ޚަބަރު

ވިއްސާރައިގަ ލިބުނު ގެއްލުންތައް މިދަނީ ގާތުން ބަލަމުން- ރައީސް


ގަދަ ވަޔާއެކު ރޭ ފަތިހު ކުރި ވިއްސާރައިގައި އައްޑޫ ސިޓީއާއި ފުވައްމުލަކުގެ ބައެއް އާންމުންގެ ގެދޮރާއި ތަކެއްޗަށް ލިބެމުންދާ ގެއްލުންތައް ވަރަށް ގާތުން ބައްލަވަމުންގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ރާއްޖޭގެ ބައެއް ހިސާބުތަކަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން އެކި ރަށްރަށް ލިބެމުންދާ ގެއްލުންތަކާއި ގުޅިގެން ނެރުއްވި ހާއްސަ ބަޔާނެއްގައެވެ.ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި، މި ވިއްސާރައާ ގުޅިގެން އާންމު ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތަކާ ބެހޭ ފުރިހަމަ މަޢުލޫމާތު އެމަނިކުފާނު ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަމަށް ވިދާޅުވެފައިވެއެވެ. އަދި މިދުވަސްވަރު ކުރަމުންމިދާ ވިއްސާރައިގައި ގެއްލުން ލިބެމުންދާ ފަރާތްތަކަށް އެހީތެރިވުމަށް ސަރުކާރުގެ ވުޒާރާތަކާއި، ކަމާބެހޭ އެހެނިހެން މުޢައްސަސާތަކުން ގުޅިގެން މަސައްކަތްކުރައްވަމުން ގެންދަވާކަމަށްވެސް ވިދާޅުވެފައިވެއެވެ.މިގޮތުން، އާންމުން ރައްކާތެރި މާހައުލަކަށް ގެންގޮސް، އާންމުންނަށް ލިބެމުންދާ ގެއްލުންތައް ކުޑަ ކުރުމުގައި ދައުލަތުގެ ކަމާބެހޭ މުޢައްސަސާތަކުން މަސައްކަތް ކުރައްވަމުން ގެންދަވާގޮތް ބައްލަވަމުންގެންދަވާކަމަށްވެސް މި ބަޔާނުގައި ވިދާޅުވެފައިވެއެވެ."މިދުވަސްވަރު ކުރަމުންމިދާ ވިއްސާރައިގައި ގެއްލުން ލިބެމުންދާ ފަރާތްތަކަށް އެހީތެރިވުމަށް ސަރުކާރުގެ ވުޒާރާތަކާއި، ކަމާ ބެހޭ އެހެނިހެން މުޢައްސަސާތަކުން ގުޅިގެން މަސައްކަތްކުރައްވަމުން ގެންދަވާ ކަމުގައި ދެންނެވީމެވެ. މިގޮތުން، އާންމުން ރައްކާތެރި މާހައުލަކަށް ގެންގޮސް، އާންމުންނަށް ލިބެމުންދާ ގެއްލުންތައް ކުޑަ ކުރުމުގައި ދައުލަތުގެ ކަމާބެހޭ މުޢައްސަސާތަކުން މަސައްކަތް ކުރައްވަމުން ގެންދަވާގޮތް ސީދާ އަޅުގަނޑު ބަލަމުންގެންދާކަމުގެ ޔަޤީންކަން މި ފުރުޞަތުގައި އަރުވަމެވެ." ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި ވެއެވެ.މީގެ އިތުރުން މިދުވަސްވަރަކީ މާލެއާއި އަތޮޅުތަކުގެ ބައެއް ރަށްތަކަށް އުދަ އަރަމުންދާ ދުވަސްވަރަކަށް ވުމާއެކު، މިކަމަށް އާންމު ރައްޔިތުން ސަމާލުވެ، ރައްކާތެރިވެ ތިއްބެވުމަށްވެސް ރައީސުލްޖުމްހޫރިއްޔާވަނީ އިލްތިމާސް ކުރައްވާފައެވެ."މިދުވަސްވަރަކީ މާލެއާއި އަތޮޅުތަކުގެ ބައެއް ރަށްތަކަށް އުދަ އަރަމުންދާ ދުވަސްވަރަކަށް ވުމާއެކު، މިކަމަށް އާންމު ރައްޔިތުން ސަމާލުވެ، ރައްކާތެރިވެ ތިއްބެވުމަށް އަޅުގަނޑު އިލްތިމާސްކުރަމެވެ. އަދި މި ވިއްސާރައިގައި ގެއްލުން ލިބެމުންދާ ފަރާތްތަކުގެ ހިތާމައިގައި އަޅުގަނޑު ބައިވެރިވާ ވާހަކަވެސް ދެންނެވީމެވެ" ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި ވެއެވެ.(ރާއްޖެއަށް މިދުވަސްވަރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ލިބެމުންދާ ގެއްލުންތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ބަޔާން)