ޚަބަރު

މެމްބަރު އިބްރާހިމް ރަޝީދަށް އަނިޔާކުރަނިކޮށް ނަގާފައިވާ ވީޑިއޯ މަޖިލީހުގައި ދައްކައިފި


މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދަށް 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު ފުލުހުންތަކެއް އަނިޔާކުރާ ވީޑިޔޯ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތަޅުމުގައި ދައްކައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ހުރި ޓީވީސްކްރީނުން މި ވީޑިއޯ ދައްކާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އިވާ އަބްދުﷲ އެ ވީޑިއޯ މަޖިލީހުގައި ދެއްކުމަށް އެދިވަޑައިގެންނެވުމުންނެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފުލުހުންގެ މުވައްސަސާ އާއި ގުޅޭ އައު ބިލުގެ ބަހުސް މަރުހަލާގައި އެމްޑީޕީގެ ވަރަށް ގިނަ މެމްބަރުން ވަނީ ފުލުހުންގެ މުވައްސަސާގައި ތިބި ބައެއް ފުލުސް އޮފިސަރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. މި ގޮތުން ޖިނާއީ ބޮޑެތި ތުހުމަތުތައް ކުރެވޭ ބައެއް އޮފިސަރުން ފުލުހުންގެ ތެރޭގައި އެބަ ތިއްބެވިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަނީ ފުލުހުން މީގެ ކުރިން ކުރި އަނިޔާތައް ފާހަގަކުރައްވައި، ފުލުހުންގެ މުވައްސަސާ އިސްލާހު ކުރަންޖެހޭ ކަމަށް ވިދާޅުވެފައި އެވެ.

ފުލުހުންނާއި ގުޅޭ އައު ބިލް މަޖިލީހުން ފާސްވެގެންދާން ވާނީ ފުލުހުންގެ މުވައްސަސާ މިހާރަށް ވުރެ ބޮޑަށް ހަރުދަނާ ކުރެވޭނެ ގޮތައް ކަމަށް މެމްބަރުން ފާހަގަ ކުރެއްވި އެވެ.

އެމްޑީޕީގެ ގިނަ މެމްބަރުން ފުލުހުންގެ ފަރާތުން ލިބިފައިވާ އަނިޔާތަކުގެ ވާހަކަ ދެއްކެވިނަމަވެސް އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ވަނީ ވަކި ވަކި ފުލުހުންގެ ފަރާތުން ލިބޭ އަނިޔާތަކާ ހުރެ މުޅި ފުލުހުންގެ މުވައްސަސާ ބަދުނާމު ނުކުރުމަށާއި ޒާތީ ނުވުމަށް އެދިވަޑައިގެންފައި އެވެ.

މި ޖަލްސާގައި އިދިކޮޅު ޕާޓީއެއްގެ މެމްބަރަކު ބައިވެރިވަޑައިނުގަންނަވަ އެވެ.