މުނިފޫހިފިލުވުން

ކިއާރާ މިހާރު އެންމެ ބޭނުންވަނީ ކަރަން ޖޯހަރުގެ ކޮމެޑީ ފިލްމެއް ކުޅެލަން


ކިއާރާ އަދްވާނީއަކީ ބޮލީވުޑްގައި މިވަގުތު އެންމެ ޑިމާންޑް ބޮޑު އަންހެން ބަތަލާއިންގެ ލިސްޓުގެ އެންމެ ކުރީގައި ގުނާލެވޭ އެއް ފަންނާނެވެ. "ކަބީރް ސިންގް" އާއި "ގުޑް ނިއުޒް"ގެ ކާމިޔާބީއާއެކު ބެލުންތެރިންގެ މެދުގައި ކިއާރާގެ މަޤްބޫލުކަން ވަނީ އިތުރުވެފައެވެ.

ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ވެބްސައިޓަކަށް ދާދިފަހުން ދިން އިންޓަރވިއުއެއްގައި ކިއާރާ ވަނީ އޭނާގެ ފިލްމީ ހަޔާތާއި ގުޅޭ މުހިއްމު ވާހަކަތަކެއް ދައްކާފައެވެ. ކިއާރާ ބުނިގޮތުން ކާމިޔާބާއި މަޝްހޫރުކަމުގެ ބޭނުން ރަނގަޅުގޮތުގައި ނުހިފިއްޖެނަމަ އޭގެ ނޭދެވޭ އަސަރު މުޅި ކެރިއަރަށާއި އަމިއްލަ ދިރިއުޅުމަށްވެސް ކުރާނެކަން އޭނާ ޤަބޫލުލުކުރެއެވެ. އަދި ޝޯބިޒްގެ ތެރެއިން ދިރިއުޅުމަށް ކޮށްފާނެ ނޭދެވޭ އަސަރު ނުވަތަ އައިސްދާނެ ބަދަލު ކެރިއަރގެ ކުރީކޮޅު ތަޖުރިބާކުރެވުނުކަން ފާހަގަކޮށްފައިވެއެވެ. ނަމަވެސް ފިލްމީ ކެރިއަރުގައި މިހާރު ހުރި ހިސާބަށް އާދެވުނީވެސް އޭނާގެ ޢާއިލާއާއި، ފޭނުންގެ ފަރާތުން ލިބުނު ލޯތްބާއި ހިތްވަރުންކަމަށާއި، އެކަން އަބަދުވެސް ހަނދާނުގައި ބަހައްޓާނެކަމަށް ކިއާރާ ބުންޏެވެ.

ފިލްމީ ކެރިއަރުގައި މިހާރު އެންމެ ބޭނުންވަނީ ކޮންކަމެއްތޯ ސުވާލުކުރުމުން، ޖަވާބުގައި ކިއާރާ ބުނެފައިވަނީ އޭނާ މިހާރު އެންމެ ބޭނުންވަނީ މަޝްހޫރު ޑައިރެކްޓަރ ކަރަން ޖޯހަރުގެ ކޮމެޑީ ފިލްމެއް ކުޅެލުމަށްކަމަށެވެ. އަދި އެދުވަހަކަށް ވަރަށް އިންތިޒާރުކުރާ ކަމަށްވެސް ކިއާރާ ބުނެފައިވެއެވެ.

"އަހަރެން ކަރަން ކުރެން އަހަން ކޮމެޑީ ފިލްމެއް ހަދާކަށް ނުވިސްނަންތޯ؟ ކޮމެޑީ ފިލްމެއް ކަރަން ލައްވާ ޑައިރެކްޓްކުރަން އަހަރެން ވަރަށް ބޭނުން. އޭނާގެ ލޯބީގެ ފިލްމުތަކަކީވެސް ހެއްވާ މަޖާ ރަހަތަކަކާއެކީ އަންނަ ފިލްމްތަކެއް. އަދި އޭނަގެ ޓައިމިންގ ވަރަށް ޕާފެކްޓް. އެހެންވީމަ ކޮމެޑީ ފިލްމެއް ހަދަން ކަރަންއަކީ މޮޅު ޑައިރެކްޓަރަކަށްވާނެ. އަހަރެން ބޭނުން ކަރަން ޖޯހަރުގެ ކޮމެޑީ ފިލްމެއް ކުޅެލަން" ކިއާރާ ބުންޏެވެ.

2014 ވަނަ އަހަރު ބޮލީވުޑަށް ތަޢާރަފުވި ކިއާރާގެ ފިލްމީ ކެރިއަރގެ ފެށުން އެހާ ކާމިޔާބުނުވި ނަމަވެސް، އޭނާއަށް ބެލުންތެރިންގެ މަޤްބޫލުކަން ލިބެން ފެށީ 2016 ވަނަ އަހަރު ރިލީޒްކުރި ކްރިކެޓް ބަޔޯޕިކް "އެމް.އެސް ދޮނީ - ދަ އަންޓޯލްޑް ސްޓޯރީ" މި ފިލްމުންނެވެ. އެފަހުން މިހާތަނަށް ކިއާރާ ކުޅެފައިވާ ފިލްމުތަކުގެ ތެރެއިން އެންމެ ކާމިޔާބު ފިލްމުތަކަކީ 2019 ވަނަ އަހަރު ރިލީޒްލުރި ބްލޮކް ބަސްޓަރ ފިލްމް "ކަބީރް ސިންގް" އާއި ހަމަ އެ އަހަރު ރިލީޒްކުރި "ގުޑް ނިއުޒް" އެވެ.

އުމުރުން 27 އަހަރުގެ ކިއާރާގެ މުހިއްމު ފިލްމުތަކެއް މިއަހަރުވެސް ސިނަމާތަކާއި ހަމައަށް އައުމަށް ދަނީ ތައްޔާރުވަމުންނެވެ. އޭގެ ތެރޭގައި "ލަކްސްމީ ބޮމްބް"، "އިންޑޫ ކީ ޖަވާނީ"، "ޝޭރްޝާހު"، އަދި "ބޫލް ބުލައްޔާ 2" ހިމެނެއެވެ. ނަމަވެސް ކޯވިޑް-19ގެ ސަބަބުން ބޮލީވުޑްގެ މަސައްކަތްތައްވެސް މަޑުޖެހިފައިވާތީ، މި ފިލްމްތައް ބެލުންތެރިންނާއި ހަމައަށް އަންނާނެކަމަށް ބެލެވެނީ އަހަރުގެ ފަހުކޮޅެވެ.