ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭތީ، މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އެ ސަރަހައްދަށް ނެރެފައިވާ ޔެލޯ އެލަރޓްގެ ވަގުތު ތިންވަނަ ފަހަރަށް އިތުރުކޮށްފިއެވެ.
މިގޮތުން މިފަހަރު ޔެލޯ އެލަރޓް ނެރެފައި ވަނީ ގއ. އިން ފެށިގެން އައްޑޫ ސިޓީއަށް މިއަދު މެންދުރު 15:00 އިން 19:00 އަށެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް އާއްމުގޮތެއްގައި 18 މޭލަށް ވައިގަދަވާނެ ކަމަށާއި ވިިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ. އަދި މި ވަގުތުތަކުގައި ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 5 ފޫޓާއި ދެމެދުގެ މިންވަރެއްގައި ކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.
ރާއްޖޭގެ އެހެން ހިސާބުތަކަށް މޫސުން ލަފާކުރެވޭ ގޮތަށް ބަލާއިރު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އަދި ހުޅަނގު ދެކުނާއި ހުޅަނގުން، ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ.
ބޯކޮށް ވާރޭވެހި ވިލާގަނޑުގައި ވައިގަދަ ވާނެކަމަށް ލަފާކުރެވޭތީ އާއްމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ.