ޚަބަރު

ކުޅުދުއްފުށީގައި ގަވައިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީންތަކެއް މާލެ ފުރުވަލައިފި


ޤަވައިދާ ޚިލާފަށް ކުޅުދުއްފުށީ ސިޓީގައި ދިރިއުޅެމުން ދިޔަ ބިދޭސީންތަކެއް މިއަދު މާލެ ފުރުވާލާއިފިއެވެ. ބަންގްލަދޭޝްއަށް ނިސްބަތްވާ 13 ބިދޭސީއަކު ފުރުވާލީ އަރަށު ބަހާދަރު ބޯޓްގައެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ޢަބްދުއްލަޠީފް ޙަސަން ވިދާޅުވީ، އެސިޓީގައި ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ޢަދަދު ގިނަ ކަމަށާ އެކަން އެންމެ ބޮޑަށް ފާހަގަ ވެގެން ދިޔައީ ކޮވިޑް-19 އާ ގުޅިގެން ކަމަށެވެ. އެހެންވެ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރާ ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމުގެ ދަށުން މިއަދު ފުރުވާލީ ފުރަތަމަ ބުރުގައި ހިމެނޭ 13 ބިދޭސީން ކަމަށެވެ.

އޭނާ ވިދާޅުވީ، ކޮވިޑް-19 ގެ ޓާސްކް ފޯސް އާއި ސަރުކާރުގެ މުވައްސަސާތަކުގެ އެހީތެރިކަމާއެކު ކުރިއަށްދާ މި ޕްރޮގްރާމުގެ މަސައަކަތް އިތުރަށް ކުރިއަށްދާނެ ކަމަށެވެ. މިއަދު ފޮނުވާލި ބިދޭސީންނާއި މާލެއިން ހަވާލުވާނީ އިކޮނޮމިކް މިނިސްޓްރީންކަމަށް ކުޅުދުއްފުށީ ކައުން އޮފީހުން މަޢުލޫމާތު ދެއެވެ. އެ މީހުން ފޮނުވާލުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝް އަށެވެ.

ބިދޭސީން ފޮނުވާލުމުގައި އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ އެހީތެރެިކަން ލަޠީފް ވަނީ ޚާއްޞަ ގޮތެއްގައި ފާހަގަ ކުރައްވާފައެވެ.

ކައުންސިލުން އަންދާޒާކުރާ ގޮތުގައި ކުޅުދުއްފުށީގައ ޤަވާއިދާ ހިލާފަށް 300 އެއްހާ ބިދޭސީން ދިރިއުޅެ އެވެ. ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމަށް މީގެން ކުރީގެ ކައުންސިލްތަކުންވެސް މަސައްކަތްތަކެއް ކޮށްފައިވެއެވެ.