ޚަބަރު

ލުއިތަކާއި އެކު ފިހާރަތަކުން ހިދުމަތްދޭގޮތް ފުލުހުންނާއި ކައުންސިލުން ބަލަނީ


މާލޭ ސިޓީގެ ފުރަބަންދުގެ ދެވަނަ ފިޔަވަހީގައި ދޭ ލުއިތަކާއި އެއްގޮތައް ހިދުމަތްދެމުންދޭތޯ ކަށަވަރުކުރުމަށް ސިޓީ ކައުންސިލާއި ފުލުހުން ތައްޔާރުވާން ފަށައިފި އެވެ.

މާލޭގެ ފުރަބަންދަށް ދެވޭ ލުއިތަކުގެ ދެވަނަ ފިޔަވަހީގައި ތެރޭގައި ފިހާރަތަކުން ހިދުމަތް ދޭއިރު ގެންނަން ޖެހޭ ބަދަލުތަކެއް ހުރެ އެވެ. އޭގެ ތެރޭގައި ފިހާރަތެރެއަށް އެއްފަހަރާ ވަދެވޭނެ މީހުންގެ އަދަދު ފިހާރައިގެ ބޭރުގައި ފެންނަން ހުންނަން ޖެހޭނެއެވެ.

މާލޭ ސިޓީ ކައުންސިލުން ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮތުން އެ ބަދަލު ގެންނައިރު އެއް ފަހަރާ ފިހާރައަށް ހިދުމަތް ހޯދުމަށް ވަދެވޭނީ ދެ މީހުންނަށްކަން އަންގައިދޭނެ ސްޓިކް ފިހާރައިގެ ބޭރުގައި ހަރުކޮށްފައި ހުންނަން ޖެހެ އެވެ. އެހެންވެ އެކަން ސިޓީ ކައުންސިލާއި ފުލުހުން ގެންދާނީ ކަށަވަރުކުރަމުން ކަމަށް މާލެ ސީޓީ ކައުންސިލުން ވަނީ ވިދާޅުވެފައި އެވެ.

ހޯމަ ދުވަހުން ފެށިގެން މާލޭ ސިޓީގައި އާއްމުންނަށް ބޭރަށް ނިކުމެ އުޅެވޭނެ އެވެ. އަދި ކުރިއެކޭ އެއްގޮތައް ވިޔަފާރިކުރާ ތަންތަންވެސް ހުޅުވުމަށް މިހާރު ވަނީ ހުއްދަ ދީފައި އެވެ.

މިގޮތުން ޚިދުމަތްދޭއިރު ފިހާރަ ބޭރުގައި އިޖްތިމާއީ ގައިދުރުކަން ދެމެހެއްޓުމަށް މީހުން ތިބެންވާ ދުރުމިން އެނގޭނެހެން ބިންމަތީގައި ޖަހަންޖެހޭ ނިޝާންތައް ޖެހުމަށް މީގެ ކުރިން އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައި އެވެ. އަދި ކޮންމެ ފިހާރައަކަށްވެސް އެއްފަހަރާ އެންމެ ގިނަވެގެން ވަދެވޭނެ މީހުންގެ ޢަދަދު އެނގޭނެހެން ނޯޓިސް ހަރުކޮށްފައި ހުންނަން ޖެހޭނެކަމަށްވެސް އެޗްޕީއޭއިން ވަނީ ވިދާޅުވެފައި އެވެ. އަދި ބަންދު ތަންތަނަށް ވަންނައިރު އަތަށް އަންގި ލެއްވުމާއި، އަނގަޔާއި ނޭފަތް ނިވާވާނެހެން މާސްއެޅުން ފަދަ ކަންކަން ކުރުމަށް ފިހާރަތުގައި ޚިދުމަތް ދޭ މީހުންނާއި ޚިދުމަތް ހޯދާ މީހުން ސަމާލުވާން ޖެހޭނެކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެފައިވެ އެވެ.