ދުނިޔެ

ޔަމަންގައި ހިނގާ ހަނގުރާމައިގައި 4000ށްވުރެގިނަ މީހުން މަރުވުން


ޔަމަންގައި
ހިނގަމުންދާ ހަނގުރާމައިގާ ފާއިތުވި ހައެއްކަ މަހުގެ ތެރޭގައި 4300 މީހުން މަރުވެ 22،000 މީހުން
ޒަޚަމްވެ 15 މިލިޔަން މީހުން ހާލުގައިޖެހިފައިވާ ކަމަށް އދ.ން ބުނެފިއެވެ. އދ.ގެ ވާރލްޑް ހެލްތު އޮގަނައިޒޭޝަނުން
ބުނީ ޔަމަންގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ސަބަބުން ޒަޚަމްވެފައިވާ
މީހުންނާއި ހައިހޫނުކަމާއި ބަލިމަޑުކަން ތަހައްމަލް ކުރަންޖެހިފައިވާ މީހުންނަށް
އަވަސްގޮތަކަށް ސިއްޙީ އެހީއާއި އިންސާނީ އެހީ ފޯރުކޮށް ނުދެވިއްޖެނަމަ
އޭގެތެރެއިން އެތަށް ހާސްބައެއްގެ ފުރާނަ ގެއްލިގެން ހިނގައިދާނެ ކަމަށެވެ.



ދާޚިލީ
ހަނގުރާމައިގެ ސަބަބުން ޔަމަންގައި ހާލުގައިޖެހިފައިވާ ފަރާތް ތަކަށް
ކާބޯތަކެއްޗާއި، ބޭހާއި އެނޫންވެސް
އިންސާނީ އެހީ ފޯރުކޮށް ދިނުމަށް އދ. ކުރަމުން ގެންދާ މަސައްކަތްތަކަށް ހުރަސްއެޅިފައިވަނީ ސައޫދީ އަރަބިޔާ
އިސްކޮށް އޮވެގެން ޔަމަނަށް ދޭ ވައިގެ ހަމަލާތަކާއި ޔަމަންގެ ބޮޑެތި ސިޓީތަކުގައި
އެއްގަމު މަގުން ކުރަމުން ގެންދާ ހަނގުރާމައިގެ ސަބަބުންނެވެ. ޔަމަންގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށްޓަކައި
ވަގުތީގޮތުން ހަނގުރާމަ ހުއްޓާލުމަށް އދ.ން ގޮވާލަމުންދާ ގޮވާލުންތަކަށް ޔަމަންގެ ހަނގުރާމައިގާ ޝާމިލްވާ އެއްވެސް
ފަރާތަކުން އިޖާބައެއްނުދެއެވެ. 

އދ.ގެ އިންސާނީ އެހީއާބެހޭ މުޤައްރިރު
ހިލާލް އިލްފަރުވަނީ ޒަޚަމްވެފައިވާ ބާވީސް ހާސް މީހުންނަށާއި ހައިހޫނުކަން
ތަހައްމަލް ކުރަންޖެހިފައިވާ ފަނަރަ މިލިޔަން މީހުންނަށް ބޭނުންވާ އެތައް ހާސްޓަނެއްގެ އިންސާނީ އެހީ ޔަމަނަށް އެތެރެ ކުރުމަށްޓަކައި އެއްވެސް
ޝަރުތަކާނުލައި ހަމަލާތައް ހުއްޓާލުމަށް ސައޫދީ އަރަބިޔާއަށާއި ޔަމަންގެ ވާދަވެރި
ޖަމާއަތްތަކަށް އިލްތިމާސް ކުރައްވާފައެވެ. ނަމަވެސް މިއިން އެއްވެސް ފަރާތަކުން މިއިލްތިމާސަށް އިޖާބަ ދީފައިނުވާކަމަށް
އދ.
ން ބުނެއެވެ. 

ޔަމަންގައި ހިނގަމުންދާ ދާޚިލީ އަރާރުންތަކުގެ އެއްކޮޅުގައި އެގައުމުގެ
ސަރުކާރު ވާއިރު އަނެއްކޮޅުގައިވަނީ ހޫޘީ ޖަމާއަތުގެ ހަނގުރާމަވެރިންނާއި
އެޖަމާއަތަށް ވާގިވެރިވާ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިޙް ގެ ބާރުތަކެވެ. ޔަމަންގެ ސިފައިންގެ ބޮޑުބައެއްގެ ކޮންޓްރޯލް އޮންނަނީ
އެގައުމުގެ ރައީސް އަބްދު ރައްބު މަންސޫރު ހާދީގެ ބަދަލުގައި ކުރީގެ ރައީސް އަލީ
އަބްދުﷲ ސާލިޙުއަށެވެ. ދެހާސް އެގާރަ  ވަނައަހަރުގެ
އަރަބި ރަބީއުގައި ޔަމަންގެ ރައްޔިތުން އަލީ އަބްދުﷲ ސާލިޙާ ދެކޮޅަށް އުތުރި އެރުމާގުޅިގެން އުފެދުނު ސިޔާސީ
ގަޑުބަޑުތަކުގެ ތެރޭގައި ދެހާސް ބާރަ ވަނަ އަހަރު އަލީއަބްދުﷲ
ސާލިޙް ވަނީ މަޖްބޫރީ ހާލަތުގައި މަގާމުން ދުރުވެ
ވަޑައިގެންފައެވެ. އެއަށްފަހު ޔަމަންގެ ވެރިކަމާ
ހަވާލުވެވަޑައިގެންނެވީ އެގައުމުގެ ނައިބު ރައީސް އަބްދު ރައްބު މަންސޫރު ހާދީއެވެ. 

ހާދީގެ ވެރިކަމުގައިވެސް ޔަމަނަށް އެއްވެސް ހަމަޖެހުމެއް
އައިސްފައެއްނުވެއެވެ. އޭނާގެ ވެރިކަމަށް އެންމެ ބޮޑު
ގޮންޖެހުމެއް ކުރިމަތިވެގެންދިޔައީ ޔަމަންގައި ޒަމާނުއްސުރެ
ނިކަމެތިކޮށްލެވިފައިވާ ޝިޔައީން ނިސްބަތްވާ ހޫޘީ ޖަމާއަތުގެ ކިބައިންނާއި ކުރީގެ
ރައީސް އަލީ އަބްދުﷲ ސާލިހަށް ތާއީދުކުރާ ބާރުތަކުގެ
ފަރާތުންނެވެ. ޔަމަންގެ ދާޚިލީ މައްސަލަ އާދަޔާ
ޚިލާފަށް ގޯސްވެގެން ދިޔައީ ކުރީގެ ރައީސް ސާލިޙުގެ ބާރުތަކުގެ އެހީތެރިކަމާއެކު
ޙޫޘީ ޖަމާއަތުން ޔަމަންގެ ވެރިކަމަށް އަތްގަދަކޮށް ރައީސް އަބްދުރައްބު މަންސޫރު
ހާދީ ރިޔާސީ ގަނޑުވަރުގައި ހައްޔަރުކުރުމާ ގުޅިގެންނެވެ. ނަމަވެސް ހާދީ ވަނީ މިދިޔަ މާޗްމަހު ޔަމަނުން
ފިއްލަވައިގެން ސައޫދީ އަރަބިޔާއަށް ވަޑައިގެން އޭނާގެ ގެއްލިފައިވާ ވެރިކަން
އަނބުރައި ހޯދުމަށްޓަކައި ސައޫދީ އަރަބިޔާގެ އަސްކަރީ އެހީތެރިކަމަށް
އެދިވަޑައިގެންފައެވެ. މިއާއެކު މިދިޔަ މާޗްމަހުގެ ފަހުކޮޅު
ސައޫދީ އަރަބިޔާވަނީ ބައެއް އަރަބި ގައުމުތައް ހިމެނޭގޮތަށް އެލަޔަންސެއް
އެކުލަވާލުމަށްފަހު ޔަމަންގެ ދާޚިލީ އަރާރުންތަކުގެ ތެރެއަށް އަސްކަރީ ގޮތުން
ވަދެގެންފައެވެ.

ޔަމަންގެ ހާލަތު އިތުރަށްގޯސްވެ
އެގައުމުގެ ސިޔާސީ އަރާރުންތައް ދާޚިލީ ވަރުގަދަ ހަނގުރާމައަކަށް ބަދަލުވެގެން
ދިޔައީ ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން އަސްކަރީ ގޮތުން ޔަމަނަށް ވަދެގަތުމާ
ގުޅިގެންނެވެ. ސައޫދީ ވައިގެ ސިފައިން ޔަމަނަށް ވައިގެ
ހަމަލާތައް ދެމުން ގެންދާތާ މިހާރު ފަސްމަސްވާން ކައިރިވެފައިވާއިރު ސައޫދީން
ގެންދަނީ އެއްގަމު މަގުން ހަނގުރާމަކުރާ ޔަމަންގެ ރައީސް ހާދީގެ ބާރުތަކަށްވެސް
ހަތިޔާރު ފޯރުކޮށްދެމުންނެވެ. ސައޫދީގެ ވައިގެ ހަމަލާތަކާއެކު ހޫޘީންނަށް ބޮޑެތި ނާކާމިޔާބީތަކަކާ
ކުރިމަތިވެ އެޖަމާއަތުގެ އަތްދަށުގައިވާ ބައެއް ސަރަހައްދުތައް ރައީސް ހާދީގެ
ކޮންޓްރޯލްގެ ދަށަށް ދިޔަ ކަމުގައިވިޔަސް ޔަމަންގެ ދާޚިލީ ހަނގުރާއަށް ސުލްހަވެރި
ހައްލެއް އައުމުގެ ކޮޅުމަތި އަދި ފެންނަން ނެތްކަމަށް މުރާސިލުން ބުނެއެވެ.