ޚަބަރު

އަންނަ ހަފްތާއިން ފެށިގެން ބެންކުތަކުން ހިދުމަތްދޭ ދުވަސްތައް އިތުރުކުރަނީ


އަންނަ ހަފްތާއިން ފެށިގެން ބެންކުތައް ހުޅުވާ ހިދުމަތްދޭ ދުވަސްތައް އިތުރުކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ނިންމަވައިފިއެވެ.

މަރުކަޒީ ބޭންކް އެމްއެމްއޭއިން ވިދާޅުވީ ޖޫން 14 އިން 30 ވަނަ ދުވަހުގެ ނިޔަލަށް ހޯމަ، އަންގާރަ، ބުދަ އަދި ބުރާސްފަތި ދުވަހު ބޭންކުތައް ހުޅުވާ، ހިދުމަތް ދިނުމަށް ނިންމާފައިވާކަމަށެވެ. އަދި މިދުވަސްތަކުގައި ބެންކުތައް ހުޅުވާނީ ހެނދުނު 9:30 އިން ފެށިގެން މެންދުރު 2:00 ޖެހުމާ ހަަމައަށްކަމަށަް އެމްއެމްއޭއިން މަޢުލޫމާތުދެއްވައެވެ. އަދި ވަކިވަކި ބޭންކުތައް ހުޅުވާ ދޭނެ ހިދުމަތްތަކުގެ ތަފްސީލް އެ ބޭންކުތަކުން ހާމަކުރާނެކަމަށާއި ބޭންކުތައް ހުޅުވިކަމުގައިވިޔަސް އޮންލައިންކޮށް ލިބެން ހުންނަ ހިދުމަތްތައް އިހްތިޔާރުކުރުމަށް އިލްތިމާސްކުރާކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ. އަދި ފުރަބަންދުގެ ހާލަތަށް ސަރުކާރުން ދީފައިވާ ލުއިތަކާއި ގުޅިގެން، މިހާރު މެދުކެނޑިފައިވާ ކުދި ރުފިޔާ ދޫކުރުމުގެ ހިދުމަތާއި ވަކި ލާރި ދޫކޮށް ބަލައި ގަތުމުގެ ހިދުމަތް 16 ޖޫން ވާ އަންގާރަ ދުވަހުން ފެށިގެން އަލުން ފަށާނެކަމަށްވެސް އެމްއެމްއޭއިން ވިދާޅުވެއެވެ. އަދި މިހިދުމަތްދޭނީ ކޮންމެ ހަފްތާއަކު އަންގާރަ އަދި ބުރާސްފަތި ދުވަހުކަމަށްވެސް އެމްއެމްއޭއިން މައުލޫމަތުދެއްވައެވެ.

އެމްއެމްއޭއިން ވިދާޅުވީ އެއޮތޯރިޓީއަށް ހިދުމަތް ހޯދުމަށް ވަޑައިގަތުމުގެ ކުރިން 7919292 އަށް ނަމާއި، އައިޑީ ކާޑު ނުވަތަ ޕާސްޕޯޓު ނަންބަރާއި، ދިރިއުޅޭ އެޑްރެސް، ގުޅޭ ފޯނު ނަންބަރު އަދި ހޯދަން އެދޭ ހިދުމަތް ޓެކްސްޓް ނުވަތަ ވައިބާ މެސެޖު މެދުވެރިކޮށް ފޯރުކޮށްދިނުމުން މޯލްޑިވްސް ޕޮލިސް ސާރވިސް މެދުވެރިކޮށް ހޯދަން ޖެހޭ ހުއްދަ ހޯދައިދިނުމަށް ނިންމާފައިވާކަމަށެވެ.

ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން މާލޭގައި ފުރަބަންދުގެ ފިޔަވަޅުތައް އެޅުމުން އެމްއެމްއޭ އަދި ބޭންކުތަކުގެ ގިނަ ހިދުމަތްތައް ވަނީ އޮންލައިންކޮށް ދޭން ފަށާފައެވެ. ނަމަވެސް އަސާސީ ބައެއް ހިދުމަތްތައް ފޯރުކޮށްދިނުމަށް އެމްއެމްއޭވެސް އަދި ބޭންކްތައްވެސް ވަނީ ފުރަބަންދުގެ ހާލަތު އިއުލާންކުރީއްސުރެ ވަކި ދުވަސްތަކެއްގެ ވަކި ގަޑިތަކެއްގައި ހުޅުވާ ހިދުމަތް ފޯރުކޮށްދީފައެވެ.