ތަރައްްޤީ

ކ. ހުރާ ބިން ހިއްކުމުގެ މަޝްރޫޢު ނިންމާލައިފި


ކ. ހުރާ ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމާލައިފިއެވެ.

ހުރާ ބިން ހިއްކުމުގެ މަސައްކަތް ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީންނެވެ. އެކުންފުންޏާއި މި މަޝްރޫޢު ސަރުކާރުން ހަވާލުކޮށްފައިވަނީ 25 ޖުލައި 2018 ގައެވެ.

މި މަޝްރޫޢުގެ ދަށުން ކ. ހުރާ ފަޅުން 23 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. އަދި 1626 މީޓަރުގެ ރިވެޓްމަންޓް ޖަހާ، ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް އެމް.ޓީ.ސީ.ސީން ކޮށްފައިވެއެވެ. މީގެ އިތުރުން 152 މީޓަރުގެ ބޭރު ތޮށްޓެއްލުމާއި، ރަށްގިރުން ހުއްޓުވުމަށް 150 މީޓަރުގެ ގްރޮއީންސް ވަނީ ލާފައެވެ.

ހުރާ ބިން ހިއްކުމުގެ މަސައްކަތް 25 މާރޗު 2020 ގައި ނިމިފައިވާ ކަމަށް އެމް.ޓީ.ސީ.ސީން މަޢުލޫމާތުދެއެވެ. އަދި މިމަޝްރޫޢުގެ ދަށުން އެކުންފުނިން ކުރަންޖެހޭ އިތުރު މަސައްކަތްތައްވެސް ނިންމުމަށްފަހު، ސައިޓް ޑީމޮބިލައިޒް ކުރުމުގެ މަސައްކަތް މިމަހުގެ 7 ވަނަ ދުވަހު ކޮށްފައިވާކަމަށް އެކުންފުނިން ބުނެއެވެ. މިއީ، ހުރާގެ ރަށްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ހޯދައިދީ، އިތުރު ވިޔަފާރިތަކާއި ޢިޤްތިޞާދީ ހަރަކާތްތަކަށް ހުރާގައި ފުރުޞަތު ދިނުމަށް ކުރިއަށްގެންދިޔަ މަޝްރޫޢުއެކެވެ.

ކ. ހުރާ ބިން ހިއްކުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީން ކޮށްފައިވަނީ 2 ފިޔަވަށްސަކަށް ބަހާލައިގެންނެވެ. އެގޮތުން މަޝްރޫޢުގެ ފުރަތަމަ ފިޔަވަށްސަށް 33 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އަދި ދެވަނަ ފިޔަވަށްސަށް 71 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާއިރު، މުޅި މަޝްރޫޢު އެއްކޮށް ނިންމާލުމަށް ގާތްގަނޑަކަށް 105.05 މިލިއަން ރުފިޔާ ޚަރަދުވެފައިވާކަމަށް އެމް.ޓީ.ސީ.ސީން މަޢުލޫމާތުދެއެވެ.