ޚަބަރު

60 ދުވަހަށްފަހު ދިން ބޮޑު ލުޔާއެކު އަނެއްކާވެސް ހަލަބޮލިކަމެއް


މާލެ ފުރަބަންދުކޮށް، ހުއްދައަކާ ނުލައި އާއްމުން ގެއިން ބޭރަށް ނިކުމެ އުޅުން މަނާކޮށްފައި ގިނަ ދުވަސްތަކެއް ވަންދެން ބޭއްވުން މިއީ ރާއްޖޭގައި ތާރީޚްގައި ވެސް އާ ކަމެކެވެ.

ފަރުވާއެއް ހޯދިފައިނުވާ ކޯވިޑް-19 މާލެއިން ފެނުމާއެކު އޭޕްރީލް 15 ވަނަ ދުވަހު މާލެ ފުރަބަންދުކޮށް، މާލޭގައި އެވަގުތު އުޅެމުންދިޔަ މީހުން ވެސް ހުއްދައަކާ ނުލާ ގެއިން ބޭރަށް ނިކުތުން މަނާ ކުރުން ބައެއް މީހުން ބަލައިގަތީ ބަޔަކަށް ބޯން ޖެހުނު ހިތި ބޭހެއްގެ ގޮތުގައެވެ. އަރުތެރޭގައި ހިތި ރަހަ ލީ ނަމަވެސް އެކަން އެއްބަޔަކު ބަލައިގަތީ މިއީ އެންމެންގެ ރައްކަލަކަށް އެޅި ފިޔަވަޅެއްގެ ގޮތުގައެވެ. އެކަން އެގޮތުގައި އޮންނަތާ 60 ދުވަހަށްފަހު މިއަދު މިއީ މާލޭ ފުރަބަންދުކޮށް ފިޔަވަޅުތައް އެޅިފަހުން މިހާތަނަށް އެންމެ ބޮޑު ލުޔެއް ދޭންފެށި ފުރަތަމަ ދުވަހެވެ. ފަތިހު 5 ން ރޭގަނޑު 10.00 އަށް އެއްވެސް ހުއްދައަކާ ނުލާ މިއަދުން ފެށިގެން ބޭރުގައި އުޅެވޭނެގޮތް މިއަދުވަނީ ހަމަޖެހިފައެވެ. މިއާއެކު ހިމޭންކަމަކަށްފަހު އަނެއްކާވެސް މާލޭ މަގުތައް ވަނީ ހަލަބޮލިވެފައެވެ.

އެތައް ހާސް އުޅަނދެއް މަގުމައްޗަށް އެއްފަހަރާ ނިކުމެ އުޅެންފެށުމުން އެއިން އަރާ ދުމާއި އަޑުފައްގަޑުން މީހުންގެ ބޮލަށް ލިބުނު ލުޔަށް ނިމުމެއް އައިސް އަނެއްކާވެސް "އަސްލު މާލޭ"ގެ ދިރިއުޅުން މިއަދު ވަނީ ފެނިފައެވެ.

ހުއްދަ ހޯދުމަކާ ނުލައި މީހުނަށް ގެއިން ބޭރަށް ނިކުމެވިދާނެ ކަމަށް ކަނޑައެޅުމާއެކު މަގުތަކަށް ނިކުތް ބައެއް މީހުންނަކީ އޮފީސްތަކަށް ނިކުތް މީހުނެވެ. އަނެއް ބަޔަކީ ފިހާރަތަކަށް ނިކުތް މީހުންނެވެ. މިސްކިތްތައް ހުޅުވާލުމާއެކު މިސްކިތައް ދާން ނިކުތް މީހުން ވެސް މަދެއް ނޫނެވެ.

"ވަރަށް އުފާވި މިސްކިތްތައް ހުޅުވާލީމަ. ވަރަށް ހިތްދަތި ދުވަސްތަކެއް މި ދިޔައީ މިސްކިތްތައް ބަންދުކޮށްފައި ހުރުމުން،" މިސްކިތައްދާން ބޭރަށް ނިކުމެ އުޅުނު ދުވަސްވީ މީހަކު ބުންޏެވެ.

ފުރަ ބަންދަށް ލުޔަށް ދިން ނަމަވެސް މާލޭ މަގުތައް ދުއްވާ އެއްޗެތިންނާއި ހިނގާ ބިނގާ އުޅޭ މީހުންނާ ހެދި މަގުމަތި ތޮއްޖެހުމަކީ މި ލުއީގެ މަޤުސަދެއް ނޫނެވެ. މާލޭގައި އަދިވެސް މި ބަލި އެބަ އޮތްކަން ހަނދާން ނެތިއްޖެ ނަމަ ފާއިތުވި 60 ދުވަހު މީހުން ގެއިން ނިކުތުން މަނާކޮށް ކަމާ ގުޅޭ އިދާރާތަކުންކުރި މަސައްކަތާއި ވި ގުރުބާނީ ވެގެންދާނީ ބޭކާރު އެއްޗަކަށެވެ. ގައިދުރުކަން އިސްކުރުމާއި ސާފުތާހިރުކަމަށް ދޭން ޖެހޭ ސަމާލުކަމަށް ފަރުވާ ކުޑަކުރެވިއްޖެ ނަމަ ކޯވިޑް19 ރާއްޖޭގައި ފެތުރެމުންދިޔަ ވަރު ކޮންޓްރޯލް ކުރެވިފައިވާ ވަރަށް ވުރެ އެ ބަލި ޖެހޭ މީހުންގެ އަދަދު މައްޗަށް ދިއުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް ޞިއްޙީ މާހިރުންނާއި ކަމާގުޅޭ ތަޖްރިބާކާރުން ވިދާޅުވެއެވެ.