ޚަބަރު

ކޯވިޑް-19 : މާލެފިޔަވައި އެހެން ރަށްތަކަށް ހޯމަދުވަހުން ފެށިގެން ދަތުރުކުރެވޭނެ


އަންނަ ހޯމަ ދުވަހުން ފެށިގެން މާލެ ފިޔަވައި އެއްރަށުން އަނެއް ރަށަށް ހުއްދަނެތި ދަތުރުކުރެވޭނެ ކަމުގައި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރެޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އާމިނަތު ޝައިނާ ޢަބްދުﷲ ވިދާޅުވީ މިމަހުގެ 15 ވަނަ ދުވަހުގެ ފެށިގެން ދޭ ލުއިތަކުގެ ތެރޭގައި އެއްރަށުން އަނެއްރަށަށް ދަތުރުކުރުމުގެ ފުރުސަތު ހުޅުވާލުމަށް ނިންމަވާފައިވާކަމަށެވެ. ނަމަވެސް މީގެ ތެރޭގައި ކޯވިޑްގެ ނުރައްކާތެރިކަން އެންމެބޮޑަށް އޮތް މާލެސިޓީ ނުހިމެނޭކަމަށްވެސް ޝައިނާ ވިދާޅުވިއެވެ.

މާލެއަށް ދަތުރުކުރެވޭނީ އެޗްޕީއޭއިން ކަނޑައަޅާފައިވާ ހުއްދަތަކާއިއެކު ކަމަށްވެސް ޝައިނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިހާލަތުގައި ވައިގެ މަގުން ކުރާދަތުރުތަކަށްވެސް ހުއްދަ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ޑޮމެސްޓިކް އެއަރޕޯޓްތަކުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ދަތުރުކުރުމުގެ ހުއްދަ ދިނުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެއްރަށުން އަނެއްރަށަށް ދަތުރުކުރުން ވަނީ މަނާކޮށްފައެވެ. މި ފިޔަވަޅުތަކާއެކު މިހާތަނަށް ހަމައެކަނި ދަތުރުފަތުރު ކުރުމުގެ ހުއްދަ ދީފައިވަނީ ރަށްރަށަށް ބެނުންވާ ޒަރޫރީ ކާބޯތަކެއްޗާއި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ކުރުމަށެވެ.