކޮށް ހަޑިހުތުރުބަސް ބޭނުންކުރި މައްސަލާގައި ޝާމިލުވާ އިބްރާހިމް ޖައުފަރު އަކީ ރައީސް ވަހީދު ވެރިކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހު ނުހައްގުން އެތައް އަނިޔާއެއްލިބި އިންސާފު ލިބިފައިނުވާމީހެއްކަމަށެވެ. އޭނާއަށް ލިބިފައިވާ އަނިޔާތަކާއި ގުޅިގެން އޭނާގެ ޝުއޫރު ފާޅުކުރުމަކީ މައްސަލައެއްކަމަށް ހަދައި އިތުރު އަނިޔާތަކެއް ދިނުމަށް އުޅުމަކީ ކަންބޮޑުވާކަމެއްކަމަށެވެ.

މިމައްސަލާގައި ވާހަކަ ދެއްކެވި އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންވަނީ 7 ފެބްރުއަރީއާއި، ޖެހިގެން އައި 8 ފެބްރުއަރީ 2012 ގައި ހިނގައިދިޔަ ކަންކަން ބަލައި ތަހުޤީޤު ކުރުމަށް ގޮވާލައްވާފައެވެ. އެގޮތުން ނުހައްގުން އަނިޔާލިބުނު އެތައް ރައްޔިތުނަށް އިންސާފު ގާއިމްކޮށް ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށް މެމްބަރުންވަނީ ގޮވާލާފައެވެ. އަދި މިއަދު ރައްޔިތުން މަޖިލީހުގެ ބޮޑު މެޖޯރިޓީއަށް އެމްޑީޕީއަށް ދީފައިވަނީ ނުހައްގުން ކޮށްފައިވާ މިފަދަ އަނިޔާތައް ބަލައި ތަޙުޤީގުކޮށް އިންސާފު ޤާއިމްކުރުމަށް ކަމުގައިވެސް މެމްބަރުން ވަނީ ވިދާޅުވެފައެވެ.

7 ފެބްރުއަރީ 2012 ވަނަ ދުވަހަށްފަހު ރާއްޖެއަށް އެތައްގެއްލުންތަކެއް ލިބިފައިވާކަމަށްވެސް އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންވަނީ ވިދާޅުވެފައެވެ. އެގޮތުން އިޖުތިމާޢީ ގޮތުންނާއި، އިޤްތިސާދީގޮތުންވެސް ބޮޑެތި ގެއްލުންތަކެއް ލިބި އަދިވެސް އެކަންކަމުން އަރައިގަނެވިފައި ނުވާ މަންޒަރު ފެންނަން އެބައޮތްކަން އެމެމްބަރުން ފާހަގަކުރެއްވިއެވެ.

މިޖަލްސާގައި ވާހަކަފުޅު ދެއްކެވި މެމްބަރުން ވަނީ 7، 8 ފެބްރުއަރީ 2012 ގައި ހިނގައިދިޔަ ކަންކަމާއިގުޅިގެން އެކުލަވާލި ކޯނީ ރިޕޯޓްގައި ފާހަގަކޮށްފައި ހުރި މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ. އަދި މިކަމުގައި މަޖިލީހުގެ ކޮމިޓީތަކުން ކުރަންޖެހޭ މަސައްކަތްތައްކޮށް މި ރިޕޯޓްގެ މައްސަލާގައި ޝާމިލްވާ އެންމެންގެ މައްސަލަ ބެލުމަށް މެމްބަރުންވަނީ ގޮވާލައްވާފައެވެ.

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންމަނިކު މަނިކަށް ހަޑިހުތުރުބަސް ބޭނުންކޮށް ފުރައްސާރަ ކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ފުލުހުން ވިދާޅުވީ ރައީސް ވަހީދު އިއްޔެ ހެނދުނު ފަތާ ޓްރެކް ސަރައްދުގައި އުޅުއްވަނިކޮށް އެމަނިކުފާނަށް ފުރައްސާރަކުރި މައްސަލައެއް އިއްޔެ ހެނދުނު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެހެންވެ އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން ގެންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ރައީސް ޑރ.ވަހީދުވެސް ވަނީ އެމަނިކުފާނާއި އެމަނިކުފާނު އަނބިކަނބަލުން އިއްޔެ ހެނދުނު ނިކުމެވަޑައިގެން އުޅުއްވަނިކޮށް މީހަކު ފުރައްސާރަކޮށްފައިވާ ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ. އެޓުވީޓް އެމަނިކުފާނު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ސްރީ ލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަގެ އިތުރުން ފުލުހުން ޓެގްކުރައްވާފައެވެ.

ވަޙީދު

ހިތުގެ ލަގަނުން ފިތުނަ އަޅަމުން ޙިތުގެ ކަނޑުލުން ހިތި މަކަހަމުން ނިތުގެ އަނދުނުން ކޫރު އަޅަމުން ބިތުގެ ފަންގަނޑު ރުކުރުވައިގެން ހިތުގެ ލޯބި ގެނުވާ އުދާހުން ފިތުނައިގެ ހޫނު ވީމާ ފެންކަޅި އަރައޭ..... ކިލަނބު ކޯރެއްގެ ފެންގަނޑު ތެރޭގާ... ވަރަށް ވެދުން..