ޚަބަރު

މާދަމާއިން ފެށިގެން ހުރިހާ ރީޓެއިލް ފިހާރަތައް ހުޅުވަން ނިންމައިފި


އިކޮނޮމިކް މިނިސްޓްރީން ހުއްދަ ދީފައިވާ ރީޓެއިލް ފިހާރަތަށް ހުޅުވައިގެން ޚިދުމަތް ދިނުމަށް މާދަމާއިން ފެށިގެން ހުއްދަދޭން ނިންމައިފިއެވެ.

ކޯވިޑް-19ގެ ޙާލަތުގެ އެންމެ ފަހުގެ މަޢުލޫމާތު ހާމަކުރެއްވުމާއި ފުރަބަންދަށް ދޭ ލުއިތައް އިޢުލާންކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރ އާމިނަތު ޝައިނާ ޢަބްދުﷲ ވިދާޅުވީ އިކޮނޮމިކް މިނިސްޓްރީން ހުއްދަ ދީފައިވާ ރީޓެއިލް ފިހާރަތައް ހުޅުވައިގެން މާދަމާއިން ފެށިގެން ޚިދުމަތް ދެވޭނެކަމަށެވެ.

މިގޮތުން ޚިދުމަތްދޭއިރު ފިހާރަ ބޭރުގައި އިޖްތިމާއީ ގައިދުރުކަން ދެމެހެއްޓުމަށް ބިންމަތީގައި މީހުން ތިބެންވާ ދުރުމިން އެނގޭނެހެން ޖަހަންޖެހޭ ނިޝާންތައް ޖެހުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ. އަދި ކޮންމެ ފިހާރައަކަށްވެސް އެއްފަހަރާ އެންމެ ގިނަވެގެން ވަދެވޭނެ މީހުންގެ ޢަދަދު އެނގޭނެހެން ނޯޓިސް ހަރުކޮށްފައި ހުންނަން ޖެހޭނެކަމަށްވެސް އެފަރާތުން ވިދާޅުވެއެވެ. އަދި ބަންދު ތަންތަނަށް ވަންނައިރު އަތަށް އަންގި ލެއްވުމާއި، އަނގަޔާއި ނޭފަތް ނިވާވާނެހެން މާސްއެޅުން ފަދަ ކަންކަން ކުރުމަށް ފިހާރަތުގައި ޚިދުމަތް ދޭ މީހުންނާއި ޚިދުމަތް ހޯދާ މީހުން ސަމާލުވާން ޖެހޭނެކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

މީގެއިތުރުން ޖޫން މަހުގެ 15ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެވެސް ހެދުނު 9:00އިން ރޭގަނޑު 21:00އަށް ފިހާރަތަކަށް ގޮސް ޢާންމުންނަށް ތަކެތި ގަތުމަށް ފުރުސަތު ދޭނެކަމަށާ، ޑެލިވަރީގެ ޚިދުމަތް ރޭގަނޑު 23:00އާ ހަމައަށް ދެވޭނެކަމަށްވެސް އެފަރާތުން ވިދާޅުވެއެވެ. މީގެއިތުރުން އެޗްޕީއޭ ގައިޑްލައންތަކާ އެއްގޮތައް މާލޭގެ މަސްމާރުކޭޓު ހުޅުވައި ޚިދުމަތް ދެވޭނެ ގޮތްތައް ކަނޑައެޅުމަށް މާލެ ސިޓީ ކައުންސިލާއެކު މަޝްވަރާ ކުރައްވަމުން ދާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

އަތޮޅުތަކަށް ބަލާއިރު ކޯވިޑް-19ގެ ކޭހެއް ނެތް ރަށްރަށުގައި މިހާރު އަޅާފައިވާ ފިޔަވަޅުތައް މުޅިން ލުއިކޮށް ކެފޭތަކާއި ފިހާރަތަކުގެ ޚިދުމަތް ދެވޭގޮތަށް ހަމަޖެހުނަސް، އަދިވެސް ރައްކާތެރިކަމަށް ސަމާލުވުމަށް ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުންވަނީ އިލްތިމާސްކުރައްވާފައެވެ.

މީގެއިތުރުން ޖިމް، ކެފޭ، ރެސްޓޯރެންޓް، ސެލޫން ފަދަ ޚިދުމަތްތައް އަންނަމަހު ހުޅުވައި ޚިދުމަތް ދެވޭނެ ގޮތްތައްވެސް ކަޑައަޅަމުންދާކަމަށްވެސް އެޗްޕީއޭއިންވަނީ ހާމަކުރައްވާފައެވެ.