ޚަބަރު

ވަކީލަކު ހަމަޖައްސަން ލުތުފީއަށް 10 ދުވަސް


ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގެ އިސްމޭސްތިރީގެ ގޮތުގައި ހުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ފިލައިގެން އުޅުނު މައްސަލާގައި ދައުލަތުން އުފުލި ދައުވާ އާ ގުޅިގެން ގާނޫނީ ވަކީލަކު ހަމަޖައްސަން 10 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ދީފި އެވެ.

ކްރިމިނަލް ކޯޓުގައި ވީޑިއޯ ކޮންފަރެންސްކޮށް ބޭއްވި އިބްތިދާއީ އަޑުއެހުން ފެށުމަށްފަހު މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު ވަކީލަކު އައްޔަންކުރަން ބޭނުންތޯ ލުތުފީއާއި ސުވާލުކުރެއްވުމުން ލުތުފީ
ބުނީ އެނާ ބޭނުންވަނީ ވަކީލަކު އައްޔަންކުރުމަށްކަމަށެވެ.

ލުތުފީ ވަކީލަކަށް އެދުމުން އެނާއަށް ވަކީލަކު އައްޔަންކުރުމަށް 10 ސުވަހުގެ މުއްދަތެއްދީ އެކަން ހަމަޖައްސާދިނުމަށް ބޭނުންވާ ކަންކަނ ހަމަޖައްސާދިނުމަށް ކަރެކްޝަނަށް އަންގަވާނެކަމަށް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވިއެވެ.

މިއަދުގެ ޝަރީއަތް ކްރިމިނަލްކޯޓުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިޔަށް ގެންގޮސްފައިވަނީ މައްސަލަ އަޑުއަހަން ބޭނުންވާ މީހުންނަސްވެސް އެފުރުސަތު ދީގެންނެވެ.

މާފުށީ މެޖިސްޓްރޭޓް ކޯޓާ ވީޑިއޯ ކޮންފަރެންސްކޮށް ގުޅާލައިގެން ކުރިއަށް ގެންދިޔަ މި އަޑުއެހުމުގައި އެންމެ ފުރަތަމަ ޝަރީއަތުން ޔަގީންކުރީ މި މައްސަލަ ވީޑިއޯ ކޮންފަރެންސްކޮށް ގެންދިއުމުގައި ލުތުފީގެ އެއްވެސް އިއުތިރާޒެއް އޮތްތޯ އެވެ. އަދި ވީޑިއޯ ކޮންފަރެންސްކޮށް ގެންދިއުމުގައި ލުތުފީގެ އެއްވެސް އިއުތިރާޒެއް ނެތް ކަމަށް ބުނުމުން ލިޔުމުންވެސް އޭނާގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމެއް ޝަރީއަތުގެ މަޖިލީހުގައިވަނީ ސޮއިކޮށްފައިއެވެ.

ލުތުފީގެ މައްޗަށް ކޮށްފައިވަނީ ބަންދުކުރާ މަރުކަޒަކުން ފިލުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާގައި ބުނެފައިވަނީ ލުތުފީގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމް ތަންފީޒު ކުރަމުންދަނިކޮށް އެއް އަހަރަށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން އެނާ ފިލާފައިވާކަމަށެވެ. 16 ޖެނުއަރީ 2010 ދުވަހު ލުތުފީ ލަންކާއަށް ދިޔައީ އަމިއްލަ ހަރަދުގައި ބޭސްފަރުވާ ކުރުމަށް ހޯމް މިނިސްޓްރީގެ ހުއްދައާއެކު އެއް އަހަރަށް ދޫކުރި ވަގުތީ ހުއްދައާއެކުއެވެ. އެހެން ނަމަވެސް އޭނާ ވަނީ ރާއްޖެއިން ބޭރަށް ފޮނުވުމުން ދައުލަތުގެ އިދާރާތަކަށް އެންގުމެއް ނެތި 1 މެއި 2019 ވަނަ ދުވަހުގެ ނިޔަލަށް ފިލައިގެ އުޅެފައިކަމަށްް ދައުލަތުގެ ދައުވާގައިވެއެވެ.

ދައުލަތުން ހުށައެޅި ކަންކަމުގެ މައްޗަށް މި ކުށް އޭނާގެ މައްޗަށް ސާބިތުވެއްޖެ ނަމަ އަދަބެއްގެ ގޮތުން 9 މަހާއި 18 ދުވަހުގެ ޖަލުހުކުމެއް އަންނާނެއެވެ. ނަމަވެސް އިބްތިދާއީ އަޑުއެހުމުގެ މި މަރުހަލާގައި ކުށަށް އިއުތިރާފުވެއްޖެ ނަމަ އަދަބު ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމަށް އަދަބު ކުޑަވެގެންދާނެ އެވެ.

ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި 19 ދިވެހިން ޝަހީދުކޮށްލި މައްސަލާގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަން ދިޔަ ލުތުފީ ފިލާފައިވަނީ 2010 ވަނަ އަހަރު ބޭސް ފަރުވާއަށް ފޮނުވުމުންނެވެ. ނުވަ އަހަރު ދުވަހު ފިލައިގެން އުޅުނު ލުތުފީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިދިޔަ އަހަރު ލަންކާގައި ބޮން ގޮއްވި ހާދިސާތަކާއި ގުޅިގެން ވިސާނެތި ދިރިއުޅެމުންދިޔަ މީހުންތައް ހައްޔަރުކުރަން ފެށުމުން ހިމާޔަތް ހޯދުމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ދިޔުމުންނެވެ.

އެމްބަސީގައި ހުއްޓާ ލުތުފީ މާލެ ގެނެސް ޖަލަށްލާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

ނޮވެމްބަރު 3 ވަނަދުވަހު ކުލީ ސިފައިން ގޮވައިގެން ރާއްޖެ އަރާ ކުށެއް ނެތް 19 ދިވަހިން ޝަހީދުކޮށްލި މައްސަލާގައި ލުތުފީގެ މައްޗަށް މަރު ހިފަން ކޯޓުން ހުކުމްކުރި ނަމަވެސް އޭރުގެ ރައީސް މައުމޫން އެ އަދަބު އުމުރު ދުވަހަށް ޖަލަށް ލުމަށް ލުއިކޮށްދެއްވިއެވެ.