ތަރައްްޤީ

މާލޭގެ ހަލާކުވެފައިވާ 57 މަގެއް މަރާމާތުކުރަނީ


މާލޭ ސިޓީގެ ހަލާކުވެފައިވާ 57 މަގެއް މަރާމާތުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ، މާލޭ ސިޓީގެ މަގުތައް މަރާމާތުކުރުމަށް ބަޖެޓްކޮށް ކުރިއަށްގެންދާ މަސައްކަތްތައް މަޑުޖެހިފައި އޮތުމަށްފަހު އަލުން އެ މަސައްކަތް ފަށާފައިވާކަމަށެވެ. މޭޔަރ ސިފާ ވިދާޅުވީ، އެ މަސައްކަތް މަޑުޖެހުނީ ކައުންސިލަށް ގައު ހޯދުމުގައި ދިމާވި ދަތިތަކަކާއި، ކޯވިޑް-19ގެ ސަބަބުން މާލޭ ސިޓީ ފުރަބަންދު ކުރުމާގުޅިގެން ކަމަށެވެ. އެހެންނަމަވެސް ރާއްޖޭގެ މިހާރުގެ ޙާލަތަށް ބަލާ، އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތަކަށް ސަރުކާރުން ލުއިދެއްވުމާއި ގުޅިގެން ސިޓީ ކައުންސިލުގެ ފަރާތުން ހުއްޓިފައިހުރި ގިނަ މަސައްކަތްތަކެއް އަލުން ފަށައިގެންފައިވާކަމަށް މޭޔަރ ވިދާޅުވިއެވެ.

އެގޮތުުން މާލޭގެ ހަލާކުވެފައިވާ 57 މަގެއް ފާހަަގަކޮށް، އެ މަގުތަކުގައި ހެދިފައިވާ އަޑިގުޑަންތައް ލެވެލްކޮށް، މަގުތަކުގައި ހަލާކުވެފައިވާ ގައުތަައް ނެގުމަށްފަހު، މަގުތަކުގައި ގައު އެތުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މޭޔަރ ވިދާޅުވިއެވެ. އަދި މި މަސައްކަތް ކުރަމުންދާއިރު، މަގުތަކުގެ އަޑިއަށް ލާންޖެހޭ ހޮޅިތައްލުމުގެ މަސައްކަތްވެސް ކުރަމުންދާކަން މޭޔަރ ވިދާޅުވިއެވެ. މީގެ ތެރޭގައި މާލޭގެ ބައެއް ބޮޑެތި މަގުތަކާއި ކުދި މަގުތައްވެސް ހިމެނެއެވެ.

މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދާ ބައެއް މަގުތަކުގެ މަޢުލޫމާތު މާލޭ ސިޓީ ކައުންސިލުގެ ފަރާތުން ސޯޝަލް މީޑިއާގައި ވަނީ އާއްމުކޮށްފައެވެ. އެގޮތުން ގަލޮޅު ބުރުޒުމަގުގެ 52 އަކަފޫޓުގެ ސަރަޙައްދަކާއި، ހެންވޭރު އަބަދަށްއުފާމަގުގެ 258 އަކަފޫޓުގެ ސަރަޙައްދަކާއި، ހަމަ އެ މަގުގެ 39 އަކަފޫޓުގެ ސަރަޙައްދަކާއި، ހެންވޭރު އަބަދަށްފެހިމަގުގެ 197 އަކަފޫޓުގެ ސަރަޙައްދެއް މަރާމާތުކުރުމުގެ މަސަައްކަތް މިވަގުތުވެސް ކުރިއަށްދާކަން ސިޓީ ކައުންސިލުން ވަނީ ހާމަކުރައްވާފައެވެ.

މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ، މި މަސައްކަތަކީ، މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްޤީކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ޙަވާލުކޮށްގެން ކުރިއަށްގެންދާ "މާލޭ ސިޓީ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓް"ގެ ބޭރުން ހިންގާ މަސައްކަތެއް ކަމަށެވެ. އަދި މިއީ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓް ރަނގަޅަށް ހިނގައިގަންނަން ދުވަސްކޮޅެއް ނަގާނެތީ، މިހާރުވެސް މަގުތައް ބޭނުންކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްޓަކާ އަވަސް ޙައްލެއް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތްތަކެއްކަމަށްވެސް މޭޔަރ ވިދާޅުވިއެވެ.

މީގެ އިތުރުން، ކޯވިޑް-19ގެ ސަބަބުން އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތައް ލުއިކުރަން ފެށުމާއެކު މަގުމަތި ބޭނުންކުރާ މީހުން އިތުރުވާނެތީއާއި، ޕާކުތަކާއި ފިނި މައިޒާންތައްވެސް ބޭނުންކުރާ މީހުން އިތުރުވާނެތީ، އެފަދަ ތަންތަން ސާފުކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް މޭޔަރ ސިފާ ވިދާޅުވިއެވެ.

މާލޭގެ މަގުތަކުގައި ހެވީ ވެހިކަލްތައް ދުއްވުމާއި، އެކިއެކި ބޭނުންތަކުގައި އިރުއިރުކޮޅުން މަގުތައް ކޮންނަންޖެހުމުގެ ސަބަބުން، މަގުތަކުގައި އަޑިގުޑަންތަައް ހެދުމާއި، ގައު ތަކާއި، ކާނުތައް ހަލާކުވުމަކީ ދޭތެރެ ދޭތެރެއިން ދިމާވާ މައްސަލައެކެވެ. އަދި މިކަމުގެ ސަބަބުން މަގުމަތީގައި ވެހިކަލްތައް ދުއްވާ ފަރާތްތަކަށާއި، ހިނގާބިގާވެ އުޅޭ މީހުންނަށްވެސް އުނދަގޫތަކާއި ކުރިމަތިވެއެވެ.