ޚަބަރު

އެއްވެސް ދަރިވަރެއްގެ އާއިލާ މީހަކަށް ބަލިޖެހުނުތޯ ކިޔެވުން ފެށުމުގެ ކުރިން ބަލާނެ


އެއްވެސް ދަރިވަރަކަށް ނުވަތަ އާއިލާގެ އެއްވެސް މީހަކަށް ކޯވިޑު ޖެހި ނުވަތަ ކަރަންޓީނަށް ގެންގޮސްފައިވޭތޯ ބަލާ އެ މައުލޫމާތުތައް ސްކޫލްތައް ހުޅުުވުމުގެ ކުރިން އެއްކުރަން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގައިފިއެވެ.

މިނިސްޓްރީން މިގޮތަށް ސްކޫލްތަކަށް އަންގާފައިވަނީ ސްކޫލްތައް ހުޅުވުމަށް އަމަލުކުރާނެ ގޮތްތައް ހިމަނާ އެކުލަވާލި ގައިޑްލައިންގައެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ޤައިޑްލައިންގައި ބުނެފައިވަނީ ކޯވިޑް ބަލީގެ އެއްވެސް ރިސްކެއް އޮތް އެއްވެސް ދަރިވަރަކަށް ނުވަތަ ސްޓާފަކަށްވެސް ސްކޫލަކަށް ނާދެވޭނެކަމަށެވެ. އަދި އެ ފަދަ ދަރިވަރެއްގެ ނުވަތަ ސްޓާފެއްގެވެސް މައުލޫމާތު ސިއްހީ ދައިރާތަކަށް ހިއްސާކޮށް ބަލަންޖެހޭނެކަމަށްވެސް މި ޤައިޑްލައިންގައިވެއެވެ.

މި ގައިޑްލައިންގައިވާ ގޮތުން ސްކޫލްތައް ހުޅުވުމުގެ ކުރިން ބެލެނިވެރިންނާއި ގުޅިގެން ސްކޫލްތަކުން ދަރިވަރުންނަށް މާސްކް ލިބޭނެ އިންތިޒާމުތައް ހަމަޖައްސަންޖެހޭނެއެވެ. މި ގޮތުން ދަރިވަރުންނަށް ޑިސްޕޯސަބަލް ނުވަތަ ފޮތި މާސްކްވެސް ބޭނުންކުރެވިދާނެއެވެ.

ސްކޫލްތަކުގެ ހުރިހާ މުވައްޒަފުންނާއި ދަރިވަރުން ސްކޫލްގައި އުޅޭ ހުރިހާ ވަގުތެއްގައި މާސްކް އަޅަންޖެހޭނެއެވެ، އެހެންނަމަވެސް އުމުރުނ ދެ އަހަރުން ދަށުގެ ކުދިން މާސްކު އަޅާކަށް ނުޖެހެއެވެ. މާސްކު އެޅުމުގައި އިސްތިސްނާވާނީ ހަމައެކަނި ނޭވާ ހިއްލުމުގެ މައްސަލަތައް ހުންނަ ދަރިވަރުންނަށް އެކަނިކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މިނިސްޓްރީގެ ގައިޑްލައިންގައިވާ ގޮތުން ދަރިވަރު އަަޅައިގެން ދާ މާސްކު ބަދަލުކުރަން ޖެހިއްޖެނަމަ އެކަމަށް ކޮންމެ ދަރިވަރަކުވެސް ސްކޫލަށް ފޮނުވަންޖެހޭނީ އިތުރު މާސްކެއް ދީފައެވެ. އަދި އެ މާސްކު އޮންނަންވާނީ ރައްކާތެރިކަމާއި އެކު ދަބަހުގައި ބަންދުކުރެވިފައިކަމަށެވެ.

ސްކޫލްތެރޭ ގައިދުރުކަން ބެހެއްޓުމަށް ދަރިވަރުންނަށް އެނގޭގޮތަށް ފާހަގަކުރެވިފައި ހުންނަން ޖެހޭނެކަމަށާއި ބެލެނިވެރިން ދަރިވަރުން ސްކޫލަށް ގެނެސް ދޫކޮށްލަންޖެހޭ ސަރަހައްދުތައްވެސް ފާހަގަކުރެވިފައި ހުންނަންޖެހޭކަމަށްވެސް މި ގައިޑްލައިންގައިވެއެވެ.

އެއްވެސް ކަމެއް ދިމާވެގެން ދަރިވަރަކަށް ސްކޫލަށް ހާޒިރުނުވެވިއްޖެ ހާލަތެއްގައި އެ ދަރިވަރަކަށް ކޮންމެ ދުވަހެއްގެވެސް ފިލާވަޅުތައް ލިބޭނެ އިންތިޒާމު ބެލެނިވެރިންނާއި ގުޅިގެން ސްކޫލްތަކުން ހަމަޖައްސަންޖެހޭނެއެވެ. އަދި ކްލާސްރޫމްތަކުގައި ދަރިވަރުން ތިބުމުގައި ކޮންމެ ދެ މޭޒެއްގެ ދުރުމިނުގައި ތިން ފޫޓް ހުންނަ ގޮތަށް ކްލާސްރޫމްތަކުގެ ކަންކަން އިންތިޒާމު ކުރަންޖެހޭނެއެވެ.

ސްކޫލްތައް ހުޅުވުމުގެ ކުރިން ސްކޫލްތައް ޑިސްއިންފެކްޓްކޮށް ޤަވައިދުން އެކަން ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްވެސް އެޑިއުކޭޝަން މިނިސްޓްރީގެ ގައިޑްލައިންގައިވއެވެ. އަދި ސްކޫލްތައް ހުޅުވަންވާނީ ދަރިވަރުންނާއި މުވައްޒަފުންނަށް އަތްދޮވެވޭނެ ހުރިހާ އިންތިޒާމުތައް ހަމަޖެއްސުމަށްފަހުކަމަށްވެސް މި ގައިޑްލައިންގައިވެއެވެ.