ޚަބަރު

"ސާމްޕަލް ނަގާ ޢަދަދު މަދެއްނުކުރަން"


ކޯވިޑް-19އަށް ޕޮޒިޓިވް ކޭސްތައް މަދުކަމަށް ދެއްކުމަށް ސާމްޕަލް ނަގާ ޢަދަދު މަދު ނުކުރާކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

މިދިޔަ މަހުގެ 28ވަނަ ދުވަހުން ފެށިގެން މާލޭގައި އިޢުލާންކޮށްފައިވާ ފުރަބަންދަށް ސަރުކާރުން ވަނީ އެކި މަރުހަލާތަކަށް ބަހާލައިގެން ލުއިދޭން ފަށާފައެވެ. ކޯވިޑް-19 ކޮންޓްރޯލްކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ މަޢުލޫމާތު ނޫސްވެރިންނާ ހިއްސާކުރައްވަމުން، ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، ސަރުކާރުންވަނީ ދުރާލައި މި ބަލިމަޑުކަމަށް ތައްޔާރުވާން ފަށާފައިވާކަމަށާ، އަދި މިއަދާހަމައަށްވެސް ދެން ކުރިމަތިވެދާނެ ކަންކަމަށް ތައްޔާރުވުމަށްޓަކައި ކުރައްވަމުންދާ މަސައްކަތްތަކަށް ހުއްޓުމެއް ނާންނަކަމަށެވެ.

އެގޮތުން ޓެސްޓްކުރާ މިންވަރު އިތުރުކުރުމާއި އައިސޮލޭޝަން ފެސިލިޓީތަކާއި ފަރުވާދޭ ތަންތަން ތަރައްޤީކޮށްފައިވާކަން މަބްރޫކް ފާހަގަކުރެއްވިއެވެ. މިދުވަސްވަރު ރާއްޖޭގައި ދުވާލެއްގެ މައްޗަށް 800 ސާމްޕަލް ނަގާއިރު މިވަރަށް ޢަދަދު ދައްވެފައިވަނީ ޓެސްޓް ތަޙުލީލުކުރާ މައި މަރުކަޒުކަމަށްވާ އައިޖީއެމްއެޗްގައި ޓެސްޓްކުރުމަށް ބޭނުންކުރަމުންދިޔަ ޕީސީއާރް މެޝިނެއް މައްސަލަޖެހުމުންކަމަށެވެ. މީގެ އިތުރުން ބިދޭސީން ބައިތިއްބާ ކަރަންޓީން ފެސިލިޓީތަކުގެ ބޮޑުބައެއް ނިންމާލާފައިވާއިރު، އަތޮޅުތަކުގައި ޤާއިމުކުރާ އައިސީޔޫ ފެސިލިޓީތައް ތަރައްޤީކޮށް ނިންމާފައިވާކަމަށެވެ.

"ބައެއް ފަރާތްތައް އެބަ ކިޔާ އަޑު އިވޭ އަޅުގަނޑުމެން ކޭސްތަކުގެ މަދުކަމަށް ދައްކަން ސާމްޕަލް ނަގާ އަދަދު މަދުނުކުރަނީ އޭ. މިއީ ދޮގެއް. އަޅުގަނޑުމެން އައިޖީއެމްއެޗްގައި ބޭނުންކުރަމުންދިޔަ މެޝިން މައްސަލަ ޖެހުނީމަ ސާމްޕަލް ނަގާ އަދަދު މަދުވި ކޮންމެސް ވަރަކަށް. އެހެންނަމަވެސް ދުވާލެއްގެ މައްޗަށް 800 ސާމްޕަލް ނަގާ މިހާރުވެސް"

މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވިއެވެ.

މިދިޔަ މަހުގެ 28ވަނަ ދުވަހުން ފެށިގެން މާލޭގައި އިއުލާންކޮށްފައިވާ ފުރަބަންދަށް ވަނީ އެކި މަރުޙަލާތަކަށް ބަހާލައިގެން ލުއިދޭން ފަށާފައެވެ. އެގޮތުން އެދުވަހުން ފެށިގެން 2 ހަފްތާއަށް ފުރަތަމަ މަރުހާލާގެ ފުރަތަމަ ސްޓޭޖްގައި ދަނީ ބޮޑެތި ލުއިތަކެއް ދެމުންނެވެ. އެގޮތުން ޒަރޫރީ ތަންތަން ހުޅުވުމާއި، ޢުމުރުން ދުވަސްވީ މީހުންނަށް ބޭރަށް ނިކުތުމަށް ބޭރަށް ދިއުމުގެ ފުރުސަތު ދިނުން ހިމެނެއެވެ. ފުރަތަމަ މަރުހަލާގެ ސްޓޭޖް 2 ފެށުމަށް ހަމަޖެހިފައިވަނީ މިހާރުގެ ހާލަތައް ބަލައި މިމަހުގެ 11ވަނަ ދުވަހުން ފެށިގެންނެވެ.