ނިއު ނޯމަލްގެ ހާލަތު ތަންފީޒުކުރާއިރު އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޑިސްޕޯސިބަލް އަންގި، މާސްކް އަދި ޕްލާސްޓިކް ކޮތަޅު ފަދަ ތަކެތި ނައްތާލުމުގައި ސަމާލުކަން ދިނުމަކީ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކިގެން އަމަލްކުރުމަށް ދިރާގުން ގޮވާލައިފިއެވެ.
ދިރާގުން މިކަމަށް ގޮވާލާފައި މިވަނީ ދުނިޔޭގެ ކަނޑުތަކުގެ ދުވަހާއި ގުޅިގެން ނެރެފައިވާ ބަޔާނެއްގައެވެ.
ދިރާގުން ބުނީ ކޯވިޑް-19އާ ގުޅިގެން ޤައުމުތަކުން އަޅާފައިވާ ފުރަބަންދުތައް އުވާލާ، އޮފީސްތަކާއި ވިޔަފާރިތައް އަލުން ހުޅުވާ، ބޭރަށް ނިކުމެ އުޅެން ހުއްދަ ލިބޭއިރު އެއްފަހަރު ބޭނުންކުރާ މާސްކް އަންގި ފަދަ ތަކެތި ބޭނުންކުރުން އާންމު ވާނެކަމަށެވެ. އެހެންކަމުން "ނިއު ނޯމަލް" ނުވަތަ އައު ޢާންމު ޙާލަތުގައި މިގޮތަށް އެއްފަހަރު ބޭނުންކޮށްފައި އެއްލާލަންޖެހޭ މާސްކް އަދި އަންގި ފަދަ ތަކެތި ބޭނުންކޮށް ނައްތާލުމުގައި ޒިންމާދާރުކޮށް އަމަލުކުރުމަށް ދިރާގުން ވަނީ ހަނދާންކޮށްދީފައެވެ. އަދި މާސްކް، އަންގި އަދި ޕްލާސްޓިކް ކޮތަޅުފަދަ ތަކެތި ރައްކާތެރިގޮތުގައި ނައްތާނުލެވިއްޖެ ނަމަ، ކަނޑުތަކާ ފަރުތަކަށް އޭގެ ސަބަބުން ނުހަނު ނޭދެވޭ އަސަރުކުރާނެތީ ރައްކާތެރި ގޮތުގައި އެއްފަހަރު ބޭނުންކުރާ ތަކެތި ނައްތާލުން މިއީ ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއެއް ކަމަށް ދިރާގުން ބުނެއެވެ.
މިއަދު ކަނޑުތަކުގެ ދުވަސް ފާހަގަކުރަމުންދާއިރު، ރާއްޖެއަކީ ކަނޑުތަކާއި އޭގައިވާ ދިރުންތަކަށް ބަރޯސާވެފައިވާ ޤައުމެއްކަމުގައި ވުމުން، ކަނޑުތައް ރަނގަޅަށް ބެލެހެއްޓުމަކީ ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއެއްކަން ދިރާގުގެ ބަޔާނުގައިވެއެވެ. އަދި މަގު މައްޗަށާއި މީހުން އުޅޭ ސަރަހައްދުތަކަށް މި ފަދަ ތަކެތި އުކާލުމުގެ ނޭދެވޭ އާދަތަކާ ދުރުވުމަކީ ހުރިހާ އެންމެންގެވެސް ފަރުދީ ޒިންމާއެކެވެ.
ދިރާގުން ދަނީ 2016 ވަނަ އަހަރުން ފެށިގެން ތިމާވެށި ހިމާޔަތް ކުރުމަށް ތާއީދުކޮށް ބާރުއެޅުމަށް "ފޯ ދި އޯޝަންސް" ގެ ނަމުގައި ހާއްސަ ކެމްޕެއިނެއް ހިންގަމުންނެވެ. މިކެންޕެއިންގެ ދަށުން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓުވުމަށް ބާރު އަޅާ އަދި ރީ-ޔޫސަބަލް ކޮތަޅު ބޭނުން ކުރުން އާދައަކަށް ހެދުމަށް ވަނީ ގޮވާލާފައިއެވެ.