ޚަބަރު

ފެނަކައިގެ ބިލްތައް މިހާރު އެޕް މެދުވެރިކޮށް ދެއްކޭނެ


ފެނަކަ ކޯޕަރޭޝަންނުން ދެމުންދާ ޚިދުމަތްތަކަށް އޮންލައިންކޮށް ފައިސާ ދެއްކޭނެ އެޕްލިކޭޝަނެއް އެ ކުންފުނިން ތައާރަފްކޮށްފިއެވެ.

"ފެނަކަ ބިލްޕޭ" އެޕް މެދުވެރިކޮށް ބިލްގެ ހިސްޓްރީ ބެލުމާއި، އަދި ފަސޭހަކަމާއި އެކު އޮންލައިންކޮށް ބިލަށް ފައިސާ ދެއްކޭނެކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.

މި އެޕްލިކޭޝަން މިވަގުތު ބޭނުންކުރެވޭނީ އެންޑްރޮއިޑް ފޯނުތަކަށް އެކަންޏެވެ. ނަމަވެސް ކުރިއަށްއޮތް 2 ހަފްތާއެއްހާ ދުވަހުގެތެރޭގައި އައިއޯއެސް ފޯންތަކަށްވެސް އެޕް ތައާރަފްކުރާނެކަމަށް ފެނަކައިން ބުނެއެވެ.

އޮންލައިންކޮށް ބިލް ދެއްކޭނީ ބީ.އެމް.އެލްގެ ކަސްޓަމަރުންނަށެވެ. ފެނަކައިން ބުނެފައި ވަނީ އެހެން ބޭންކްތަކުގެ ޚިދުމަތްތައް ބޭނުންކުރާ މީހުންނަށްވެސް ފެނަކަ ބިލްޕޭ އެޕްލިކޭޝަނުން ފައިސާ ދެއްކޭނެ އިންތިޒާމްތައް ހަމަޖައްސަމުންދާކަމަށެވެ.

އަދި ބިލްގައިވާ ސަބްސްކްރިޕްޝަން ނަންބަރު ބޭނުކޮށްގެން އޮންލައިން ޚިދުމަތަށް ރަޖިސްޓްރީ ވެވޭނެ ކަމަށާއި މިގޮތަށް ރެޖިސްޓްރީވުމުން އެ މީޓަރެއްގެ ހުރިހާ ބިލްތައް އެޕް މެދުވެރިކޮށް ބަައި ލެވޭނެ ކަމުގައިވެސް އެކުންފުނިން ބުނެފައިވެއެވެ. ފެނަކައިން ބުނެފައިވަނީ އެއް ފޯނަކުން ގިނަ މީޓަރުތައްވެސް އެޑްކޮށް ބިލްދައްކައި ޚިދުމަތް ހޯދޭނެކަމަށެވެ. އަދި ހުރިހާ ބިލްތައް އެއްކޮށް ދެއްކުމުގެ ބަދަލުގައި ބިލްތަކަށް ވަކިވަކިންވެސް ފައިސާ ދެއްކޭނެކަމަށް އެކުންފުނިން ބުނެފައިވެއެވެ.

އެޕްގައި ދާއިމީކޮށް ރެޖިސްޓަރީނުވެވެސް، އެޕް އެމްދުވެރިކޮށް ބިލް ދެއްކޭނެއެވެ. ނަމަވެސް މީޓަރުގެ ކުރީގެ ބިލްތަކާއި، ޕޭމަންޓް ހިސްޓްރީ ފެންނާނީ އެޕްމެދުވެރިކޮށް ރެޖިސްޓަރވެގެން ޚިދުމަތްހޯދާ ކަސްޓަމަރުންނަށް ކަމުގައިވެސް ފެނަކައިން ބުނެއެވެ.

އެޕްލިކޭޝަންގެ ޚިދުމަތް ފެނާއި ކަރަންޓު ބިލް ދެއްކުމަށްވެސް ބޭނުންކުރެވޭނެއެވެ. މި އެޕާއިއެކު ފެނަކައިން ޚިދުމަތްދޭ ހުރިހާ ރަށްރަށުގެ ކަސްޓަމަރުންނަށް ފަސޭހަކަމާއިއެކު ޚިދުމަތް ހޯދޭނެއެވެ. އެ ކުންފުނިން ބުނެފައި ވަނީ އެޕް މެދުވެރިކޮށް އިތުރު ޚިދުމަތްތައް ލިބޭނެ އިންތިޒާމްތައްވެސް ހަމަޖައްސަމުން ގެންދާ ކަމަށެވެ.