ކުޅިވަރު

ސާއިދުގެ ބޫޓް ސްޕޮންސަރ ކުރުމަކީ ލިބުނު ފަޚްރެއް -ފައިސަލް ނަސީމް


ކުރިއަށް އޮތް ފަސް އަހަރަށް ހަސަން ސާއިދުގެ ބޫޓް
ސްޕޮންސަރ ކުރުމުގެ ފުރުޞަތު ލިބުމަކީ ވަރަށްބޮޑު ފަޚްރެއްކަމަށް ރައްޔިތުންގެ
މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. މިއަދު ސާއިދުއާއެކު
އޭނާގެ ރަށަށް ވަޑައިގެން ސާއިދުގެ ބޫޓް ސްޕޮންސަރ ކުރެއްވުމަށްފަހު އެދާއިރާގެ
މެމްބަރު ވިދާޅުވީ އެފުރުޞަތު ލިބުމުން އުފާކުރައްވާކަމަށާއި، އެއީ
ލިބިވަޑައިގެންނެވި ފަޚުރެއްކަމަށެވެ.

 ގާފަރުވެސް ހިމެނޭ ކާށިދޫ ދާއިރާގެ މެމްބަރު
ފައިސަލް ނަސީމް ވިދާޅުވީ ސާއިދުގެ ކާމިޔާބީއަކީ ގާފަރަށްވެސް، މުޅި ޤައުމަށްވެސް
ލިބިގެންދިޔަ ވަރަށް ބޮޑު ފަޚުރެއްކަމަށެވެ.



" އަޅުގަނޑުމެން މިބަލަނީ
ޒުވާނުންނަށްޓަކައި އަދި ހަމަ މިނޫނަސް އެހެން ދާއިރާތަކަށްވެސް އަޅުގަނޑުމެންނަށް
ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއްވެސްދޭން. އަޅުގަނޑުމެންނަށް މިލިބިގެންދިޔައީ،
މުޅި ޤައުމަށް ލިބިގެން މިދިޔައީ އަދި ގާފަރަށްވެސް ލިބިގެން މިދިޔައީ ވަރަށް ރީތި
ނަމެއް. އަޅުގަނޑު ހަމަގައިމުވެސް ބޭނުންވޭ މިފަދަ ކޮންމެ ކަމެއްގައިވެސް
ޙިއްޞާކުރަން. އަޅުގަނޑަށް ވެވުނު މިންވަރަކުން އެހީތެރިވާން. އެގޮތުން އަޅުގަނޑަށް
ލިބުނު ވަރަށް ބޮޑު ފަޚްރެއް ސާއިދުގެ ބޫޓް ކުރިއަށް އޮތް ފަސް އަހަރަށް ސްޕޮންސަރ
ކުރުމުގެ ފުރުޞަތު ލިބުނީމަ. " ފައިސަލް ނަސީމް ވިދާޅުވިއެވެ.



ހަސަން ސާއިދު ރަންމެޑަލް ހޯދީ ނިމިގެން ދިޔަ
އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްގެ ސަތޭކަ މީޓަރު ދުވުގައި ވާދަކޮށްގެންނެވެ. ސާއިދުއަކީ ކ.ގާފަރުގެ ޒުވާނެކެވެ.