ވިޔަފާރި

ކޮންސްޓްރަކްޝަން ސާމާނުގެ ރަނގަޅު ސްޓޮކެއް އެބަހުރި- އެސްޓީއޯ


ކޮންސްޓްރަކްޝަން ދާއިރާއަށް ބޭނުންވާ ތަކެތީގެ ރަނގަޅު ސްޓޮކެއް އެބަހުރި ކަމަށާއި ކޮންސްޓްރަކްޝަން ސާމާނު ކަސްޓަމަރުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމްތައް ހަމަޖައްސާފައިވާކަމަށް އެސްޓީއޯއިން ހާމަކޮށްފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެސްޓީއޯގެ ފިއުލް، ލޮޖިސްޓިކް އަދި ކޮންސްޓްރަކްޝަންގެ ޖެނެރަލް މެނޭޖަރ އަބްދުލް ވާހިދު މޫސާ ވިދާޅުވީ ކޯވިޑް-19ގެ މިހާލަތަށް ކުރިއާލާ ތައްޔާރީތައް ވެގެންތިބި ކަމަށެވެ.

މާލެ ސަރަހައްދު ފުރަބަންދަކަށް ދިޔަ ނަމަވެސް އަތޮޅުތެރޭގައި ކޮންސްޓްރަކްޝަން ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާ ކަމަށާއި، އެފަރާތްތަކަށް ތަކެތި ލިބޭނެ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށް ވާހިދު ވިދާޅުވިއެވެ.

"ރިސޯޓު ތަރައްޤީކުރުމުގެ މަސައްކަތާއި، އަތޮޅުތެރޭގައި މިސްކިތްތައް އެޅުމާއި ސްކޫލްތަކުގެ އިމާރާތްކުރުމުގެ މަސައްކަތްތައް ކުރިއަށް އެބަދޭ، މި ހާލަތް އައި ދުވަހުން ފެށިގެންވެސް ތިލަފުށީގައި ހުންނަ އެސްޓީއޯ ކޮންސްޓްރަކްޝަންގެ މައި ވެއަރހައުސް ބަންދުނުކޮށް ކުރިއަށްގެންދިޔައިން، ތިލަފުށިން ކޮންސްޓްރަކްޝަން ސާމާނު ފަސޭހައިން ލިބޭނެ އިންތިޒާމްތަކެއް ޤާއިމްކުރިން،" ވާހިދު ވިދާޅުވިއެވެ.

ކޮންސްޓްރަކްޝަން ސާމާނުތަކުގެ ދަތިތަކެއް ކުރިމަތި ނުވާނެ ކަމުގެ ޔަޤީންކަންވެސް ވާހިދުވަނީ ދެއްވާފައެވެ.

އެސްޓީއޯ ކޮންސްޓްރަކްޝަންއިން ދަނީ ރާއްޖެއަށް ފުޅާ ދާއިރާއެއްގައި ހިލަ، ހިލަވެލި، ހިމުންވެލި، ސިމެންތި އަދި ދަގަނޑުގެ ބާވަތްތަކާއި، އިމާރަތްކުރުމަށް ބޭނުންވާ އެހެނިހެން ސާމާނުތައް ރާއްޖެއަށް ގެނެސް ވިއްކަމުންނެވެ.

ފުރަބަންދާއި ގުޅިގެން ބަންދުކުރުމަށްފަހު މާލޭގައި ހުންނަ އެސްޓީއޯ ކޮންސްޓްރަކްޝަން ގުދަން ހުޅުވާ ޚިދުމަތްދޭން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. މިއާއެކު އިމާރާތްކުރުމާ ގުޅޭ މުދާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތްވެސްވަނީ ފަށާފައެވެ.