ޚަބަރު

ހަމަހަމަ ފުރުޞަތު ހޯދުމަށް ހުރިގޮންޖެހުން ދެނެގަތުމަށް ގޮވާލާ މަޖިލީހަށް ޤަރާރެއް


އެކި ދާއިރާތަކުގައި އަންހެނުންނާމެދު ކުރާ ތަފާތުކުރުންތަކަށް ނިމުމެއް ގެނެސް، ޤާނޫނުތަކާއި ގަވާއިދުތަކާއި ސިޔާސަތުތަކުގައި އަންހެނުންނާމެދު ގެންގުޅޭ ތަފާތުކުރުން ނައްތާލުމަށްޓަކައި މަޖިލީހުގެ ތެރެއިން ކުރައްންޖެހޭ މަސައްކަތް ކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށަހަޅައިފިއެވެ.

މިޤަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲއެވެ. މިޤަރާރަކީ ދިވެހިރާއްޖޭގައި އަންހެނުންނާމެދު ކުރާ ތަފާތުކުރުންތަކަށް ހުއްޓުމެއް ގެނައުމަށްޓަކައި، ކަމާގުޅޭ ސިޔާސަތުތަކާއި، ނިޒާމާއި ޤާނޫނުތަކާއި ގަވާއިދުތަކުގައި ހުރި ހުރަސްތަކާއި ތަފާތުކުރުންތައް ދެނެގަތުމަށްޓަކައި ޕާލިމަންޓަރީ އިންކުއަރީއެއް ހެދުމަށް ގޮވާލާ ހުށަހަޅާފައިވާ ޤަރާރެކެވެ.

ޤަރާރު ހުށަހަޅުއްވަމުން އީވާ ވިދާޅުވީ ޤާނޫނު އަސާސީގައި ބަޔާންކުރާ އަސާސީ ޙައްޤުތަކާއި މިނިވަންކަން އެއްވެސް ގޮތަކުން ތަފާތުކުރުމެއްނެތި ކޮންމެ މީހަކަށްމެ ލިބިގެންވާކަމާއި އެ ޙައްޤުތަކާއި މިނިވަންކަން ލިބުމުގައި ޖިންސަށް ބަލައި ތަފާތުކޮށްގެން ނުވާނެކަމުގައި ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމަށެވެ.

ދިވެހިރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 49 އިންސައްތައަކީ އަންހެނުން ކަމަށްވާއިރު، އަންހެނުންނާމެދު ކުރާ ތަފާތުކުރުންތަކަށް ނިމުމެއްގެނެސް، އަންހެނުންގެ ފުރިހަމަ ބައިވެރިވުމާއި އަންހެނުންގެ ފުރިހަމަ ހިއްސާ ޤައުމީ ތަރައްޤީގައި އޮތުމަކީ ޤައުމީ ތަރައްޤީގެ ދުވެލި ހަލުވިވެގެންދާނެ ކަމެއްކަމުގައި ވީހިނދު، ކަންކަން ނިންމާ ފެންވަރުގައި އަންހެނުންގެ ބައިވެރިވުން އިތުރުވުމަކީ އަންހެނުންނަށް ކުރިމަތިވާ މައްސަލަތަކަށް ޙައްލު ހޯދައިދިނުމަށް އެޅޭ މުހިންމު ފިޔަވަޅަކަށްވާނެ ކަމަށް އިވާ ވިދާޅުވިއެވެ.

އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް އެންމެ ފަހުން ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި، 12 ޑިސެމްބަރު 2019 ގައި ޢަމަލުކުރަން ފެށި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުން، ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލުތަކަށް އިންތިޚާބުކުރެވޭ މެންބަރުންގެ ތެރެއިން %33 އަންހެނުންނަށް ޚާއްޞަކުރިކުރުމަކީ ޤައުމީ ތަރައްޤީގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަށްޓަކައި އަންހެނުން ބާރުވެރިކޮށް، އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އެޅުނު ވަރަށް މުޙިންމު ފިޔަވަޅެއްކަމަށް.

މުޖުތަމައުގައި އަންހެނުންނަށް ކުރެވޭ އަނިޔާތަކާއި އަދި ޤާނޫނާއި ގަވާއިދުގެ ތެރެއިން އަންހެނުންނަށް ކުރިއަރައި ދިއުމުގައި ހުރި ހުރަސްތަކަކީ ކޮބައިކަން މަޖިލީހުން ޕާލިމަންޓަރީ އިންކުއަރީއެއް ހަދައި އެކަމަށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށް އީވާގެ ޤަރާރުގައިވަނީ ގޮވާލާފައެވެ.