ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން އާބާދުކުރަން ޙުއްދަކުރާ ޤާނޫނެއް އިސްރާއީލުގެ ސުޕްރީމް ކޯޓުން އުވާލައިފިއެވެ.
2017ވަނަ އަހަރު ފާސްކުރި ޤާނޫނުގެ ސަބަބުން ފަލަސްޠީނުގެ ރައްޔިތުންގެ އަމިއްލަ ބިންތަކުގައި 4،000އަށްވުރެ ގިނަ ގެ އަޅާއި އިސްރާއީލުގެ ރައްޔިތުންވަނީ އާބާދުވެފައެވެ. އެ ޤާނޫނުގައި ބުނާގޮތުން އެ ބިންތަކަކީ ފަލަސްޠީނު ރައްޔިތެއްގެ މިލްކުވެރި ބިމެއްކަން އެތަނުގައި ވަޒަންވެރިވުމުގެ ކުރިން އެނގިފައިނުވާނަމަ ނުވަތަ ސަރުކާރުގެ އިރުޝާދުގެ ދަށުން އެ ތަންތަނުގައި ގެ އަޅާފައިވާނަމަ އެ ބިންތަކުގައި ޔަހޫދީންނަށް އާބާދުވެވޭނެއެވެ. ނުވަ ފަނޑިޔާރުންގެ ބެންޗަކުން ބުނީ އެ ޤާނޫނުގެ ދަށުން ބޭއިންސާފުން ޕަލަސްތީނުގެ ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަންނަކަމަށާއި ފަލަސްޠީނުގެ ރައްޔިތުންނަށް ގެއްލުންދީ އިސްރާއީލުގެ ރައްޔިތުންނަށް ފައިދާވާގޮތަށް މަގުފަހިކޮށްދޭކަމަށެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޔަމިން ނަޔަންޔާހޫގެ ކަނާތު ފިޔައިގެ ލިކުޑް ޕާޓީން ބުނީ އިސްރާއީލުގެ ބައެއްގެ ގޮތުގައި ފަލަސްޠީނު އާބާދުކޮށް އިސްރާއީލުގެ ރައްޔިތުންގެ ކުރިމަގަށް ހުރަސް އެޅޭގޮތަށް ސުޕްރީމު ކޯޓުން ޙުކުމް ކުރުމުން ހިތާމަކުރާކަމަށާއި އެ ނިންމުން ބަދަލުކުރަން މަސައްކަތްކުރާނެކަމަށެވެ. ނަމަވެސް ލިކުޑްގެ އައު އިއްތިޙާދީ ބައިވެރިޔާ ބްލޫ އެންޑް ވައިޓް ޕާޓީން ބުނީ އެ ޤާނޫނު އިސްރާއީލުގެ ޤާނޫނުއަސާސީއަށް ފުށުއަރާކަމަށާއި އެ ޤާނޫނުގައި ހުރި މައްސަލަތައް ފާހަގަކޮށްފައިވާކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓުގެ ނިންމުމަށް އިޚުތިރާމުކުރާކަމަށާއި ސުޕްރީމް ކޯޓުގެ ޙުކުމް ތަންފީޒުކުރޭތޯ ޔަގީންކުރާނެކަމަށެވެ.