ތަރައްްޤީ

މާލޭގެ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް އަލުން ފަށައިފި


މާލޭގެ މަގުތައް ތަރައްޤީކުރުމަށް ކުރިއަށްގެންދާ "މާލޭސިޓީ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓް"ގެ މަސައްކަތް އަލުން ފަށައިފިއެވެ.

ބިމުގެ އަޑިން ގޭސް ހޮޅިއާއި ފަޔަރ ހައިޑްރަންޓް ހޮޅި އަޅައި، ޒަމާނީ ފެންވަރަށް މާލޭގެ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ހަވާލުކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ. އަދި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް އެކުންފުނިން ފަށާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހުއެވެ. ނަމަވެސް މިދިޔަ އޭޕްރީލްމަހުގެ ތެރޭގައި މާލޭގައި ކޯވިޑް-19 ފެތުރެން ފެށި ހިސާބުން މާލޭ ސަރަޙައްދު ފުރަބަންދުކޮށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު، މި މަޝްރޫޢުގެ މަސައްކަތް އޮތީ މަޑުޖައްސާލާފައެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ވިދާޅުވީ، މާލޭގެ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް އެކުންފުނިން އަލުން ފަށާފައިވާކަމަށެވެ. އެގޮތުން މި މަސައްކަތަށް ބޭނުންވާ ސަރވޭގެ މަސައްކަތް ކުރުމަށް އެކުންފުނީގެ ޓީމްތައް މިހާރު ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. މި މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ ތަރައްޤީ ކުރުމަށް ހަމަޖެހިފައި ވަނީ ވެސްޓް ޕާކް ސަރަހައްދެވެ. އެ ސަރަހައްދުން 1.94 ކިލޯ މީޓަރުގެ 7 މަގެއް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މާލޭގެ މަގުތައް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން މާލޭގެ އެކި ސަރަހައްދުތަކުން 18.08 ކިލޯ މީޓަރުގެ މަގު ހެދުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ ތެރޭގައި މާލޭގައި އެންމެ ބޮޑަށް ހަލާކުވެފައިވާ މަގުތައް ހިމަނައިގެން 416 މަގެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަލަށް ހަދާމަގުތައް ހަތަރު ޑިޒައިނަކަށް ހެދުމަށް ވަނީ ނިންމާފައެވެ.

މި މަގުތައް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ ކަރަންޓާއި ފެނާއި، ނަރުދަމާއާއި، ޑީވޯޓަރިންއާއި އެހެނިހެން ޚިދުމަތްތަކަށް ބޭނުންކުރާ ކޭބަލްތައް މަގު ނުކޮނެ ފަސޭހައިން ގުޅާލެވޭގޮތަށް ފަރުމާކޮށްގެންނެވެ. އަދި މި މަގުތައް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ ފަޔަރ ހައިޑްރަންޓް ހޮޅި އާއި ގޭސް ހޮޅި ހިމަނައިގެންނެވެ. މާލޭގެ މަގުތައް ތަރައްޤީކުރުމަށް ޖުމުލަ 462 މިލިޔަން ރުފިޔާ ޚަރަދުވާނެކަމަށް ސަރުކާރުން ކުރިންވަނީ ވިދާޅުވެފައެވެ.