ޢާއްމު ސިއްޙަތުގެ ކުއްލިނުރައްކަލުގެ ޙާލަތާ ގުޅިގެން ފެމިލީ ކޯޓުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މިއަދު އެކަނިވެސް 10 ކައިވެނިކޮށްފިއެވެ.
މިއީ އެކޯޓުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އެއް ދުވަހާ އެންމެ ގިނަ ކައިވެނިކުރި ދުވަހެވެ. މިއާއެކު އެކޯޓުން ވީޑިއޯ ކޮންފަރެންސް މެދުވެރިކުރި ކައިވެނީގެ ޖުމްލަ އަދަދު ވަނީ 52އަށް އަރާފައެވެ. ޢާންމު ސިއްޙަތުގެ ކުއްލި ނުރަކަލުގެ ޙާލަތުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނިކޮށްދިނުމަށް ނިންމައި ޢަމަލުކުރާނެ ގޮތުގެ އުސޫލު ޢާއްމުކުރީ މިމަހުގެ ހަތަރުވަނަ ދުވަހުއެވެ.
ކައިވެނި ކުރެވޭ ދެމީހުންނާއި ހެކިވެރިންނާއި އަދި ވަލީވެރިޔާވެސް ކޯޓަށް ނުގޮސް ކައިވެނިކުރެވޭނެ އިންތިޒާމް ހަމަ ޖެއްސުމަށްފަހު ފެމިލީ ކޯޓުން ފުރަތަމަ ކޮށްދީފައިވަނީ ރުޖޫއަ ކައިވެންޏެކެވެ. ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނީގެ މަޖިލިސް ބާއްވައި ކައިވެނި އަގުދުކޮށްދިނުމުގެ އުސޫލުގައިވާ ގޮތުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނި ކުރުމުގެ ކުރިން ކޯޓުންދޭ އިގުރާރެއްގައި ކައިވެނިވެވޭ ދެ ފަރާތުންނާއި ވަލީވެރިޔާގެ އިތުރުން ދެހެކިން ސޮއިކޮށް ހުށަހަޅަންޖެހެއެވެ.
މިގޮތައް ކައިވެނިކުރާއިރު ކައިވެނީގެ މަޖިލީހަށް ކޮންމެހެން ހާޒިރުވާންޖެހޭ މީހުން ހާޒިރުވެ ތިބިކަން ލިޔެކިޔުމުން ކަށަވަރުކުރުމަށްޓަކައި ކޯޓުން އެފަރާތްތަކަށް ފޮނުވާ ހާޒިރީގައި ސޮއިކުރުމަށްފަހު ވަގުތުން ފޮނުވަންޖެހެއެވެ. އަދި މިގޮތައް ކުރެވޭ ކައިވެނީގެ މަޖިލިސްތައްވެސް ކުރިއަށްދާނީ ޢާއްމު އުސޫލުން ކައިވެނީގެ މަޖިލިސްކުރިއަށްދާގޮތަށެވެ.
އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން ދައުލަތުގެ އޮފީސްތައްވެސް ބަންދުކޮށްފައިވާއިރު ފެމިލީ ކޯޓުން ކޮށްދެމުންދިޔަ ކައިވެނިތައް ކޯޓު ބަންދުވުމާ ގުޅިގެން އޮތީ މަޑުޖެހިފައެވެ. އެހެން ނަމަވެސް ކޯޓު ބަންދުވުމުގެ ކުރިން ކައިވެނިކުރުމަށް ހުށައަޅާފައިވާ ފަރާތްތައްވެސް ކައިވެނިކޮށްދިނުމަށް މިހާރު އެދުމުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އެ އުސޫލުގެ ދަށުން ކައިވެނިކޮށްދޭނެ ކަމަށް ފެމިލީ ކޯޓުން ވިދާޅުވެއެވެ. ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އެންމެ ފުރަމަ މަޖިލިސްތައް ގެންދަންފެށީ ފެމިލީ ކޯޓުންނެވެ. އޭގެ ފަހުން ސުޕްރީމް ކޯޓުންނާއި ހައިކޯޓުން ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ވަނީ ޝަރީއަތް ކުރިއަށް ގެންގޮސްފައެވެ.