ތަރައްްޤީ

އައު ވީ.އައި.ޕީ ޓަރމިނަލްގެ ފުރަތަމަ ފިޔަވަހި މިއަހަރު ފަހުކޮޅަށް ނިންމާލެވޭނެ - އެމް.އޭ.ސީ.އެލް


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތަރައްޤީކުރާ އައު ވީ.އައި.ޕީ ޓަރމިނަލްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިއަހަރުގެ ފަހުކޮޅަށް ނިންމާލެވޭނެކަމަށް އެމް.އޭ.ސީ.އެލުން ވިދާޅުވެއްޖެއެވެ.

އައު ވީ.އައި.ޕީ ޓަރމިނަލް ތަރައްޤީކުރަނީ ހުޅުލޭ ހުޅަނގު ފަރާތުގައި ކުރިން އަކުއާ ރެސްޓޯރެންޓް ހިންގި ބިމުގައެވެ. މި މަސައްކަތްވެސް ކުރަމުންދަނީ އެއަރޕޯޓުގެ އައު ރަންވޭގެ މަސައްކަތްކޮށްފައިވާ ޗައިނާގެ ބެއިޖިން އަރބަން ކޮންސްޓްރަކްޝަން ގްރޫޕް، ބީ.ޔޫ.ސީ.ޖީންނެވެ.

4 ބުރިއަށް ތަރައްޤީކުރާ އައު ވީ.އައި.ޕީ ޓަރމިނަލްގެ ފުރަތަމަ ފިޔަވައްސަކީ 2200 އަކަމީޓަރުގެ ޖާގައިގެ ސަރަޙައްދެކެވެ. ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް މިހާރު ގޮސްފައިވާ ހިސާބާގުޅޭގޮތުން މަޢުލޫމާތުދެއްވަމުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލުން ވިދާޅުވީ، ވީ.އައި.ޕީ ޓަރމިނަލަށް ބޭނުންވާ ކޮންސްޓްރަކްޝަން މަސައްކަތް ނިމިފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ޢިމާރާތުގެ އިންޓީރިއަރ މަސައްކަތްތަކާއި، ޢިމާރާތުގެ ބޭރުން ފަސާޑު ޖެހުމުގެ މަސައްކަތް ކަމަށެވެ.

އެމް.އޭ.ސީ.އެލުން ވިދާޅުވީ، އައު ވީ.އައި.ޕީ ޓަރމިނަލުގެ ފުރަތަމަ ފިޔަވަހީގައި ދެން ކުރަން ހުރީ ގާތްގަނޑަކަށް 2 މަހެއްހާ ދުވަހުގެ މަސައްކަތްކަމަށެވެ. ނަމަވެސް ކޯވިޑް-19 އާއެކު ބައިނަލްޢަޤްވާމީ ދަތުރުތަކަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން، ޢިމާރާތަށް ބޭނުންވާ ބައެއް ސާމާނު ރާއްޖެއަށް ގެނައުމަށާއި، ކޮންޓްރެކްޓަރުގެ ފަރާތުން ރާއްޖެއަށް އަންނަންޖެހޭ ބައެއް އެކްސްޕާޓުން ރާއްޖެ ގެނައުމުގައި ލަސްތަކެއް ކުރިމަތިވެފައިވާކަމަށެވެ. އެހެންނަމަވެސް މިއަހަރުގެ ފަހުކޮޅަށް މަސައްކަތް އެއްކޮށް ނިންމާލެވޭ ވަރުވާނެކަމަށް އެކުންފުނިން ވިދާޅުވެއެވެ.

އައު ވީ.އައި.ޕީ ޓަރމިނަލުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ނިމުމުން، މިހާރު ވީ.އައި.ޕީ ލައުންޖުގެ ގޮތުގައި ބޭނުންކުރާ ތަނުގައި ހުރި ފެސިލިޓީތައް ބަދަލުކުރުމަށްފަހު، އެ ޢިމާރާތް ތަޅާލައި، ވީ.އައި.ޕީ ޓަރމިނަލްގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ފެށިގެންދާނެ ކަމަށް އެމް.އޭ.ސީ.އެލުން މަޢުލޫމާތުދެއެވެ. ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ނިމުމުން، އައު ވީ.އައި.ޕީ ޓަރމިނަލްގެ ޖުމްލަ ފްލޯ ސްޕޭސް 6800 އަކަފޫޓަށް އިތުރުވެގެންދާނެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މިހާރު ބޭނުންކުރާ ވީ.އައި.ޕީ ލައުންޖަކީ ޖާގައިގެގޮތުން އެހާ ތަނަވަސް ތަނެއްނޫނެވެ. އަދި ރާއްޖެ އަންނަ ބޭރުގެ މުއްސަނދި ފަތުރުވެރިންނާއި، މަޝްހޫރު ސެލެބްރިޓީންނާއި، ޢިއްޒަތްތެރިންނަށް ބޭނުންވާ ޕްރައިވެސީ އެންމެ ފުރިހަމަގޮތުގައެއް މިލައުންޖުން ނުލިބެއެވެ. ނަމަވެސް އަލަށް ތަރައްޤީކުރާ ވީ.އައި.ޕީ ޓަރމިނަލަކީ އެންމެފަހުގެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކުރާ ތަނެކެވެ. އެތަނުން މުއްސަނދި ފަތުރުވެރިން ބޭނުންވާ ޖާގައިގެ އިތުރުން، ވީ.އައި.ޕީގެ /ޚިދުމަތާއި، ވީ.ވީ.އައި.ޕީގެ ޚިދުމަތްތަކަށް ޚާއްސަ ލައުންޖްތައް ހުންނާނެކަމަށް އެމް.އޭ.ސީ.އެލުން ވިދާޅުވެއެވެ.