ޚަބަރު

ފަންނާނުންނަށް އެހީތެރިވުމަށް އަންނަނީ މަސައްކަތްކުރަމުން: ހެރިޓޭޖް މިނިސްޓްރީ


ލިޔެކިޔުންތައް ފުރިހަމަކޮށްފައިވާ ހުރިހާ ފަންނާނުންނަށްވެސް ޖޮބް ސެންޓަރު މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށް ދެމުންދާކަމަށް މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖުން ވިދާޅުވެއްޖެއެވެ.

ޢާމްދަނީ ލިބޭ މަސައްކަތްކުރާކަމުގެ ލިޔެކިޔުމެއް ނެތްކަމުގައިވާނަމަ އެހީ ފޯރުކޮށް ދިނުމުގައި މިހާރު ހުރި އުސޫލުތަކުގެ ތެރެއިން ދަތިތަކެއް ކުރިމަތިވަމުންދާކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ. އެހެންނަމަވެސް ފަންނާނުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް މިނިސްޓްރީން ކުރައްވަމުން ގެންދަވާކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

އެގޮތުން ޕާފޯމް އެންޑް އާރޓްސްގެ ދާއިރާއިން، ފިލްމް އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތްތަކާއި، ބޮޑުބެރުގެ ފަރާތްތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ،

ހެރިޓޭޖް މިނިސްޓްރީގެ ޑިރެކްޓަރ އޮފް ކޮމިއުނިކޭޝަންސް އިސްމާޢިލް ނާއިލް ވިދާޅުވީ ފަންނާނުންނަށް ކުރިމަތިވާ ދަތިތައް ދެނެގަތުމުގެ މަސައްކަތް މިނިސްޓަރ ޔުމްނާ މައުމޫންގެ އިސްނެންގެވުމުގެމަތިން ކުރިއަށް ދާކަމަށެވެ. އަދި މިގޮތަށް ކުރިއަށްގެންދާ ވާޗުއަލް ބައްދަލުވުންތަކުގައި ފަންނާނުންގެ ފަރާތުން ޢާއްމުކޮށް އަންނަ ޝަކުވާއަކީ ޖޮބް ސެންޓަރަށް އެހީއަށް އެދި އެހީ ލިބުމުގައި ލަސްތަކެއް ވާކަމުގެ ޝަކުވާތައްކަމަށެވެ. އަދި މިކަންކަން ޙައްލުކުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީއާއި ގުޅިގެން މަސައްކަތް ކުރައްވަމުންގެންދަވާކަމަށް ނާއިލް ވިދާޅުވިއެވެ.

ނާއިލް ވިދާޅުވީ ޢާއްމުގޮތެއްގައި އެހީއަށް އެދެމުން އަންނަނީ ރިސޯޓުތަކުގައި މަސައްކަތްކުރާ މިއުޒިކް ފަންނާނުންކަމަށާއި އެފަރާތްތަކުން ރިސޯޓާއެކު ލިޔުމުން ކޮންޓްރެކްޓެއް އޮތްނަމަ އެލިޔުމާއެކު ބެންކް ސްޓޭޓްމަންޓް ހުށައަޅަންޖެހޭކަން ނާއިލް ފާހަގަކުރެއްވިއެވެ. އަދި ލިޔުމުން ކޮންޓްރެކްޓް ނެތް ފަރާތެއްނަމަ ވޭތުވެދިޔަ 6 މަސްދުވަހުގެ ބޭންކް ސްޓޭޓްމަންޓު ނުވަތަ ޢާމްދަނީ ލިބޭކަން އެނގޭފަދަ ލިޔުމެއް ހުށައަޅަން ޖެހޭނެކަމުގައި ނާއިލް ވިދާޅުވިއެވެ.

ކޯވިޑާއެކު ރާއްޖޭގައި ޢިއުލާންކޮށްފައިވާ ފުރަބަންދަށް ދޭ ލުއިތަކާއެކު ފަންނާނުންނަށް ޢާމްދަނީ ލިބޭނެ އިތުރު ގޮތްތަކެއް ހޯދުމުގެ މަސައްކަތް މިނިސްޓްރީން ކުރައްވަމުން ގެންދަވާކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

އަދި މިދަނޑިވަޅުގައި އެންސީއޭގައި ރަޖިސްޓްރީވުމަށް ބާރުއަޅުއްވަމުން ގެންދަވަނީ މިފަދަ ކަންކަމުގައިވެސް އެހީތެރިކަމާ އެއްބާރުލުން ފޯރުކޮށްދިނުމަށް ފަސޭހަކުރުމުގެ ގޮތުންކަމަށެވެ. ނާއިލް ވިދާޅުވީ ރާއްޖޭގައި ރަޖިސްޓަރ ނުވެތިބި އެތައްހާސް އާޓިސްޓުން އެބަތިބި ކަމަށެވެ. އެހެންނަމަވެސް ސަރުކާރުގެ އިދާރާއެއްގައި ރެޖިސްޓަރ ވެފައި ނުވާނަމަ ދިމާވާ މައްސަލަތައް ޙައްލުކުރުމަށާއި ފުރުސަތުތައްވެސް ލިބުމުގައި ގޮންޖެހުން ހުރިކަން ނާއިލް ވަނީ ފާހަގަކުރައްވާފައެވެ.