މުނިފޫހިފިލުވުން

އަޔުޝްމަން އާއިއެކު މަސައްކަތްކޮށްލުމަކީ ލިބުނު ޝަރަފެއް: އަމީތާބު


އަޔުޝްމަން ކުރާނާ އާއިއެކު ފިލްމެއްގައި މަސައްކަތް ކޮށްލުމަކީ ލިބުނު ބޮޑު ޝަރަފެއްކަމަށް ބޮލީވުޑް ސުޕަރސްޓަރ އަމީތާބު ބަޗަން ބުނެފިއެވެ.

މި ދެ ފަންނާނުން އެކުގައި ފެނިގެންދާ "ގުލާބޯ ސިތާބޯ" ވަނީ ވީޑިއޯ އޮން ޑިމާންޓްގެ ޚިދުމަތްދޭ ޑިޖިޓަލް ޕްލެޓްފޯމެއްކަމަށްވާ އެމެޒަން ޕްރައިމްގައި މިމަހުގެ 12 ވަނަ ދުވަހު ރިލީޒްކޮށްފައެވެ. ހެއްވާ މަޖާ ވާހަކައަކަށް ތައްޔާރުކޮށްފައިވާ މި ފިލްމުގައި އަމީތާބާއި އަޔުޝްމަންގެ އިތުރުން ލީޑްރޯލުން ދެން ފެނިގެންދާނީ ސަބޫރް އެލީއެވެ.

މި ފިލްމާގުޅޭގޮތުން ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ފިލްމްފެއަރއަށް ދިން އިންޓަރވިއުއެއްގައި ވާހަކަދައްކަމުން ގުލާބޯގެ ރޯލު ކުޅެފައިވާ އަމީތާބު ވަނީ އޭނާގެ ކޯ-ސްޓަރ އަޔުޝްމަންއަށް ވަރަށް ބޮޑަށް ތަޢުރީފުކޮށްފައެވެ. އެގޮތުން އަޔުޝްމަންއަކީ ބޮލީވުޑުގައި މިވަގުތު ހުރި އެންމެ އުއްމީދީ އެއް ތަރިކަން ފާހަގަކޮށް، އޭނާގެ ފަރާތުން ކޮންމެ ފިލްމެއްގައިވެސް ތަފާތު ކެރެކްޓަރއަކާއި އާދަޔާ ޚިލާފު މޮޅު އެކްޓިނެއް ފެނިގެންދާކަމަށް އަމީތާބު ބުންޏެވެ. އަދި އަޔުޝްމަންގެ ފުށުން އޭނާއަށްވެސް މުހިއްމު ކަންތައްތަކެއް ދަސްވިކަމަށާއި، މި ފިލުމުގައި އަޔުޝްމަން އާއިއެކު މަސަައްކަތް ކޮށްލުމަކަކީ ލިބުނު ޝަރަފެއްކަމަށް އަމީތާބު ވަނީ ބުނެފައެވެ.

"ކޮންމެ ފިލްމެއް ކުޅުން ކަމުގައިވިޔަސް، އެކުގައި މަސައްކަތްކުރާ ތަރިންނާއެކު އޮން އަދި އޮފް ކެމެރާގައި ރަނގަޅު ގުޅުމުގެ ޤާއިމުވެފައި އޮންނަންޖެހޭނެކަމަށް އަހަރެން ޤަބޫލުކުރަން. އަޔުޝްމަނާއެކުވެސް ރަނގަޅު ގުލުމެއް މިހާރު އުފެއްދިއްޖެ. ގިނަ ކަންތައްތަކެއް ދަސްވެއްޖެ. އުއްމީދަކީ އަޔުޝްމަނަށްވެސް ގިނަ ކަންތައްތަކެއް އަހަރެންގެ ފުށުން ދަސްވާނެކަމަށް" އަމީތާބު ބުންޏެވެ.

"ގުލާބޯ ސިތާބޯ"ގެ ޕޯސްޓަރާއި، ފިލްމްގެ ޓްރެއިލަރ އާއްމުކުރުމާއެކު އެންމެ ގިނަ ބަޔަކު އަޅައިގަތީ ފިލްމުގައި އަމިތާބު ގެނެސްދޭ ގުލާބޯ ކެރެކްޓަރއަށެވެ. މި ކެރެކްޓަރ ކުޅުމަށް އަމީތާބު ވަނީ އޭނާގެ މޫނުމައްޗަށް ބަދަލުތަކެއް ގެނެސް "ފޭސް ޕްރޮސްތެޓިކް" ހަދާފައެވެ.

މިކަމާގުޅޭގޮތުން ފިލްމްފެއަރ އިން ކުރި ސުވާލަކަށް ޖަވާބުދެމުން، އަމީތާބު ބުނީ، ކެރެކްޓަރއަށް ފިޓްވާން ހަދަންޖެހޭ މޭކަޕްތަކުގެ ކަންކަން ދިޔައީ އޭނާ ހީކުރިގޮތާއި ޚިލާފަށް، ވަރަށް ފަސޭހާކޮށްކަމަށެވެ. އެގޮތުން ގުލާބޯގެ ކެރެކްޓަރ ކުޅުމަށް އަމީތާބު ވަނީ ބޮޑު ނޭފަތެއް ޖަހާފައެވެ. އަދި ގުލާބޯގެ ލުކް ގެނައުމަށްޓަކައި އެންމެ ގިނަ ވަގުތުނެގީ ނޭފަތް ބައްޓަންކުރަންކަމަށާއި، ނޭފަތް ސެޓުވުމާއެކު މޭކަޕްގެ ކަންކަން އަވަސްވެގެންދިޔަކަމަށް އަމީތާބު ބުންޏެވެ.

"ގުލާބޯގެ ލުކް ގެނައުމަށް އެންމެ ގިނަ ވަގުތުނެގީ ނޭފަތް ސެޓްކުރަން. ނޭފަތް ސެޓުވުމާއެކު މުޅި މޫނަށް ބޮޑެތި ބަދަލުތަކެއް އައި. ދެން އެއަށް ބަލައިގެން މޫނުގެ މޭކަޕާއި، އައިނާ އެއްޗެހި ފައިނަލްކުރީ. މި ރޯލުކުޅޭކަށް އަހަރެންގެ ހަށިގަނޑަކަށް މާބޮޑެތި ބަދަލުތަކެއް ގެންނާކަށްނުޖެހުން. އެހެންވެ ފަސޭހަވި ކެރެކްޓަރއަށް ފިޓްވާން" އަމީތާބު ބުންޏެވެ.

ބޮލީވުޑް ސުޕަރސްޓަރ އަމީތާބު ބަޗަން އާއި މިހާރު އެންމެ ކާމިޔާބު އެއް ތަރި އަޔުޝްމަން ކުރާނާ އެކުގައި ފެނިގެންދާ "ގުލާބޯ ސިތާބޯ" ޕްރިމިއަރކުރުމާއެކު، ފިލްމާމެދު އެކި ފަރާތްތަކުން އަންނަނީ ތަފާތު ޝުޢޫރުތައް ފާޅުކުރަމުންނެވެ. އަޔުޝްމަން ބޮލީވުޑަށް ތައާރަފުކޮށްދިން ޑައިރެކްޓަރ ސުޖިތު ސަރްކަރ ޑައިރެކްޓް ކޮށްފައިވާ މި ފިލްމްގެ ޕްރޮޑިއުސަރުންނަކީ ރޯނީ ލެހެރީއާއި ޝީލް ކުމާރުއެވެ. މިއީ އަމީތާބުވެސް ސުޖިތު އާއިއެކު މަސައްކަތް ކުރާ ދެވަނަ ފަހަރެވެ. އަމީތާބު ކުރިން ސުޖިތު އާއެކު މަސައްކަތްކޮށްފައިވަނީ "ޕީކޫ" ގައެވެ.

"ގުލާބޯ ސިތާބޯ " މި ފިލްމްގެ ސްކްރީން ޕްލޭ ލިޔެފައި ވަނީ މީގެކުރިން ސުޖިތުގެ ޑައިރެކްޝަން ދަށުން ސްކްރީނަށް ނެރުނު "ޕީކޫ" އާއި "އޮކްޓޯބަރ"ގެ ވެސް ސްކްރީން ޕްލޭ ލިޔެދިން ޖޫހީ ޗަތުރަވެދީއެވެ.