ޚަބަރު

އައްޑޫ ސިޓީން ކޯވިޑް 19 އަށް ދިވެއްސަކު ޕޮޒިޓިވްވެއްޖެ


އައްޑޫ ސިޓީން ކޯވިޑް 19 އަށް ދިވެއްސަކު ޕޮޒިޓިވްވެއްޖެއެވެ.

މިމީހާއަކީ އައްޑޫ ސީޓީގައި ޤާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީ އީކުއެޓަރ ވިލެޖްގައި ކަރަންޓީންކޮށްފައިވާ މީހެއް ކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން މުހައްމަދުމަބްރޫކް އަޒީޒު ވިދާޅުވިއެވެ.

އައްޑޫ އިން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ އުމުރުން 65 އަހަރުގެ ދިވެހި އަންހެނެކެވެ.

މިއަންހެން މީހާއަކީ މާލެއިން އައްޑުއަށް ގޮސް ކަރަންޓީން ފެސިލިޓީގައި ހުރި މީހެކެވެ. ކަރަންޓީންގައި އޭނާއާއެކު އޭނާގެ އަންހެން ދަރިފުޅުވެސް އެކޮޓަރީގައި ހުރި ކަމަށާއި އެހެން ނަމަވެސް އެކުއްޖާގެ ޓެސްޓް ނެގެޓިވްވެފައިވާ ކަމަށް މަޢުލޫމާތުލިބިފައިވެއެވެ.

މިއީ އައްޑޫ ސިޓީން ކޯވިޑް-19 އަށް ފައްސިވި ފުރަތަމަ މީހާއެވެ. މީގެ ކުރިން އައްޑޫ ސިޓީން މީހަކު ކޯވިޑް-19 އަށް ފައްސިވި ނަމަވެސް ފަހުން ނެގި އޭނާގެ ޓެސްޓުތައްވަނީ ނެގެޓިވްވެފައެވެ.

މިމީހާއާކު މިހާތަނަށް ކޯވިޑް-19 ރާއްޖެއިން 1977 މީހުންވަނީ ޕޮޒިޓިވްވެފައެވެ. މީގެތެރެއިން 1,153 މީހަކުވަނީ މިބަލިން ރަނގަޅުވެފައެވެ. ރާއްޖޭގައި މިހާރު ކޯވިޑް-19އަށް ފަރުވާ ހޯދަމުން ދަނީ 813 މީހުންނެވެ. މިބަލީގައި ރާއްޖެއިން 8 މީހުންވަނީ މަރުވެފައެވެ.