ޚަބަރު

ކޯވިޑް-19 : ވަޒީފާއާބެހޭ ޕެޓިޝަން، ޢާންމުންގެ ޚިޔާލަށް ހުޅުވާލައިފި


"ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހީން ބާރުވެރިކުރުވަން" ގޮވާލައި ކޯވިޑް-19އާ ގުޅިގެން ވަޒީފާގެ ޙާލަތަށް ބަދަލުއައިސްފައިވާ ބަޔަކު، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.

ކޯވިޑް-19އާ ގުޅިގެން ފަތުވެރިކަމުގެ ދާއިރާއަށް ކުރިމަތިވެފައިވާ ދަތިތަކާ ގުޅިންގެ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މިޕެޓިޝަނުގައި 261 މީހަކުވަނީ ބައިވެރިވެފައެވެ. މި ޕެޓިޝަނުގައި ފާހަގަކޮށްފައި ވާގޮތުގައި ކޯވިޑް-19އާ ގުޅިގެން ގިނަ ޢަދަދެއްގެ ބަޔަކު ވަޒީފާ ގެއްލިފައިވެއެވެ. އަދި މުސާރަ ނުލިބޭގޮތަށް އެތައްބަޔަކަށް ދިގު މުއްދަތަކަށް ޗުއްޓީ ދީފައިވެސް ވެއެވެ. މިއާއެކު އެއްވެސް ޢާމްދަނީއެއް ނުލިބި އެތައްބަޔަކު ދިރިއުޅެންޖެހެމުން އެކަމުގެ ނޭދެވޭ އަސަރު ގިނަ އާއިލާތަކަށްވެސް ދަނީ ކުރަމުންކަމަށް މި ޕެޓިޝަނުގައި ވަނީ ބަޔާންކޮށްފައެވެ.

ފަތުރުވެރިކަމުގެ ސިނާޢަތަށް ރާއްޖޭގެ ބޯރޑަރު ހުޅުވާލުމަށް ތައްޔާރުވަމުންދާ މިދަނޑިވަޅުގައި ރިސޯޓުތަކުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންނާއި، ބިދޭސީ މުވައްޒަފުން ތިބެންޖެހޭ މިންގަނޑުކަމަށް ކަނޑައަޅައި 2012ވަނަ އަހަރު ޓުއަރިޒަމް މިނިސްޓަރީން ސަރކިއުލާއެއް ނެރެފައިވެއެވެ. މި ސަރކިއުލާގައިވާ މިންގަނޑުގައިވާގޮތުން ރިސޯޓުތަކުގައި މަދުވެގެން %45 ދިވެހި މުވައްޒަފުން ތިބެންޖެހެއެވެ.

ރިސޯޓުތަކުގައި މިހާރު ހުސްވެފައިވާ ވަޒީފާތަކަށް ބިދޭސީ މުވައްޒަފުން ނަގަންވާނީ، ކޯވިޑް-19ގެ ސަބަބުން ވަޒީފާގެއްލުނު، ދިވެހި މުވައްޒަފުންނަށް ފުރުޞަތު ދިނުމަށްފަހުކަމަށް މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނުގައިވަނީ ގޮވާލާފައެވެ.