ތ.ތިމަަރަފުށީގައި އަލަށް ހަދާ 100 ހައުސިންގ ޔުނިޓްގެތެރެއިން ގިނަ ގެތަކެއްގެ ފައުންޑޭޝަން މަސައްކަތް ނިންމައި 10 ގެއެއް ރޭނުމުގެ މަސައްކަތް ފަށައިފިއެވެ.
ތިމަރަފުށީގައި ކުރިއަށްގެންދާ ހައުސިންގ މަޝްރޫއަކީ 100 ރޯހައުސް ތަރައްޤީކުރުމުގެ މަޝްރޫއެކެވެ. މިމަޝްރޫޢުގެ މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަނާއި ހަވާލުކޮށްގެން ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީމަހުއެވެ. މި ގެތަކަކީ 3 ކޮޓަރިއާއި، ތިން ފާޚާނަ އަދި ސިިޓީންގްރޫމަކާއި ލޯންޑްރީ އޭރިއާއެއް ހިމެނޭ ގޮތަށް ހަދާ ގެތަކެކެވެ.
ޕީއެސްއެމްއާއި ވާހަކަދައްކަވަމުން ހައުސިންގ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޚާލިސް ޝަރީފް ވިދާޅުވީ ތިމަރަފުށީގައި 100 ރޯހައުސް އެޅުމުގެ މަޝްރޫޢުގެ ދަށުން 27 ގޭގެ ފައުންޑޭޝަން މަސައްކަތް ނިމިފައިވާކަމަށެވެ. އަދި 16 ޔުނިޓްގެ ކޮންކްރީޓް ތަނބުތައް ޖަހާނިންމައި، 10ގެ ރޭނުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. 71 މިިލިނިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތް އެސް.ޖޭ ކޮންސްޓްރަކްޝަނާއި ހަވާލުކޮށްފައިވަނީ 1 އަހަރުތެރޭގައި ނިންމުމަށެވެ.
ތިމަރަފުށްޓަކީ އާބާދީގައި 2500 އަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ. އަދި އެރަށުގައި އަމިއްލަ ބޯހިޔާވަހިކަން ބޭނުންވާ 300 އަށްވުރެ ގިނަ މީހުން ތިބިކަމަށް ރަށު ކައުންސިލުންވަނީ ފާހަގަކޮށްފައެވެ. ރަށުގެ ލޭންޑް ޔޫސް ޕްލޭންގައިވެސް ބޮޑު ސަރަޙައްދެއްވަނީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ތަރައްޤީކުރުމަށް ކަނޑައަޅާފައެވެ.
މީގެއިތުރަށް ސަރުކާރުން އަލަށް ފަށައިގެން ކުރިއަށްގެންދާ ހައުސިންގ މަޝްރޫޢުތަކުގެތެރޭގައި ތެރޭގައި ހިމަނައިގެން ޅ.ނައިފަރުގައި 100 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތްވެސްދަނީ ކުރަމުންނެވެ. މި މަޝްރޫޢުގެ ދަށުން އެރަށުގައި އަޅާ 4 ފްލެޓް އިމާރާތުގެތެރެއިން ބްލޮކް.އޭގެ ފައުންޑޭޝަންގެ ކުރިން އަޅާ ކޮންކްރީޓް ޕުޓިންގ އެޅުމުގެ މަސައްކަތްވަނީ ނިމިފައެވެ.
މިމަޝްރޫޢުގެ ދަށުން އެރަށުގައި އަޅަނީ 3 ފަންގިފިލާގެ 3 އިމާތާއި، 4 ފަންގިފިލާގެ އިމާރާތެކެވެ. ކޮންމެ އެޕަރޓްމަންޓެއްގައި 3 ކޮޓަރިއާއި ތިން ފާޚާނާ، ސިޓިންގ ރޫމަކާއި އަދި ބަދިގެއާއި ސްޓޯރޫމްހިމެނެއެވެ.
ނައިފަރުގައި އަޅާ 100 ހައުސިންގ ޔުނިޓްގެ މަސައްކަތް ހަވާލުކޮށްފައިވަނީ މިއަހަރުގެ ފަހުކޮޅަށް ނިންމުމަށެވެ. ބިމުގެދަތިތަކާއި ގުޅިގެން ނައިފަރުން ގޯތިދޫނުކުރާތާ 8 އަހަރުވަނީ ވެފައެވެ. އަދި އެރަށުގެ ފަޅުން ބިންހިއްކައި، އަލަށް ހަދާ ހައުސިންގ ޔުނިޓްތައްވެސް ހަދަނީ ހިއްކި ސަރަޙައްދުގައެވެ.
ނައިފަރަކީ އާބާދީގައި ފަސްހާހެއްހާ މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ.