ޚަބަރު

ލަންކާއިން އަންނަ ދިވެހިންގެ ތެރެއިން 150 އަށްވުރެ ގިނަ މީހުން 13 އަތޮޅެއްގައި ހޯމް ކަރަންޓީންކުރާނެ


މާދަމާ ސްރީލަންކާއިން އަންނަ މީހުންގެ ތެރެއިން 150 އަށްވުރެ ގިނަ މީހުން ރާއްޖޭގެ 13 އަތޮޅެއްގެ ތަފާތު ރަށްރަށުގައި ހޯމް ކަރަންޓީންކުރާނެކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ސްރީލަންކާގައި ތިބި ދިވެހިންގެ ތެރެއިން މާދަމާ ރާއްޖެއަންނަ 262 ދިވެހިންގެ ތެރޭގައި ހިމެނެނީ، އާސަންދަ މެދުވެރިކޮށް ބޭސްފަރުވާއަށްގޮސްތިބި މީހުންންނާއި، ޚާއްސަ އެހީއަށްބޭނުންވާ މީހުންނާއި، ޓޫރިސްޓް ވިސާގައި ދަތުރުކޮށް މާލީ އެހީތެރިކަމަށް މިހާރު ބޭނުންޖެހިފައިވާ މީހުންގެ އިތުރުން ފުރަބަންދާއި ގުޅިގެން ފްލައިޓް ކެންސަލްވި މީހުން ކަމަށެވެ.

މަބްރޫކް ވިދާޅުވީ މި އެންމެންވެސް ރާއްޖެ އައުމުގެ ކުރިން ހޯމް ކަރަންޓީންވެވޭނެ ތަނެއް ދެނެގަތުމަށް ޚާއްސަ ފޯމެއް ފޮނުވާފައިވާކަމަށެވެ. ނަމަވެސް އޭގެތެރެއިން ފޯމް ފުރާފައިވަނީ މަދުބައެއްކަން މަބްރޫކް ފާހަގަކުރެއްވިއެވެ. އެގޮތުން އެފޯމްފުރި ބައެއް މީހުން ހޯމް ކަރަންޓީންވާނެ ގޮތާއިގުޅޭ ބައިވެސް ފުރާފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިގޮތަށް އަންނަ މީހުން ރާއްޖެއައުމުގެ ކުރިން މި މަޢުލޫމާތު ސާފުވެފައިވާނަމަ ރާއްޖެ އައުމަށްފަހު ހޯމް ކަރަންޓީންކުރުމުގެ މަރުހަލާގައިި ހޭދަވާ ވަގުތު މަދުވާނެކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

އެހެން ކަމުން ކުރިއަށް އޮތްތަނުގައި މިގޮތަށް އަންނަ މީހުން ފޮރިން މިނިސްޓްރީން ފޮނުވާ ފޯމާއި ހޯމް ކަރަންޓީންވާތަން އަންގައިދިނުމަށް މަބްރޫކް ވަނީ އިލްތިމާސްކުރައްވާފައެވެ.

މާދަމާ ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާ މީހުންގެ ތެރެއިން ހޯމްކަރަންޓީންވާނެ ތަނެއްގެ ގޮތުގައި އަމިއްލަ ރަށުގެ ގޭގައި ކަރަންޓީނުވުމަށް 153 މީހުން އެދިފައިވާއިރު އޭގެ ތެރޭގައި 13 އަތޮޅަކަށް ދާން މީހުންއެދިފައިވާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

މި މީހުން ގެންދިއުމުގެ މަސައްކަތުގައި ހަރަކާތްތެރިވާނީ ސިފައިންކަމަށް އެންއީއޯސީން ވިދާޅުވެއެވެ.