ޚަބަރު

އުތުރު ކޮރެޔާއަށް ޤަވައިދާ ޚިލާފަށް ތަކެތި ފޮނުވާ މީހުންނަށް ފިޔަވަޅުއަޅަނީ


އުތުރު ކޮރެޔާ ދޫކޮށް ދެކުނު ކޮރެޔާއަށް ހިޖުރަކޮށްފައިވާ މީހުން އުތުރު ކޮރެޔާއަށް ގޮތުން ޤަވައިދާ ޚިލާފަށް ސިޔާސީ ލީފުލެޓާއި މަޖައްލާފަދަ ތަކެތި ފޮނުވުން ދެކުނު ކޮރެޔާއިން މަނާކޮށްފިއެވެ. ދެކުނު ކޮރެޔާއިން އެގޮތަށް ނިންމީ އެ ޤައުމާއެކު އޮންނަ މުވާސަލާތީ ގުޅުން ކަނޑާލީ އެފަދަ ލީފްލެޓާއި އެހެނިހެން ލިޔުންތައް ފޮނުވާ މީހުންނާމެދު ޤާނޫނީ ފިޔަވަޅު ނާޅާ، އެފަދަ ޢަމަލުތައް ނުހުއްޓުވާތީކަމަށް އުތުރު ކޮރެޔާއިން ބުނެފައިވަނިކޮށެވެ.

އުތުރު ކޮރެޔާގެ ޒަޢީމު ކިމް ޖޮން އުންއަށް އިޚްތިރާމު ކުޑަވާގޮތަށް ލިޔެފައި ހުންނަ ލިޔުންތަކާއި އެހީގެ ގޮތުގައި ހަނޑޫފަދަ ތަކެތި ދެ ޤައުމުގެ ދެމެދުގައި އޮންނަ ސަރަޙައްދީ ރޮނގު ހުރަސްކޮށް އުތުރު ކޮރެޔާއަށް ފޮނުވައެވެ. އެކަމާ ވަރަށް ބޮޑަށް ހިތްހަމަނުޖެހި، އެފަދަ ލިޔުންތައް ފޮނުވުން ހުއްޓާނުލާނަމަ ދެކުނު ކޮރެޔާއާކު އޮންނަ މުވާސަލާތީ ގުޅުން ޤާއިމުނުކުރާނެކަމުގެ އިންޒާރު އުތުރު ކޮރެޔާއިންވަނީ ދީފައެވެ. އުތުރު ކޮރެޔާއިންވަނީ ދެ ޤައުމުގެ ދެމެދުގައި އުފައްދާފައިވާ ގުޅުން ބަދަހިކުރުމާގުޅޭ އިދާރާއާއެކު އޮންނަ މުވާސަލާތީ ގުޅުމާއި ދެ ޤައުމުގެ އަސްކަރިއްޔާއާއި ރިޔާސީ އިދާރާއާ ދެމެދު އޮންނަ މުވާސަލާތީ ގުޅުން ކަނޑާލާފައެވެ.

އުތުރު ކޮރެޔާއެކު އޮންނަ ގުޅުން ބަދަހިކުރަން މަސައްކަތްކުރަމުންދާ ދެކުނު ކޮރެޔާއިން ބުނީ އުތުރު ކޮރެޔާ ދޫކޮށް ދެކުނު ކޮރެޔާއަށް ހިޖުރަކޮށްފައިވާ މީހުންނަށް ނިސްބަތްވާ ދެ ޖަމާޢަތަކުން އެކި ކަހަލަ ލިޔުމާއި ބޭހާއި ހަނޑޫފަދަ ތަކެތި ޤަވާއިދާ ޚިލާފަށް ފޮނުވާކަމަށާއި އެ ޖަމާޢަތްތަކުގެ ސަބަބުން ދެ ކޮރެޔާގެ ގުޅުން ގޯސްވެފައިވާކަމަށެވެ. އޭގެ ސަބަބުން ސަރަޙައްދީ ރޮނގާއި ކައިރި ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުން ނުރައްކަލަށް ހުށަހެޅިފައިވާކަމަށް ދެކުނު ކޮރެޔާއިން ބުނެއެވެ.

އުތުރު ކޮރެޔާއިން ހިޖުރަކޮށްފައިވާ 33،000އަށްވުރެ ގިނަ މީހުން ދެކުނު ކޮރެޔާގައި ދިރިއުޅެއެވެ. ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން ބަދަހިކުރުމަށް ލީފްލެޓާއި އެކިކަހަލަ އެހީތައް އުތުރު ކޮރެޔާއަށް ނުފޮނުވުމަށް ދެކުނު ކޮރެޔާގެ ރައީސް މުން ޖޭ-އިންވަނީ އެ ޤައުމުގައި ދިރިއުޅޭ މީހުންނަށް ބާރުއަޅުއްވާފައެވެ.