ދީން

އިސްލާމްދީނަކީ ލޯތްބާރަހުމާ ހަމްދަރުދީގެދީން- ހަމްޒާ އެންޑްރިއާސް


 ﷲ ސުބުހާނަހޫ ވަތަޢާލާދެކު ލޯބިވެވޭނީ ފުރަތަމަ އަމިއްލަ ނަފްސުދެކެ ލޯބިވެގެންކަމަށް އިނގިރޭސި ވިލާތުގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ހަމްޒާ އެންޑްރިއާސް ވިދާޅުވެއްޖެއެވެ.ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި އިސްލާމިކް މިނިސްޓްރީން ކުރިޔަށްގެންދަވާ ސިލްސިލާ ޕްރޮގްރާމް" ދަމެސެޖް" ސިލްސިލާގެ ތެރޭން ރޭ އިސްލާމީ މަރުކަޒުގައި ދަރުސްދެއްވަމުން ހަމްޒާ ވިދާޅުވީ ތިމާ އަމިއްލަ ނަފްސަށް ލޯބިވެވޭނަމަ ތިމާހެއްދެވި ފަރާތްދެކެ ލޯބިވެވޭނެކަމަށް."ސަލާމަތްކަމާ އަމާންކަން ލޯތްބާ ހަމްދަރުދީގެ ދީން" މިމައުޟޫއަށް ދަރުސްދެއްވަމުން ހަމްޒާ ވިދާޅުވީ ބައެއް މީޑިޔާތަކުން އިސްލާމްދީނާ ޓެރަރިޒަމްފަދަ އެކިއެކި ނޭދެވޭ ކަންކަމާ ގުޅިވި ނަމަވެސް އިސްލާމްދީނަކީ ލޯތްބާ ރަހުމާ ހަމްދަރުދީގެ ދީނެއްކަމަށެވެ. ލޯބީގެ ހިމެނޭ ވައްތަރުތައް ބަޔާންކުރައްވަމުން ހަމްޒާ ވިދާޅުވީ މިހުރިހާ ވައްތަރެއްގެ ލޯބީގެ ތެރޭންވެސް  އެންމެ މަތިވެރި ލޯތްބަކީ ކަލާންގެ ދެކެވާ ލޯބިކަމަށެވެ. އެއީ ކަލާނގެއާ އަޅާއާ ދެމެދު އޮންނަ ލޯތްބަކީ ނިމުމެއްނެތް ލޯތްބެއްކަމަށް ވާތީކަން ހަމްޒާ ފާހަގަކުރެއްވިއެވެ. ހަމްޒާ ވިދާޅުވީ  އަހަރެމެންނަށް ކަލާނގެ ދެކެ ލޯބިވާންވީ ގޮތް ދަސްކޮށްދެއްވާފައިވަނީ ކީރިތި ރަސޫލާ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމްކަމަށާ، ﷲ އަށް ލޯބިވާނަމަ އެކަލާންގެ ރަސޫލާދެކެ  ލޯބިވާންޖެހޭކަމަށެވެ.ހަމްޒާ ވިދާޅުވީ ލޯބިވުމެކޭ އެއްފަދައިން ލޯބިވާކަން އަނެކާއަށް އަންގައިދިނުންވެސް އެހާ މުހިންމުކަމަށެވެ. އެގޮތުން މައިންބަފައިން ދަރިންދެކެ ލޯބިވާނަމަ އެވާހަކަ ދަރިންގާތު ބުނަންޖެހޭކަމަށާ، ލޯބިވާ ވާހަކަ އެމީހަކަށް އަންގައިދިނުމަށް ދީނުގައި ބާރުއަޅާފައިވާކަމަށެވެ. ހަމައެގޮތަށް ތިމާއަމިއްލަ ނަފްސަށް އެދޭފަދައިން އަނެކާއަށްވެސް އެދެންޖެހޭކަމަށާ އެގޮތުން ރާއްޖޭގެ ރައްޔިތުންވެސް ރާއްޖެ ޒިޔާރަތްކުރާ ފަރާތްތަކަށް އިސްލާމްދީނުގެ މަތިވެރިކަން އަންގައިދީ ދީނާބެހޭ މައުލޫމާތު ޙިއްޞާކޮށްދެއްވުމަށް ޝައިޚް އެދިވަޑައިގެންނެވިއެވެ. އިނގިރޭސި ވިލާތުގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ހަމްޒާ އެންޑްރިއާސް ރޭ ދެއްވި ތަގްރީރަކީ ދަ މެސެޖް ސިލްސިލާގެ ތެރޭން ބޭއްވުނު ހަތްވަނަ ދަރުސެވެ. މި ސިލްސިލާގެ ދަށުން ސެޕްޓެމްބަރުމަހު ދަރުސް ދެއްވުމަށް ދެން ވަޑައިގަންނަވާނީ އުސްތާޒާ ޔާސްމިން މޯގަހެޑްކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.