ޚަބަރު

އިސްރާއީލުގެ ޢަމަލުތައް، ދިވެހި ރާއްޖެއިން އަނެއްކާވެސް ކުށްވެރިކޮށްފި


ފަލަސްޠީނުގެ ބިންތަކުގެ ބޮޑުބައެއް ހިފުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތް އަނެއކާވެސް ދިވެހިރާއްޖެއިން ކުށްވެރިކޮށްފިއެވެ.

މިފަަހަރު ރާއްޖެއިން މިކަން ކުށްވެރިކުރީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ އެގްޒެކެޓިވް ކޮމިޓީގެ ޚާރިޖީ ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމުގައި ރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ބައވެރިވެވަޑައިގެން ވާހަކަދައްކަވަމުންނެވެ. ސަޢޫދީ ޢަރަބިއްޔާއިން ރިޔާސަތު ބެލެހެއްޓި މި ވަރޗުއަލް ބައްދަލުވުމަކީ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ އިތުރު ބިންތަކެއް ހިފައި އިސްރާއީލުގެ ބަޔަކަށް ހެދުމަށް އެތައުލަތުން މަސައްކަތްކުރަމުންދާތީ، އެކަމާބެހޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

ފޮރިން މިނިސްޓަރ ކުރެއްވި ޓުވީޓް

މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވިދާޅުވީ އިސްރާއީލުން ހުޅަނގުގެ އައްސޭރީގެ އިތުރު ބިންތަކަކަށް ވެރިވުމަކީ ސަރަހައްދީ ހަމަޖެހުން، ނަގާލުމަށް އިސްރާއީލުން ސިލްސިލާކޮށް ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށެވެ. އަދި ހިފާފައިވާ ހުޅަނގު އައްސޭރީގެ ބިންތަކަކީ އިސްރާއީލުގެ އަމިއްލަ ބިންކަމުގައި ކަނޑައެޅުމަކީ ދިވެހިރާއްޖެއިން ވަރަށް ހަރުކަށިކޮށް ކުށްވެރިކުރާ އަދި އެކަމާ ދެކޮޅު ހަދާ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި ކޮވިޑް-19 ގެ ބަލިމަޑުކަމާ ދެކޮޅަށް މުޅި ދުނިޔެއިން މަސައްކަތްކުރަމުންދާ މި ދަނޑިވަޅުގައި، އިސްރާއީލުގެ މި އަމަލުތަކުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން އިތުރަށް ނިކަމެތިވެގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިއާއާއެކު އިސްރާއީލުގެ މިއަމަލަކީ ބައިނަލްއަޤްވާމީ ހަމަތަކާއި ޤާނޫންތަކާ ޚިލާފުކަމެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެފައި އޮންނަ އޮތުން ހުއްޓުވުމާއި، ކުރިއަށް އޮތްތަނުގައި އިތުރު ބިންތަކަށް ވެރިވުން ހުއްޓުވުމަށްޓަކައި އދ.އިން ފާސްކޮށްފައިވާ ޤަރާރުތައް ތަންފީޒުކުރުމަށް ބައިނަލްއަޤްވާމީ މުޖްތަމައަށް މިނިސްޓަރ ޝާހިދު ގޮވާލެއްވިއެވެ.

ފަލަސްތީނުގެ މައްސަލައިގައި ދިވެހިރާއްޖެއިން އަބަދުވެސް ޤަބޫލުކުރަނީ 1967ވަނަ އަހަރު އެކުލަވާލި ފަލަސްތީނުގެ ސަރަޙައްދީ އިމުގެ ތެރޭގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމްކޮށް، އެދައުލަތުގެ ވެރިރަށަކީ އިރުމަތީ ޤުދުސްކަމަށް ހެދުންކަން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.

އަދި އިސްރާއީލުން ފަލަސްތީނުގެ އިތުރު ބިންތަކަށް ވެރިވުމަކީ އިސްރާއީލާއި ފަލަސްތީނުގެ ވަކި ދެ ދައުލަތެއް ޤާއިމްކުރުމަށް ކުރެވޭ މަސައްކަތަށް އެޅޭ އިތުރު ހުރަހެއްކަމަށާ، އެކަން ހާސިލްކުރެވޭނީ އިޚްލާސްތެރިކަމާއެކު މަސައްކަތްކޮށްގެންކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ފަލަސްތީނުގެ ރައްޔިތުން އިންސާފާއި ސުލްހައާއި މިނިވަންކަން ހޯދުމަށް ކުރަމުންދާ މަސައްކަތުގައި މުޅި އިސްލާމީ އުއްމަތް އެކަތިގަނޑެއްގެ ގޮތުގައި ފަލަސްތީނުގެ ރައްޔިތުންނާއެކު ދެމިތިބުމަށް މިނިސްޓަރ ގޮވާލެއްވިއެވެ.

57 މެމްބަރު ޤައުމުގެ މައްޗަށް އެކުލެވޭ އޯ.އައި.ސީއިން ގެންދަނީ ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުތަކަށާއި ފަލަސްތީނުގެ މިނިވަންކަމަށްޓަކައި މެދުނުކެނޑި ވަކާލާތުކުރަމުންނެވެ. އަދި 1976 ވަނަ އަހަރު އެޖަމާޢަތުގެ މެމްބަރަކަށް ދިވެހިރާއްޖެ ވީފަހުން ރާއްޖެއިން ގެންދަނީ މިމައްސަލައިގައިވެސް އަދި އޯއައިސީގެ އެހެން މައްސަލަތަކުގައިވެސް ހަރަކާތްތެރި ގޮތެއްގައި ބައިވެރިވަމުންނެވެ.