ޚަބަރު

ކޯވިޑް-19 : އައު ޢާއްމު ޙާލަތުގައި ކިޔަވައިދޭން ފެށުމަށް ތައްޔާރުވާން އަންގައިފި


ކޯވިޑް-19ގެ އައު ޢާއްމު ޙާލަތުގައި ކިޔަވައިދޭން ފެށުމަށް ތައްޔާރުވާން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް މިއަދު އަންގައިފިއެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ.ޢާއިޝަތު ޢަލީ ސޮއިކުރައްވައި ސްކޫލަކަށް ފޮނުއްވި ސާކިއުލާގައި ވިދާޅުވީ ބަލިމަޑުކަމުގެ ޙާލަތަށް ބެލުމަށް ފަހު ސްކޫލުތަކުގައި ކިޔަވައިދޭން ފަށަން ގިނަ މަޝްވަރާތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީއާއި ކަމާގުޅުން ހުރި ފަރާތްތަކުގެ ލަފާގެ މަތިން ސްކޫލުތައް ހުޅުވައި ކިޔަވައިދިނުމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

އަދި ސްކޫލުގެ ދަންފަޅިތަކުގެ ޢަދަދާއި ހާޒިރުވާންޖެހޭ ގްރޭޑުތައް ކަނޑައަޅާނީ ސްކޫލުގެ އާބާދީއާއި ރަށުގެ ބަލިމަޑުކަމުގެ ޙާލަތަށް ބެލުމަށްފަހުކަމަށްވެސް މިސަރކިއުލާގައި ވިދާޅުވެފައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ސްކޫލުގެ އިދާރީ ހިންގުމާއި ކިޔަވައިދިނުމުގެ އިންތިޒާމްތަކާއި ދަރިވަރުންނާއި މުވައްޒަފުންގެ ސިއްޙީ ރައްކާތެރިކަން ކަށަވަރުކުރަން މިޙާލަތުގައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ މަޢުލޫމާތާއި އިރުޝާދު ފަސޭހަކަމާއެކު ފޯރުކޮށްދޭން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.

ސްކޫލްތައް ހުޅުވާނެ ވަކި ތާރީޚެއް ކަނޑައަޅާނީ އެޗްޕީއޭއިން ނަމަވެސް ސްކޫލުތައް ހުޅުވުމުގެ ތައްޔާރީތައް ކުރިއަށް ގެންދިއުމަށް ސްކޫލްތަކަށް ވަނީ އަންގަވާފައެވެ. އަދި އަންނަ އާދިއްތަ ދުވަހުން ފެށިގެން ގޫގުލް ކްލާސްރޫމް އަދި ޓެލިކިލާހުގެ އެހީގައި ކިޔަވައިދިނުމުގެ ކަންކަން ހަމަޖައްސައި ދަރިވަރުންގެ ހާޒިރީ ބަލަންވަނީ އަންގަވާފައެވެ.

އެންމެ އަވަހަށްވެސް ސްކޫލުތައް ހުޅުވޭނީ އަންނަ އާދިއްތަ ދުވަހުކަމަށް ސަރުކާރުން މީގެކުރިން ވަނީ ވިދާޅުވެފައެވެ. އެޑިއުކޭޝަން މިނިސްޓަރު ޑރ.ޢާއިޝަތު ޢަލީ މީގެކުރިން ވިދާޅުވީ ނިއު ނޯމަލްގައި ބައެއް ސްކޫލުތަކުގައި ހަތަރު ދަންފަޅިއަށް ވެސް ކިޔަވައިދޭން ޖެހިދާނެ ކަމަށެވެ. އަދި ނިއު ނޯމަލްގައި ކިޔަވައިދޭން ފެށުމުން ސްކޫލުގައި ދަރިވަރުން ހޭދަކުރާ ވަގުތު މަދުވާނެ ކަމަށާ، ގިނަ ވަގުތު ހޭދަކުރާނީ "ޑިސްޓެންސް މޯޑު"ގައި ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ކޯވިޑް-19އާ ގުޅިގެން މިދިޔަ މާރޗް މަހުގެ 15ވަނަ ދުވަހު ސްކޫލްތައް ބަންދުކުރުމަށްފަހު ޓެލިކިލާސްތައް ފަށައި ކިޔަވައިދެމުންދިޔައެވެ. އަދި މާލެ ސަރަޙައްދު ފުރަބަންދުކުރުމާ ގުޅިގެން އެކްލާސްތައް ހުއްޓި އޮތުމަށްފަހު މިދިޔަ މަހުގެ ތެރޭ އަލުން ވަނީ ފަށާފައެވެ.