ޚަބަރު

ކޯވިޑް-19 - އެންއީއޯސީން މަޢުލޫމާތުދިނުމުގެ 100 ބައްދަލުވުން


މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ޗައިނާގައި ފެތުރެންފެށި ކޯވިޑް-19ގެ ބަލިމަޑުކަން އެހެން ޤައުމުތަކަށް ފެތުރެން ފެށުމާއެކު އެކަމުގެ ބިރުވެރިކަން ދިވެހިރާއްޖެއަށްވެސް ބޮޑުވިއެވެ. ރާއްޖެއަކީ ލައްކައިން ފަތުރުވެރިން އަންނަ ޤައުމަކަށްވުމުން، ދިވެހިރާއްޖެވީ ބަލި ފެތުރުމުގެ "ރިސްކް" ބޮޑު ޤައުމެއްގެ ގޮތުގައެވެ.

ކޯވިޑް- 19އާއި ދެކޮޅަށް ރާއްޖޭގައި ރަސްމީކޮށް މަސައްކަތް ފަށާފައިވަނީ ޖެނުއަރީމަހުގެ މެދުތެރޭގައެވެ. މިއާއެކު "ހެލްތު އިމަރޖެންސީ ކޯޑިނޭޝަން ކޮމިޓީ" އުފައްދަވާ މައި ހުރިހާ އިދާރާތައް ގުޅިގެން، ބައްޔާއި ދެކޮޅަށް ކުރާނެ މަސައްކަތްތަކާއި ގުޅޭ މަޝްވަރާތައް ފެށިއެވެ. އެންމެ ފުރަތަމަ މި މަސައްކަތް ފެށިއިރު މައިގަނޑު މަސައްކަތަކަށްވީ ބަލި ރާއްޖެއަށް އަންނާނެކަމަށް ބަލައި ވައިގެ ބަނދަރުތަކާއި، ޕޯޓުތަކުގައި ރައްކާތެރި ފިޔަވަޅުތައް އެޅުމެވެ. އަދި ބަލި ރާއްޖެއަށް އަތުވެއްޖެނަމަ ކަންކަން ރާވާ ހިންގާނެގޮތުގެ ޕްލޭންތައް އެކުލަވާލުމެވެ.

ކޯވިޑް-19އާއި ގުޅިގެން ސަރުކާރުން ކުރައްވަމުންގެންދާ މަސައްކަތްތަކާއި ގުޅޭގޮތުން އާއްމުންނަށް މަޢުލޫމާތު ޙިއްސާކުރުމަށް އެންމެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިވަނީ ހެލްތު މިނިސްޓްރީގައި، މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީން ބައިވެރިވެވަޑައިގެން ޖެނުއަރީ މަހުގެ 26ގައެވެ. މިއީ އާއްމު ރައްޔިތުންނާއި އަދި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުހޯދުމަށްވެސް ވަރަށް ބޭނުންވެފައިވާ ވަގުތެއްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެކެވެ. މިބައްދަލުވުމުގައިވަނީ ކޯވިޑާއި ގުޅޭގޮތުން ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކާއި، ކޯވިޑް-19އާ ގުޅޭ މުހިންމު މަޢުލޫމާތުތައް ޙިއްސާކުރައްވާފައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޙިއްސާކުރެއްވި މުހިންމު ވާހަކަފުޅުތަކުގެ ތެރޭގައި ކޮރޯނާ ބަލީގެ މީހަކު ރާއްޖެއިން ފެނިއްޖެނަމަ އެކަހެރިކުރުމަށް މާލެކައިރިން ކ.ފުނަދޫ ހަމަޖައްސަވަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި އަލަށް ފެތުރެންފެށި މިބައްޔަށް ދިވެހި ރާއްޖޭގައި މަސައްކަތްކުރައްވާ ސިއްޙީ އެހީތެރިން ތަމްރީން ކުރައްވަން ފައްޓަވާފައިވާކަން ހާމަކުރެއްވިއެވެ. އަދި އެ ތާރީޚާއި ހަމައަށް، ބައްޔަށް ޝައްކުވާ މީހަކު ރާއްޖެއިން ނުފެންނަކަމަށާއި، އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ މަޢުލޫމާތުތައް ޙިއްސާކުރައްވާފައިވެއެވެ.
މަރޗްމަހާއި ޖެހެންދެން ކޯވިޑް-19އާއި ގުޅޭ މަޢުލޫމާތު ހިއްސާކުރެއްވުމަށް ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަމުން އައިސްފައިވަނީ ހެލްތު މިނިސްޓްރީގެ މީޓިންގ ރޫމްގައެވެ.

އަދި އެއަށްފަހު މި މަސައްކަތްތައް ސީދާ ރައީސް އޮފީހުގެ ދަށުން ބަލަހައްޓަވަން ފެށުމާއި ގުޅިގެން ދެން ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަން ފެއްޓެވީ ރައީސް އޮފީހުގައެވެ. މަރޗް 1 ގައި ކޯވިޑް-19 އާއި ގުޅޭ މަސައްކަތްތައް ޤައުމީ ފެންވަރެއްގައި ކުރިއަށްގެންދިއުމަށް، "ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ" އެކުލަވާލުމާއެކު ޕްރެސް ކޮންފަރެންސްތައް ބޭއްވުން ދަރުބާރުގެއަށް، ބަދަލުކުރިއެވެ.

އަދި އާއްމުންނާއި މީޑިއާތަކަށް ބޭނުންވާ މަޢުލޫމާތު ޙިއްސާކުރުމަށް އެންއީއޯސީގެ ތަރުޖަމާނުގެ ގޮތުގައި، ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މަބްރޫކް އަޒީޒް ހަމަޖެއްސެވިއެވެ.
މި ދުވަސްވަރަކީ ކޯވިޑާއި ގުޅިގެން އެކި މުޢައްސާތަކަށް މަސްޢޫލިއްޔަތުތައް ކަނޑައަޅައި، އަދި ތަންފީޒީ ގިނަ މަސައްކަތްތަކެއްވެސް ކުރި ދުވަސްވަރެކެވެ. އަދި މަރޗް 7 ގައި ރާއްޖެއިން ކޯވިޑް-19ގެ ފުރަތަމަ ކޭސް ފެނުމާއި ގުޅިގެން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް ޤާނޫނީގޮތުން ލިބިދޭ ބާރުގެދަށުން މުހިންމު ގިނަ ނިންމުންތައްވެސް ނިންމެވި ދުވަސްވަރެކެވެ.

މިކަންކަމާއި ގުޅޭ އެންމެހާ މަޢުލޫމާތުތައް އާއްމުންނާއި ހަމައަށް ގެނެސްދެނީ، އެންއީއޯސީގައި ޕްރެސް ކޮންފަރެންސްތައް ބޭއްވުމަށް ޚާއްސަކޮށްފައިވާ "ޕްރެސް ރޫމް"ގައި ނޫސްވެރިންނަށް ބައިވެރިވެވޭގޮތަށެވެ.
ޕްރެސްތައްވެސް ކުރިއަށްގެންދަނީ އެކި ދާއިރާތަކަށް ބަހައިގެން ތަރުތީބުކޮށްގެންނެވެ. އެންއީއޯސީގައި ފުރަތަމަ ޕްރެސްތައް ބާއްވަން ފެށިއިރު ދުވާލަކު ދެފަހަރަށް ޕްރެސްކޮންފަރެންސްތައް ބޭއްވިއެވެ. އެގޮތުން ކޮންމެ ދުވަހެއްގެ މެންދުރު ފަހު 14:30 އާއި ރޭގަނޑު 21:00 ގައި ޕްރެސްތައް ބޭއްވިއެވެ.

މި ޕްރެސްކޮންފަރެންސްތަކުގައި ހެލްތު މިނިސްޓަރ އަބްދުﷲ އަމީންއާއި، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރާއި، ތަރުޖަމާނު މަބުރޫކް އަޒީޒް ބައިވެރިވެވަޑައިގަންނަވައެވެ. އަދި ބަލިން އަރައިގަތުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ތަފްސީލް ރައްޔިތުންނާއި ޙިއްސާކުރެއްވުމަށް ތިންފަހަރެއްގެ މަތިން ރަޢީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙްވެސްވަނީ، ނޫސްވެރިންގެ ބައްދަލުކުރައްވާފައެވެ.

އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ދެން އެންމެ އާއްމުކޮށް ފެންނަ މޫނުތަކަކީ ހެލްތު މިނިސްޓްރީގެ، ގައިންގަޔަށް ނާރާ ބަލިތަކާއި ދެކޮޅަށް މަސައްކަތް ކުރާ ޑިޕާޓްމަންޓްގައި އިިސްކޮށް މަސައްކަތްކުރައްވާ ޑރ.ނަޒްލާއާއި ޑރ.އަފްޒަލްއެވެ. މި ޑޮކްޓަރުންގެ މައިގަނޑު މަސައްކަތަކީ ރާއްޖޭގައި ބަލީގެ ހާލަތު އޮތްގޮތް ކިޔައިދިނުމާއި، ބައްޔާއި ގުޅިގެން ރާއްޖެއަށް ކުރިމަތިވެދާނެ ޙާލަތާއި ގުޅޭގޮތުން ހަދާ ދިރާސާތަކާއި ތަފާސް ހިސާބުތަކުގެ މަޢުލޫމާތުތައް ޙިއްސާކޮށް، ކޮންޓެކްޓް ޓްރޭސިންގއާއި ގުޅޭ މަޢުލޫމާތު ޙިއްސާކުރުމެވެ.

އަދި ބައްޔާއި ގުޅިގެން ޓެކްނިކަލް ލަފާދޭ ޑޮކްޓަރުންގެ ޓީމް ޓެގްގެ މެންބަރުންވެސް، އާއްމު މަޢުލޫމާތުތައް ޙިއްސާކުރެއްވުމަށް މިބައްދަލުވުންތަކުގައި އަންނަނީ ބައިވެރިވެ ވަޑައިގަންނަވަމުންނެވެ.
މީގެކުރިން އަހަރަމެންނަށް ނުފެންނަ، އެހެން ނަމަވެސް ސިއްޙީ ދާއިރާގައި މަސައްކަތްކުރައްވާ އެތައް މުހިންމު މޫނުތަކެއް މި ޕްރެސްތަކުން ފެންނަންފެށިއެވެ.

މި ޕްރެސްކޮންފަރެންސްތަކުގެ ދެން އެންމެ އިސް ބޭނުމަކަށްވީ ކޯވިޑްގެ ކޭސްތައް ފެނުމާ ގުޅިގެން ހަރުދަނާކުރި ފިޔަވަޅުތަކާއި، ޚާއްސަކޮށް ލޮކްޑައުންއާއި ގުޅިގެން ޚިދުމަތްތަކަށް އައި ބަދަލުތަށް ޙިއްސާކުރުމެވެ. ވިޔަފާރި ކުރުމާއި، ދަތުރުފަތުރުގެ ކަންކަމާއި، ސިއްޙީ އެހީތެރިކަން ހޯދުމާއި، ބޭރަށް ނިކުމެ އުޅެވޭނެ ގޮތްތަކާއި، އަދި މިކަމާއި ގުޅިގެން އޮންލައިންކޮށް ހަމަޖައްސާފައިވާ ކަންކަމުގެ މަޢުލޫމާތުތައްވެސް ގެނެސްދެނީ ޕްރެސް ކޮންފަރެންސް މެދުވެރިކޮށެވެ. އެގޮތުން ސަރުކާރުގެ މިނިސްޓްރީތަކާއި، ސަރުކާރު ޙިއްސާވާ ކުންފުނިތަކާއި، އަދި ބައެއް ބޮޑެތި އެންޖީއޯތަކާއި އަމިއްލަ ކުންފުނިތަކުން އާއްމުންނަށްދޭ މުހިންމު ޚިދުމަތްތަކުގެ މަޢުލޫމާތުތައް ދަނީ ގެނެސްދެމުންނެވެ.

ނަމަވެސް ކޯވިޑް-19 ގެ ކޭސްތައް މާލެއިން ފެނި މާލެ ލޮކްޑައުން ކުރުމާ ގުޅިގެން ޕްރެސް ކޮންފަރެންސް ބާއްވާ ގޮތްތަކަށްވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. ކުރިން ދަރުބާރުގޭގެ ޕްރެސް ހޯލަށް ނޫސްވެރިންގޮސް ބައިވެރިވި ބައްދަލުވުންތައް، ފަހުން ބާއްވަން ފަށާފައިވަނީ އޮންލައިންކޮށެވެ. ޕްރެސް ދެއްވާ ފަރާތްތަކުން އެންއީއޯސީގައި ތިއްބަވާއިރު، ނޫސްވެރިން ތިބެނީ މަސައްކަތްކުރާ އިދާރާއެއްގައި ނޫނީ، ގޭގައެވެ. މިގޮތަށް ނޫސްވެރިންގެ ބައްދަލުވުން ބާއްވަން ފެށުމުން މާލޭގައި ހިންގާ ނިއުސް މީޑިއާތަކުގެ އިތުރަށް އަތޮޅުތަކުގައި ހިންގާ މީޑިއާތަކަށް ބައިވުމުގެ ފުރުސަތުލިބި، އެ ސަރަހައްދުތަކަށް މުހިންމު މަޢުލޫމާތުތަށް އޮޅުންފިލުވޭނެ މަގުވެސް ފަހިވެގެން ދިޔައެވެ.

މިއަދާއި ހަމައަށް ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުންވަނީ ކޯވިޑް-19 ގެ ރާއްޖޭގައި ފެތުރެމުންދާ މިންވަރާއި މިބަލިން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކާބެހޭ ގޮތުން މަޢުލޫމާތުދިނުމުގެ ގޮތުން 100 ޕްރެސް ކޮންފަރެންސް ބާއްވާފައެވެ.

މިޕްރެސްކޮންފަރެންސްތައް ބާއްވަމުން އަންނަނީ ހުރިހާ ފަރާތްތަކަށްވެސް މީގެ މަޢުލޫމާތު ލިބޭނެ ގޮތަށެވެ. އެގޮތުން އަޑުއެހުމުން މަހުރޫމުވެފައިވާ މީހުންނަށް، މި މަޢުލޫމާތުތައް ޙިއްސާކުރުމަށް ސައިން އިންޓަރޕްރިޓަރުންވެސް ކޮންމެ ނޫސްވެރިންގެ ބައްދަލުވުމެއްގައިވެސް ބައިވެރިވެއެވެ.

ކޯވިޑް-19އާ ގުޅޭ މަޢުލޫމާތު ރާއްޖޭގެ ރައްޔިތުންނަށް އެންމެބޮޑަށް ލިބިގެންދަނީ ސިލްސިލާކޮށް ކުރިއަށްގެންދާ މިޕްރެސްކޮންފަރެންސްތަކުންނެވެ. މަސައްކަތުގައި ނިއުސް މީޑީއާތަކުގެ އިތުރުން އެންއީއޯސީގެ މީޑިއާ ޓީމުންވެސް މުހިންމު ބުރަ މަސައްކަތްތަކެއް ކުރައްވައެވެ.

ޕްރެސްއަށް ބޭނުންވާ މަޢުލޫމާތުތައް އެއްކުރުމާއި، އިންފޯގްރެފިކްސް ހެދުމާއި، ޓެކްނިކަލް ހުރިހާ މަސައްކަތްތައް ބަލަހައްޓަވަނީ އެންއީއޯސީތެރޭގައި، އެ ސެންޓަރުގެ ކޮމިއުނިކޭޝަން ކްލަސްޓަރއިންނެވެ.