ވަޒީފާއަށް ސަލާމް ބުނުމަށްފަހު ޑޮކްޓަރުގެ ލިޔުން ނުވަތަ މެޑިކަލް ސެޓިފިކެޓާ ނުލައި 15 ދުވަހު ސަލާމް ބުނެވޭނެގޮތަށް ވަޒީފާއާބެހޭ ޤާނޫނަށް އިޞްލާޙު ގެންނަވާނެކަމަށް އެޤާނޫނަށް އިޞްލާޙު ހުށަހެޅުއްވި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ ވިދާޅުވެއްޖެއެވެ.
ވަޒީފާއާބެހޭ ޤާނޫނު މިހާރު އޮންނަގޮތުން ސަލާމުގެގޮތުގައި ކޮންމެ އަހަރަކު ކޮންމެ މުވައްޒަފަކަށް 30 ދުވަސް ލިބެއެވެ. ނަމަވެސް ވިދިވިދިގެން ދެދުވަހަށްވުރެ ގިނަ ދުވަހު ސަލާމް ބުނާނަމަ ޑޮކްޓަރުގެ ލިޔުމެއް ނުވަތަ މެޑިކަލް ސެޓިފިކެޓް ހުށައަޅަންޖެހެއެވެ.
ނަމަވެސް ވަޒީފާއާއި ބެހޭ ޤާނޫނަށް މެންބަރު އަޙްމަދު ޢީސާ މިހާރު ހުށައަޅުއްވާފައިވާ އިޞްލާޙުގައިވާގޮތުން ވަޒީފާއަށް އެންމެ ދުވަހަކުވެސް ސަލާމް ބުނާނަމަ މެޑިކަލް ސެޓިފިކެޓް ހުށަހަޅަންޖެހޭނެކަމަށެވެ. މި އިޞްލާޙުގައި ވަނީ މުވައްޒަފަކު ޚިދްމަތްކުރާ ކޮންމެ އަހަރަކު، މުސާރަ ލިބޭގޮތަށް ކޮންމެ މުވައްޒަފަކަށްވެސް މަދުވެގެން ތިރީސް ދުވަސް ސަލާމުގެ ޗުއްޓީގެ ގޮތުގައި ދޭންވާނެކަމަށެވެ. އަދި ބަލީގެ ބާވަތާއި އެބަލީގެ ސަބަބުން މުވައްޒަފަކަށް މަސައްކަތަށް ނުނިކުމެވޭނެ މުއްދަތު ބަޔާންކޮށް، ރަޖިސްޓަރީކޮށްފައިވާ ޞިއްޙީ މަސައްކަތްތެރިޔަކު ދޫކުރާ މެޑިކަލް ސެޓްފިކެޓެއް ވަޒީފާއަށް ނުކުންނަ ދުވަހު ހުށަހެޅުމުން މެނުވީ، އެމުވައްޒަފަކަށް ސަލާމުގެ ޗުއްޓީ ދިނުން، ވަޒީފާދޭ ފަރާތުގެ މައްޗަށް ލާޒިމުވެގެންނުވާކަމަށްވެސް ޢީސާ ހުށައެޅުއްވި އިޞްލާޙުގައިވެއެވެ.
މި އިޞްލާޙާ ގުޅިގެން ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުންތަކާއި ފާޑުކިއުންތައް އަމާޒުވުމުން މެންބަރު އީސާ ވަނީ އެއިޞްލާހަށް ހެޔޮ ބަދަލުތަކެއް ގެންނަވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން ވަޒީފާއާ ބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކަށް ބައެއް ބަދަލުތައް ގެނައުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގައި މަޝްވަރާ ކުރައްވާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން މެޑިކަލް ސެޓިފިކެޓާއެކު 15 ދުވަސް އަދި މެޑިކަލް ސެޓިފިކެޓާ ނުލައި 15 ދުވަސް، އަހަރަކު ޖުމުލަ 30 ދުވަހުގެ މެޑިކަލް ލީވް ނެގޭނެ ގޮތަށް ކޮމިޓީ މަރުހަލާގައި އިޞްލާޙު ގެންނަވާނެކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
ވަޒީފާއާބެހޭ ޤާނޫނަށް ހުށައަޅާފައިވާ އެހެނިހެން އިޞްލާޙުތަކުގެ ތެރޭގައި އެންމެކުޑަ އުޖޫރަ ކަނޑައަޅާނެ މިންވަރާއި، ވަޒީފާ ނެތް މީހުންނަށް އިނާޔަތްދޭން ކަނޑައަޅަން ވަނީ ހިމަނާފައެވެ. މިގޮތުން ހަތަރު ހާހާއި އަށްހާސް ފަސް ސަތޭކައާ ދެމެދުގެ ޢަދަދެއް މިނިމަމް ވޭޖުގެ ގޮތުގައި ބިލުގައި ހިމެނުމަށް ވަނީ ހުށަހަޅާފައެވެ.