ޚަބަރު

އައު އާއްމު ހާލަތުގައި ކިޔަވައިދޭނީ 4 ދުވަހު 4 ގަޑިއިރަށް


އައު އާއްމު ހާލަތުގައި ސްކޫލްތަކުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ދުވާލަކު ހަތަރު ގަޑިއިރުކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ފޮނުވި ސަރކިއުލާގައި ވަނީ ސްކޫލަށް ދަރިވަރުން ހާޒިރުވާން ޖެހޭނީ ހަފްތާއަކު ހަތަރު ދުވަހުކަމަށާއި ފަސް ވަނަ ދުވަހު ސްކޫލަށް ޓީޗަރުން ހާޒިރުވެ ކިޔަވައިދޭނެ ބައިތައް ތައްޔާރު ކުރާނެކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ހުއްދަ ލިބުނުހާ އަވަހަކަށް ކިޔަވައިދޭން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން ކިޔަވައިދިނުމަށް ދަރިވަރުންނާއި ޓީޗަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ކުރިން ކިޔަވައިދެމުން އައި ގޮތާ ތަފާތުކޮށް ކަންކަން ތަރުތީބުކުރަން ހަމަޖައްސާފައިވާ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ސަރކިއުލާއާ އެކު ފޮނުއްވި އިރުޝާދުތަކުގައިވަނީ ސްކޫލުތައް އަލުން ހުޅުވާލުން ބަހާލާފައި ވަނީ ތިން ކެޓެގަރީއަކަށްކަން ފާހަގަަކުރައްވާފައެވެ. އެގޮތުން ފުރަތަމަ ކެޓެގަރީގައި ފުރަބަންދުގައި ހިމެނޭ ރަށްރަށުގެ ހުރިހާ ސްކޫލެއް ވެސް ބަންދުވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްރަށުގައި ކީީސްޓޭޖް ހަތަރެއް އަދި ފަހެއް ގެ ދަރިވަރުންނަށް އެކަނި ކިޔަވައިދޭން ވަނީ ނިންމާފައެވެ. މީގެ އިތުރުން ކޯވިޑް-19ގެ އެއްވެސް ކޭސް އެއް ނެތް ރަށްރަށުގައި ހުރިހާ ގްރޭޑެއްގެ ދަރިވަރުންނަށް ވެސް ކިޔަވައިދޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މި ގައިޑްލައިންގައި ވާގޮތުން ކޮންމެ ކީ ސްޓޭޖަކަށް ވެސް ކަނޑައަޅާފައިވަނީ ހަތަރު ގަޑިއިރެވެ. އަދި އެ ވަގުތުތަކުގައި އެންމެ ގިނައިން ވެސް ކިޔަވައިދެވޭނީ ހަތަރު މާއްދާއެވެ. އެއިން ކޮންމެ މާއްދާއެއްވެސް 45 މިނެޓަށް ކިޔަވައިދޭއިރު ހަފުތާއަކު 16 ގަޑިއިރު ކިޔަވައިދެވޭނެކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި ބާކީ ހުރި ވަގުތުތައް ހަމަޖައްސާފައި ވަނީ ސިއްހީ އެސެސްމަންޓުތައް ހެދުމާއި އެސެމްބްލީ އާއި އަތް ދޮވުން ފަދަ ކަންކަމަށެވެ.

މީގެ އިތުރުން ސީދާ ކްލާސްރޫމުގައި ކިޔަވައިނުދެވޭ ބައިތައް ފުރިހަމަކުރަން ގޫގުލް ކްލާސްރޫމް ބޭނުންކުރަން ޖެހެއެވެ. އަދި ކޮންމެ ދެ ހަފުތާއިން އެއް ފަހަރު ޓީޗަރުންނަށް އޮންލައިން ކްލާސްތައްވެސް ގެންދަންޖެހެއެވެ.

ކީ ސްޓޭޖް 1 (ގްރޭޑު 3،2،1،) އަދި ކީ ސްޓޭޖް 2 (ގްރޭޑު 6،5،4)

- މި ގްރޭޑުތަކަށް ހަފުތާއަކު ސްކޫލުގައި ކިޔަވައިދޭނީ 19 ޕީރިއަޑެވެ.
- މި ސްޓޭޖްގެ ދަރިވަރުންނަށް ޓެލިކިލާސް މެދުވެރިކޮށް ހަފުތާއަކު ފަސް ސެޝަން ނަގައިދޭނެއެވެ.

ކީ ސްޓޭޖް 3 (ގްރޭޑު 8،7)

- މި ގްރޭޑުތަކަށް ހަފުތާއަކު ކިޔަވައިދޭން ހަމަޖައްސާފައިވަނީ 18 ޕީރިއަޑެވެ.

ކީ ސްޓޭޖް 4 (ގްރޭޑު 10،9)

- މި ސްޓޭޖްގެ ދަރިވަރުން ކިޔަވަމުން އަންނަ ކެމްބްރިޖް ސިލަބަސް ބުނާގޮތުން، ގްރޭޑު 9 އަދި 10 ގައި ކޮންމެ މާއްދާއަކުން ވެސް ޖުމްލަ 180 ގަޑިއިރު ހަމަކުރަން ޖެހޭނެއެވެ.

ކީ ސްޓޭޖް 5 (ގްރޭޑު 11، 12)

- މި ގްރޭޑުތަކުގެ ދަރިވަރުންނަށް ކިޔަވައިދޭ އެޑެކްސެލް އޭ ލެވެލް ސިލަބަސްގައިވާ ގޮތުން، ދެ އަހަރުގެ ތެރޭގައި ކޮންމެ މާއްދާއަކުން ވެސް 230 ގަޑިއިރު ހަމަކުރަން ޖެހޭނެއެވެ.
- ކީ ސްޓޭޖް 4 އަދި 5 ގެ ދަރިވަރުންނަށް ޓެލިކިލާސް އިން ކޮންމެ ހަފުތާއަކު ވެސް ދެ ސެޝަން ނަގައިދޭނެއެވެ.

މީގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ގައިދުރުކަން ބެހެއްޓުމާއެކު ޚާއްސަ އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދެވޭނެ ކަންކަން ހަމަޖެއްސުމަށްވެސް ސްކޫލްތަކަށް އަންގާފައެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާލުވީ ސްކޫލަށް ހާޒިރުވާން ޖެހޭ ދަރިވަރުންނާއި ހާޒިރުވާން ނުޖެހޭ ނުޖެހޭ ދަރިވަރުން، ޓެލިކިލާސްތަކާއި ގޫގުލް ކްލާސްރޫމް ނުވަތަ އޮންލައިންކޮށް ކިޔަވައިދޭ ސެޝަންތަކުގައި ބައިވެރިވާންވާނެކަމަށެވެ. އަދި މި ދަރިވަރުންގެ ހާޒިރީވެސް މާކް ކުރަންޖެހޭނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ ސްކޫލްތަކަށް އައު އާއްމު ހާލަތުގައި ސްކޫލްތައް ހުޅުވާ ކިޔވައިދިނުމަށް ތައްޔާރުވާން އަންގާފައެވެ. އަދި ސަރުކާރުންވެސް ވަނީ އަންނަމަހު ސްކޫލްތަކުގައި ކިޔަވައިދިނުމަށް ނިންމާފައިވާކަން ހާމަކުރައްވާފައެވެ.

އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޞަތު އަލީ މީގެ ކުރިން ވިދާޅުވެފައިވަނީ އައު އާއްމު ހާލަތުގައި 4 ދަންފަޅިއަށްވެސް ކިޔަވައިދޭން ޖެހިދާނެކަމަށެވެ. އަދި ދަރިވަރުން ކިޔެވުމުގައިވެސް ޑިސްޓެންސްމޯޑް ބޭނުންކުރާނެކަމަށެވެ.

އަލިބެއްޔާ ގެ ތުއްތީދީ

އާދެ ވަރަށް ރަނގަޅު.