ޚަބަރު

އެންއައިސީން ބަލަމުންދާ މައްސަލަތަކާ ގުޅޭގޮތުން މަޢުލޫމާތު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި


ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ބަލަމުންދާ މައްސަލަތަކާއި ޝަކުވާތަކާއި ގުޅޭގޮތުން މަޢުލޫމާތު ހުށަހެޅުމުގެ ފުރުޞަތު އެ ކޮމިޝަނުން ހުޅުވާލައިފިއެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން މި ފުރުޞަތު ހުޅުވާލާފައިވަނީ މިމަހުގެ 16 ވާ އަންގާރަ ދުވަހުގެ 14:00 އާއި ހަމައަށެވެ. އެކޮމިޝަނުން ވަނީ އެފަދަ މަޢުލޫމާތެއް ހުށަހަޅަން ބޭނުންވާ ފަރާތެއް ވާނަމަ އެފަރާތުގެ ނަމާއި ގުޅޭނެ ފޯނު ނަންބަރު ބަޔާންކޮށް، އެކަން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ.

ފާއިތުވި ދުވަސްތަކުގައި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅާ ޝަކުވާތަކާއި މައްސަލަތައް ބެލުމުގައި އެ ކޮމިޝަނުން އިހުމާލުވެފައިވާކަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ހޯދާފައިވާ މަޢުލޫމާތުތަކުން ފާހަގަކުރެވޭތީ، އެ ކޮމިޝަނުގެ މެންބަރުންނާ ގުޅޭ މައްސަލަތައް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ސަބް ކޮމިޓީއެއްވެސް ވަނީ އެކުލަވާލާފައެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާ މަތިކޮށްފައިވާ މަސްޢޫލިއްޔަތު އަދާކުރުމަށް އިހުމާލުވެފައިވާ މައްސަލަ ދިރާސާކުރުމުގެ މަސައްކަތް އެ ސަބް ކޮމިޓީންވަނީ ފަށާފައެވެ. އަދި އެ މައްސަލަ ދިސާރާކުރަމުން ދިޔައިރު، ޤާނޫނު ތަންފީޒުކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުންނާ ގުޅޭގޮތުން، އެ ކޮމިޝަނަށް ހުށަހެޅި ބައެއް މައްސަލަތައް ނުވަތަ ޝަކުވާތައް އެ ކޮމިޝަނުން ބަލާފައިނުވާކަން ސަބް ކޮމިޓީއަށް ފާހަގަކުރެވިފައިވާކަން އެ ކޮމިޓީން ވަނީ ފާހަގަކޮށްފައެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަކީ، ކަސްޓަމްސް ސަރވިސްއާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި، މޯލްޑިވްސް އިމިގްރޭޝަން ގެ މުވައްޒަފުން ކުރާ ޤާނޫނާއި ގަވާއިދާ ޚިލާފު ޢަމަލުތައް ބަލައި ތަޙްޤީޤުކުރުމާއި، އެފަދަ ޢަމަލެއްކަމަށް ތުހުމަތުކުރެވޭ ޢަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިކަމަށް ނުވަތަ ހިންގަން އުޅޭކަމަށް ތުހުމަތުކޮށް މައްސަލައެއް ހުށަހަޅައިފިނަމަ، އެކަމެއް ބަލައި ތަޙްޤީޤުކުރުމަށް އުފައްދަވާފައިވާ މުވައްސަސާއެކެވެ.