ޚަބަރު

ދެ ކޮރެޔާގެ ދެމެދު އޮތް މުވާސަލާތީ ގުޅުން ކަނޑާލައިފި


ދެކުނު ކޮރެޔާއާއެކު އޮންނަ މުވާސަލާތީ ގުޅުން އުތުރު ކޮރެޔާއިން ކަނޑާލައިފިއެވެ.

އުތުރު ކޮރެޔާ ދޫކޮށް ދެކުނު ކޮރެޔާއަށް ހިޖުރަކޮށްފައިވާ މީހުން އުތުރު ކޮރެޔާއަށް ލީފްލެޓާއި މަޖައްލާފަދަ ތަކެތި ފޮނުވުން ހުއްޓާނުލާނަމަ ދެ ކޮރެޔާގެ ދެމެދުގައި ގުޅުން ބަދަހިކުރުމާގުޅޭ އިދާރާ ބަންދުކޮށް މަޝްރޫޢޫތައް ހުއްޓާލާނެކަމުގެ އިންޒާރު އުތުރު ކޮރެޔާއިންވަނީ ދީފައެވެ. އުތުރު ކޮރެޔާގެ ޒަޢީމު ކިމް ޖޮން އުންއަށް އިޚްތިރާމު ކުޑަކުރުމަށް ތުޙުމަތު ދެކުނު ކޮރެޔާއަށްވަނީ އަމާޒުވެފައެވެ.

ދެކުނު ކޮރެޔާއާއެކު ކުރަމުންދާ މަސައްކަތްތަކަކީ ހަތުރަކާ ދެކޮޅަށް ކުރާ މަސައްކަތަކަށް ބަދަލުވާންޖެހޭކަމަށް އުތުރު ކޮރެޔާގެ ސަރުކާރުންވަނީ ބުނެފައެވެ. އެގޮތުން ދެ ޤައުމުގެ ދެމެދުގައި އުފައްދާފައިވާ ގުޅުން ބަދަހިކުރުމާގުޅޭ އިދާރާއާއެކު އޮންނަ މުވާސަލާތީ ގުޅުމާއި ދެ ޤައުމުގެ އަސްކަރިއްޔާއާއި ރިޔާސީ އިދާރާއާ ދެމެދު އޮންނަ މުވާސަލާތީ ގުޅުންވަނީ ކަނޑާލާފައެވެ.

ދެކުނު ކޮރެޔާއިން ބުނީ ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމަށް އުތުރު ކޮރެޔާގައި ޤާއިމުކޮށްފައިވާ އިދާރާއާއި އަސްކަރީ ހޮޓްލައިނަށް ގުޅުމުން ޖަވާބުދީފައިނުވާކަމަށެވެ. އެގޮތަށް ކޮންމެ ދުވަހަކުވެސް ފޯނުން ގުޅުމަކީ ދެ ޤައުމުގެ ދެމެދުގައި އޮންނަ މައިގަނޑު މުވާސަލާތީ ގުޅުންކަން ފާހަގަކޮށް އެ ގުޅުން ދެމެހެއްޓުމަކީ މުހިންމުކަމެއްކަމަށް ދެކުނު ކޮރެޔާއިންވަނީ ބުނެފައެވެ. ދެކުނު ކޮރެޔާއިން ބުނީ އެ ސަރަޙައްދުގައި އަމާންކަމާއި ޞުލްޙަވެރިކަން ޔަޤީންކުރުމަށް ދެ ޤައުމުގެ ދެމެދުގައިވާ އެއްބަސްވުމާ އެއްގޮތަށް އެ ޤައުމުން މަސައްކަތްކުރުމުގައި ދެމިތިބޭނެކަމަށެވެ.

މުވާސަލާތީ ގުޅުން ކަނޑާލުމަށް އުތުރު ކޮރެޔާއިން ނިންމި ނިންމުމުގެ ސަބަބުން އުތުރު ކޮރެޔާގެ ނިއުކްލިއަރ މަޝްރޫޢު ހުއްޓާލުމަށް ކުރަމުންދިޔަ މަސައްކަތަށް ބުރޫއަރާނެއެވެ. ކަމާގުޅޭ މާހިރުން ދެކޭގޮތުގައި އުތުރު ކޮރެޔާއިން މުވާސަލާތީ ގުޅުން ކަނޑާލަން ނިންމާފައިވަނީ އެ ޤައުމު ދޫކޮށް ގޮސްފައިވާ ރައްޔިތުންގެ މައްސަލައިގެ ސަބަބުން އެކަނިކަމަށް ނުބެލެވޭކަމަށާއި ކޯވިޑް-19ގެ ސަބަބުން އެ ޤައުމަށް ކުރިމަތިވަމުންދާ އިޤްތިޞާދީ ދަތިތަކުގެ ސަބަބުންކަމަށް ބެލެވޭކަމަށެވެ. އަދި އެއީ ދެކުނު ކޮރެޔާގެ ފަރާތުން ކޮންމެވެސް ފައިދާއެއް ހޯދުމަށް ބޭނުންކުރާ އުކުޅެއްކަމަށް ބެލެވޭކަމަށް ގިނަ ބަޔަކު ދެކެއެވެ.