ޚަބަރު

ހުޅުދެލީ ޒުވާނުން ނަމޫނާއެއް، ރައްޔިތުން ނިކުތުމުގެ ކުރިން ރަށް ސާފުކޮށްފި


ހުޅުދެލި އާއްމު ހާލަތަކަށް ބަދަލުވުމަށް ތައްޔާރުވުމުގެ ގޮތުން ޒުވާނުން ނުކުމެ އެރަށުގެ ތުނޑިމަތި ސާފުކޮށްފިއެވެ. ހުޅުދެލި އައިލެންޑް ޔޫތު އެސޯސިއޭޝަނުން އިސް ނަގައިގެން ކުރިޔަށް ގެންދިޔަ މި މަސައްކަތުގައި އެރަށުގެ ގިނަ އަދަދެއްގެ ޒުވާނުން ވަނީ ބައިވެރިވެފައެވެ.

މި މަސައްކަތުގައި އިސްކޮށް އުޅުނު ޒުވާނަކު ބުނީ ޒުވާނުން އެކުވެ ނުކުމެ، ސާފުކުރީ އާއްމުކޮށް ރަށުގެ ރައްޔިތުން މޫދަށް އެރި ހިތްހަމަ ޖައްސާލަން ނުކުމެ އުޅޭ ސަރަހައްދުކަމަށެވެ. އަދި އެ ސަރަހައްދު ސާފުކުރަން ނިންމީ އާއްމު ހާލަތަށް ބަދަލުވާއިރު އެ ސަރަހައްދު އޮތީ ކުޑަކުދިންނާއި އާއްމުންނަށް އެކުގައި ނުކުމެ އުޅެވޭ ހާލަތެއްގައި ނުވާތީކަމަށް ރަށުގެ ޒުވާނުން ބުނެއެވެ.

ކޯވިޑްއާއި ގުޅިގެން ބަންދުކޮށްފައި އޮތް ދުވަސްވަރު ރާއްޖެއަށް ކުރި ވިއްސާރައިގައި އުދައެރުމުގެ ސަބަބުން ޕްލާސްޓިކާއި އެކު ގިނަ އަދަދެއްގެ ކުނި ތުނޑި މައްޗަށް ޖަމާވެފައިވާކަމަށް މި މަސައްކަތުގައި އުޅުނު ޒުވާނުން ބުނެއެވެ. އަދި ތުނޑީގެ 10000 އަކަފޫޓްގެ ސަރަހަދެއް ސާފުކޮށް 1.5 ޓަނުގެ ކުނި ނަގާފައިވާކަމަށް މަސައްކަތުގައި އުޅުނު ޒުވާނުން ބުނެއެވެ. މަސައްކަތުގައި އުޅުނު ވަގުތު ރަށުގެ ކެފޭ ރެސްޓޯރަންޓްތަކުން ސައި ހަމަޖައްސާދީފައިވާކަމަށްވެސް ޒުވާނުން ބުނިއެވެ.

950 މީހުންގެ އަބާދީ އޮންނަ ދ ހުޅުދެއްޔަކީ މަސްވެރިރަށެކެވެ. އަދި އަތްކަންކުރުމުގެ މަސައްކަތަށްވެސް ރާއްޖޭގައި މަޝްހޫރު ހުޅުދެއްޔަކީ އެކުވެރި ރައްޔިތުންތަކެއް އުޅޭ ރަށެކެވެ.