ވިޔަފާރި

އަލީ ވަޙީދު ފަތުރުވެރިންނަށް - ލަގެޖްތައް ޕެކްކުރޭ، ރާއްޖެ މިހުޅުވާލަނީ


"އެހުރިހާ ކަމެއް ފެށިގެން އައީ 1972 ވަނަ އަހަރު. އިރާދަކުރެއްވިއްޔާ ޖުލައި 2020ގައި އަނެއްކާވެސް އެކަން ފަށާނަން" މިއީ ކޯވިޑްއަށްފަހު ފަތުރުވެރިކަން އަލުން ފަށާ، ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރުމަށް ދައުވަތު ދެއްވަމުން އަލީ ވަޙީދު ފޮނުއްވި ޚާއްސަ ވީޑިއޯ މެސެޖު ފެށިގެންދިޔަ ގޮތެވެ.

"ސަން ވިލް ރައިޒް އަގެއިން" ނަމުގައި އެމްއެމްޕީއާރުސީން ބޭއްވި ފޭސްބުކް ލައިވްގައި ހުރިހާ ފަތުރުވެރިންނަށް ރާއްޖެ އައުމަށް ދައުވަތު ދެއްވަމުން މިނިސްޓަރ އަލީ ވަޙީދު ދެއްވި ވީޑިއޯ މެސެޖު އާއްމު ގޮތެއްގައި ރާއްޖޭގެ އިޝްތިހާރުކުރުމަށް ގެންގުޅޭ ވީޑިއޯ މެސެޖުތަކާ ތަފާތެވެ.

އަލީ ވަޙީދުގެ މެސެޖުގައި ދުނިޔޭގައި އޮތް އެންމެ ރީތި ޖަޒީރާ ރަށްތަކަށް ރާއްޖެ ވެފައި އޮތުމަކީ ނިއުމަތެއްކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ދޮންވެލި ގޮނޑުދޮށްތަކާއި ކަނޑުއަޑީގެ ރީތި މަންޒަރުތަކަކީ އެފަދަ ދެވަނައެއް ނުވާ ތަންތަންކަމަށް އަލީ ވަޙީދުގެ މެސެޖުގައި ސިފަކުރަމުން ގެންދެވިއެވެ.

ރާއްޖެއަންނަން ބޭނުންވާ ހުރިހައި ފަތުރުވެރިންނަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ދެއްވި ޙާއްސަ މެސެޖު

"ރާއްޖެއަކީ ދެމަފިރިން ޗުއްޓީ ހޭދަކޮށްލުމަށް އެންމެ ކަމުދާނެ ގެޓްއަވޭ، އާއިލާތަކަށް މިއީ އެންމެ ކަމުދާނެ ރީޔޫނިއަން. އަހަރެމެން އެންމެންނަށް މިއީ ދުނިޔެމަތީގައިވާ ޕެރެޑައިސް"

އަލީ ވަޙީދުގެ ކުރު، ފޮނި މެސެޖް ނިންމާލީ އަންނަމަހު ފަތުރުވެރިކަން ރާއްޖޭގައި ފަށަން ތައްޔާރުވާއިރު، ރާއްޖެ އައުމަށް ލަގެޖްތައް ތައްޔާރުކުރުމަށް އަވަސްކުރުމަށް ގޮވާލަމުންނެވެ.

"ފަތުރުވެރިކަމުގެ އާ ފަތިހަކަށް އަލިވިލޭނެކަން ޔަޤީން" 85 ހާސް މީހުން ބަލަމުންދިޔަ "މޯލްޑިވްސް، ސަން ވިލް ރައިޒް އަގެއިން" ފޭސްބުކް ލައިވް އިވެންޓަށް މިނިސްޓަރ އަލީ ވަޙީދު ފޮނުއްވި މެސެޖް ނިންމަވާލައްވަމުން ވިދާޅުވިއެވެ.