ޚަބަރު

މަސްވެރިން ބާނާ މަހުގެ ބޮޑުމިން ބަލައިދޭނެ ބަޔަކު ހޯދަނީ


މަސްވެރިކަމުގެ ޞިނާއަތް ތަރައްޤިކުރުމަށް ހިންގޭ ޕްރޮޖެކްޓެއްގެ ދަށުން މަސްވެރިން ބާނާ މަހުގެ ދިގުމިނުގެ ހިސާބު ނަގައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.

މަސްވެރިން ބާނާ މަހުގެ ދިގުމިން ބަލަން ނިންމާ ބަޔަކު ހޯދަނީ ވާރލްޑް ބޭންކާއި ދިވެހި ސަރުކާރާއި ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ހިންގާ "މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަކަށެވެ. އެ ޕްރޮޖެކްޓް ހިންގަނީ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސިސްޓެންސް (އައި.ޑީ.އޭ)ގެ ހިލޭ އެހީގައި މަސްވެރިކަމުގެ ޞިނާއަތް ތަރައްޤިކުރުމަށް ހިންގޭ ޕްރޮޖެކްޓެކެވެ.

ކަނޑުމަސްވެރިކަމުގައި ބާނާ މަހުގެ މަޢުލޫމާތު ނެގުމަށް ހަމަޖެހިފައި ވަނީ ޅ. ފެލިވަރު އަދި ކޫއްޑޫއަށް ކިރުވަން ގެންނަ މަހުންނެވެ. މިގޮތުން ފެލިވަރާއި ކޫއްޑޫ އިން ކޮންމެ ރަށަކަށް ދެމީހުން މިވަޒީފާއަށް ބޭނުންވާކަމުގައި ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެމީހުން ކުރަންޖެހޭ މަސައްކަތުގެ ތެރޭގައި ފެލިވަރާއި ކޫއްޑޫގެ މަސްގަންނަ ބަނދަރަށް ލަފާ ދޯނިތަކުގެ ތެރެއިން، ދުވާލަކު 2 ދޯންޏަކުން ގެންނަ މަހުގެ %20 މަހުގެ ދިގުމިން ނަގަންޖެހެ އެވެ. މި މަސައްކަތް ހަފްތާއަކު 5 ދުވަހު ކުރަންޖެހެ އެވެ.

އަދި އެއްބަސްވުމުގެ ދަށުން މަސްވެރިކަމާއިގުޅޭ އެހެނިހެން މަޢުލޫމާތު ނެގުމުގައި އެހީތެރިވެދިނުމާއި މަހާ ބެހޭ މައުލޫމާތު ނެގުމުގެ މަސައްކަތް ކުރުމަށްޓަކައި ކެޔޮޅު ނުވަތަ އޮޑިވެރި ފަރާތުގެ ހުއްދަ ނެގުމާއި، އެހީތެރިކަން ހޯދުމަކީ މި މަސައްކަތައް ހޮވޭ ފަރާތެއްގެ ޒިންމާއެއް ކަމަށް ވެސް ބުނެފައިވެ އެވެ.

މަހަކު 4000 ރުފިޔާ ލިބޭ މި މަސައްކަތަށް މީހުން ހޯދަނީ މަސައްކަތު އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 2 އަހަރު ދުވަހުގެ މުއްދަތަކަށް ކަމުގައިވެސް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެއެ.