ޚަބަރު

ސްރީ ލަންކާގެ ޢާންމު އިންތިޚާބު އަނެއްކާވެސް ފަސްކޮށްފި


ސްރީ ލަންކާގެ ޢާންމު އިންތިޚާބު ދެވަނަ ފަހަރަށް ފަސްކޮށްފިއެވެ.

ސްރީ ލަންކާގެ ޢާންމު އިންތިޚާބު ބާއްވަން އެންމެ ފުރަތަމަ ހަމަޖެހިފައިއޮތީ އޭޕްރިލް 5ގައެވެ. ނަމަވެސް ކޯވިޑް-19 ފެތުރޭތީ އިންތިޚާބުގެ ވޯޓުލުންވަނީ ޖޫން 20ށް ފަސްކޮށްފައެވެ.

އެ ޤައުމުގެ އިލެކްޝަން ކޮމިޝަނުގެ ޗެއަރމަން މަހިންދަ ދެޝަޕްރިޔާ ވިދާޅުވީ ކޯވިޑް-19 ފެތުރުން ހުއްޓުވިފައިނުވާތީ ޖޫން 20ގައި ބާއްވަން ތާވަލުކޮށްފައިވާ ޢާންމު އިންތިޚާބުގެ ތާރީޚު ދެވަނަ ފަހަރަށް ބަދަލުކޮށް އޮގަސްޓު 5ށް ފަސްކޮށްފައިވާކަމަށެވެ.

ސްރީ ލަންކާގައި 1،861 މީހުންނަށް ކޯވިޑް-19 ޖެހި، 11 މީހުންވަނީ މަރުވެފައެވެ. ބަލި ފެތުރެން ފެށުމުން އެ ޤައުމުގެ ސަރަޙައްދީ ރޮނގު ބަންދުކޮށް އެކި ސަރަޙައްދުތަކުގައިވަނީ ކާފިއު އިޢުލާނުކޮށްފައެވެ.

މިދިޔަ މާރިޗު މަހު ސްރީ ލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަވަނީ އެ ޤައުމުގެ ޤާނޫނުހަދާ މަޖިލިސް އުވާލައްވާފައެވެ. އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން 52 ދުވަހުގެ މުއްދަތަކަށް އެ ޤައުމުވަނީ ފުރަބަންދުކޮށްފައެވެ.